ދެޤައުމު ގުޅިގެން ނެރުނު ޖޮއިންޓް ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާ އާއި އީރާނުން އަލުން ދަތުރުތައް ފެށުމަށާއި ޓްރެވަލް ވިސާ އަލުން ދޫކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. މިއީ އަހަރުތަކެއް ވަންދެން ގުޅުން ގޯސްވެފައިވާ ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
ޗައިނާ މެދުވެރިވެގެން، އިރާނާ ސައޫދީއާއި ދެމެދު ސުލުހަ ޤާއިމް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ސައުދީއާ އީރާނުން ވަނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކޮށްފައެވެ.
މިހާރު ކުރިއަށް ގެންދާ މަޝްވަރާތަކަށްފަހު، ދަތުރުތައް ފެށުމާއި، ރިޔާޒާއި ތެހެރާނުގައި ހުންނަ އެމްބަސީތައް އަލުން ހުޅުވުން ހިމެނެއެވެ. އަދި މީގެ 20 އަހަރު ކުރިން ސޮއިކުރެވުނު ސަލާމަތީ އަދި އިޤްތިޞާދީ އެއްބާރުލުމުގެ އެއްބަސްވުންތައް ތަންފީޒުކުރުމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު އުފެދުނު ހަމަނުޖެހުންތައް ފެށުނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ސައުދީ އަރަބިއްޔާއިން ޝީއީ ދީނީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރު މަރާލުމާއި ގުޅިގެންނެވެ. އެމައްސަލައާއި ގުޅިގެން އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ފުޅާދާއިރާއެއްގައި މުޒާހަރާތައް ކުރިއަށް ގެންދިޔަ އެވެ. އަލްނިމްރު ވަނީ ސައުދީ ސަރުކާރުން ޝިޔައީންނާ މެދު އަމަލުކުރާ ގޮތަށް ފާޑުވިދާޅުވެ، އެގައުމުގައި މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފައެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނުން ގުޅިގެން ނެރުނު ބަޔާނުގައި އެ އެއްބަސްވުމުގެ ޝަރުތުތަކާ ބެހޭ ތަފްސީލީ މައުލޫމާތެއް އަދި އެ އެއްބަސްވުން ތަންފީޒު ކުރަން ޖެހޭ މުއްދަތާއި ބެހޭ ތަފްސީލެއް ދީފައެއް ނުވެ އެވެ. ނަމަވެސް އެއީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ލުއިކޮށްދީ ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް އެޅި ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ދަތުރުތައް އަލުން ފެށުމުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ ހައްޖާއި ޢުމުރާ ފަދަ ދީނީ ގޮތުން ކުރަން ޖެހޭ ދަތުުރުތައް ހިމެނޭ ގޮތަށް ދެ ގައުމުގެ ރައްޔިތުންނަށް ވެސް ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ފަތުރުވެރިކަމާއި ވިޔަފާރި ކުރިއެރުވުމާއި، މީހުންނާއި މީހުން ބަދަލުކުރުމުގެ ފުރުސަތުތައް އުފެދިގެން ދިއުން އެކަށީގެންވެ އެވެ.
ފްލައިޓްތައް އަލުން ފެށުމާއި ޓްރެވަލް ވިސާ އަލުން ދޫކުރުމަކީ ދެގައުމުގެ އިތުބާރު އަލުން ބިނާކޮށް ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މި އެއްބަސްވުން ތަންފީޒު ކުރެވޭނީ ކިހިނެއްތޯއާއި، ކުރިއަށް އޮތްތަނުގައި އިތުރު ހެޔޮ ކުރިއެރުންތަކެއް ލިބިގެންދާނެގޮތާމެދު ބައިނަލް އަޤުވާމީ މުޖުތަމަޢުއިން ފާރަވެރިވެ ތިބޭނެކަމަށް ބެލެވެއެވެ.