ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާ ސުވާލު ކުރުން އެހެން ދުވަހަކަށް ތާވަލްކުރަން ނިންމައިފި އެވެ.
ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، މިނިސްޓަރު މަހްލޫފާ ސުވާލު ކުރުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފަ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުވާލުގެ ނޯޓިސް ގާނޫނުގައި ވާގޮތުގެ މަތިން މިނިސްޓަރަށް ދެވި، މަޖިލީހަށް ވަޑައިގަންނަވަން ދެންނެވި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވަޑައިގެންނެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ.
"ވަޒީރު ދާދި ދެންމެއަކު މަޖިލީހަށް އެންގެވީ އެބޭފުޅާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވަޑައިގެންނެވެން ނެތްކަމަށް. ވަޒީރު ހެޔޮ ހާލުކޮޅާ ވީމަ އަނެއްކާވެސް މަޖިލީހަށް ވަޑައިގަންނަވަން ދަންނަވާނަން،" ނަޝީދު ވިދާޅުވި އެވެ.
މެންބަރު ރިޔާޒު މިނިސްޓަރު މަހްލޫފާ ސުވާލު ކުރައްވަނީ ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުންނެވެ.
ނޮވެމްބަރު 20، 2022 ގައި ފެށި ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށް، އެ މައުލޫމާތު އޮތީ ހަމަކޮށްފަ އެވެ.
އެކަމަކު އެ މަސައްކަތް ކުރިއަށް ނުދާތީ، މިނިސްޓަރާ ސުވާލު ކުރަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ރޭވިފައިވާ ގޮތާއި މަސައްކަތް އެއްކޮށް ނިންމޭލެވޭނެ ތާރީހަކާ ގުޅޭގޮތުންނެވެ.