ޕާކިސްތާނުގެ ކުއެތާ ސިޓީގެ ފުލުސް އޮފިޝަލުންނަށް އަމާޒުކޮށްގެން، ސީޓީގެ ވަކި ދެ ހިސާބެއްގައި ދިން ހަމަލާތަކެއްގައި 4 މީހުން މަރުވެ، މަދުވެގެން 22 މީހުން ޒަހަމްވެއްޖެއެވެ. ފުލުހުންނަށް ދިން ހަމަލާއަކަށް ވިޔަސް، ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންކަމަށް ފާހަގަކުރެވެއެވެ.
ކުއެތާ ސިޓީގައި ދިން ބޮމުގެ ފުރަތަމަ ހަމަލާގައި 2 ފުލުސް އޮފިސަރުންނާއި، އަދި އާންމު 2 ރައްޔިތުން މަރުވިއެވެ. ފުރަތަމަ ބޮން ގޮއްވާލުމުގެ ގަޑިއިރުތަކެއް ފަހުން ސިޓީގެ އެހެން ހިސާބެއްގައި އޮތް ފުލުސް އުޅަނދެއް ކައިރީގައި ގޮއްވާލި ބޮމުގެ ސަބަބުން މީހަކު މަރުނުވިނަމަވެސް، 4 މީހުން ޒަހަމްވިއެވެ.
ބޮން ގޮއްވާލި ފުލުސް އުޅަނދަކީ އެ ހިސާބުގެ އިސް ފުލުސް އޮފިސަރެއްގެ ކާރުކޮޅުކަމަށާއި، އެ ބޭފުޅާ އެއިރު ދަތުރުކުރައްވަމުން ދިއައީ ފުލުސް ސްޓޭޝަނަށްކަމަށް، ޒަހަމްވި ފުލުސް އޮފިސަރުން ގެންދިޔަ ހޮސްޕިޓަލުގައި ހުރި ފުލުހުންގެ އޮފިޝަލް، މިތާ ޙާން ވިދާޅުވިއެވެ. ކާރު ނިސްބަތްވާ ފުލުހުންގެ އިސް އޮފިޝަލަށް އަނިޔާ ލިބިފައި ނުވިނަމަވެސް، އެ ބޭފުޅާއާއި އެކީގައި ތިބި ޑުރައިވަރާއި ހަމަލާ ދިން މީހާ މަރުވިއެވެ.
މި ހަމަލާތަކުގެ ޒިންމާ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) ނަގާފާވާއިރު، އެމީހުން ބޭނުން ކުރި އުކުޅަކީ، 4-5 ކިލޯގުރާމުގެ ބޮންގޮއްވަން ބެނުންކުރާ ސާމާނު ސައިކަލެއްގައި ހަރުކޮށްފައި، ރިމޯޓަކުން އެ ބޮމް ގޮއްވާލުންކަމަށް، ސީނިއާ ސުޕަރިޓެންޑަންޓް ޕޮލިސް ތަރުޖަމާން، ޒޮހައިބް މިހޮސިން ބަލޮޗް ތަފްސީލްކުރެއްވިއެވެ.
ޕާކިސްތާނުގައި ފުލުހުންނަށް އަމާޒިކޮށްގެން ހަމާލާ ދިނުން ވަނީ އާންމު، ނަމަވެސް ވަރަށް ގެއްލުން ބޮޑު ނުރައްކާތެރިކަމަކަށް ވެފައެވެ. މިދިޔަ އާދީއްތަ ދުވަހުވެސް ކުއެތާގެ ޕޮލިސް އީގަލްސް ސްކުއަޑުގެ ފުލުހުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި 2 ފުލުސް އޮފިސަރުން މަރާލިއެެވެ. އިތުރު އޮފިސަރުން ޒަހަމްވި އެ ހަމަލާ ދިން ހަމަލާވެރިންގެ ތެރެއިން އެކަކު ފުލުހުންގެ އަތުން މަރުވިއެވެ.
20 އަހަރުވަންދެން ބަލޮޗް ސެޕެރޭޓީސްޓުންގެ ބަޢާވާތުގެ މައިދާނަކަށް ވެފައިވާ ބަލޮޗިސްތާންގައި މިފަހުން ދިން ހަމަލާތައް ދިނުމުގެ ކުރިން، ޕާކިސްތާނުގެ އެންމެ މަތީ އިންޓެލިޖެންސް އޭޖެންސީއިން ގުލްޒާރް އިމާމް ކިޔުނު މީހަކު ހޯދައި ހައްޔަރުކުރިއެވެ. އޭނާއަަކީ މިހާރު އުވާލާފައިވާ ބަލޮޗް ނޭޝަނަލިސްޓް އާމީ (ބީއެންއޭ) އުފެއްދި މީހާކަމަށާއި، ގިނަ ޓެރަރިޒަމް ހަރަކާތް ހިންގުމުގައި އުޅުނު މީހެއްކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުންޏެވެ.
އިމާމް އަތުލައިގަތް އޮޕަރޭޝަނަށްވުރެން މާފުޅާކޮށް، ބޮޑު އަސްކަރީ އޮޕަރެޝަނެއް ފަށާ، ގައުމަށް ވެރިވެފައިވާ ޓެރަރިޒަމާއި ބިރުވެރިކަން ނައްތާލުމުގެ މަސައްކަތް ފެށުަމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެއްބަސްވެއްޖެކަމަށް، އެގައުމުގެ ބޮޑު ވަޒީރުގެ އިދާރާއިން ނެރުުނު ބަޔާނެއްގައި އެބައޮތެވެ.
މި އޮޕަރޭޝަނުގެ ޝިކާރައަކަށް ވާނީ ހަމައެކަނި ބީއެލްއޭއެއް ނޫނެވެ. ނަމަވެސް، މިދިޔަ މަސްތަކުގައި ހަމަލާތައް ދޭ ވަރު އިތުރުވަމުން އަންނަ ޕާކިސްތާން ތާލިބާނުންނަށްވެސް (ތެހުރީކް-އެ-ތާލިބާން ޕާކިސްތާން ނުވަތަ ޓީޓީޕީ) މި އޮޕަރޭޝަނުގައި އަމާޒުކުރެވޭނެއެވެ. ޓީޓީޕީއިން މި އަހަރުތެރޭގައި، ޕެޝާވަރުގައި ހުރި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 100 މީހުން މަރުވިއެެވެ. އެއިގެ ތެރެއިން ގިނައީ ފުލުހުންނެވެ. އަދި އެ ހަމަލާދިން މީހާ ހަމަލާދިނީ ގައިގާ ބޮމެއް ހަރުކޮށްގެން އައިސް އަމިއްލައަަށް ގޮއްވާލައިގެނެވެ.