Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބެލުމަށް ގޮވައިލާ ކުއްލި މައްސަލައެއް!

ދައުރު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ ބަހުސްކުރަން ފަށައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

އެ މައްސަލައާ ގުޅިގެން ނެގި ވޯޓުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން ބަހުސް ކުރަން ފެންނަކަމަށް 18 މެންބަރަކު ވޯޓު ދީފައިވާއިރު ނުފެންނަކަމަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

އާޒިމްގެ ކުއްލި މައްސަލާގައި ވިދާޅުވީ ދައުރު ނޫހުގެ ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ސެކެޓަރީ ޖެނެރަލް އަހްމަދު ނާއިފަށާއި އަދި އެ ނޫހުގެ ސީނިއާ އެޑިޓަރަކަށް އެކި ނަމްބަރުތަކުން ގުޅާ މެސެޖުކޮށް މަރުގެ އިންޒާރު ދިން މައްސަލައިގެ ކަންބޮޑުވުން އެފަރާތްތަކުންނާއި މީޑިއާއިން ފާޅުކޮށް އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ވެސް އައިސްފައިވާކަމަށެވެ.
އަދި އެފަދައިން މަރުގެ އިންޒާރު ދީފައިވަނީ "ސިޔާމް ހިލްޓަން މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް!" މި ސުރުހީގެ ދަށުން ނޫސްވެރިޔާ އަހްމަދު ނާއިފް ދައުރު ނޫހުގައި 6 އޭޕްރިލް 2023 ވަނަ ދުވަހު ޝާއިއުކުރި އާޓިކަލްއަކާއި ގުޅިގެންކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށާއި އެގޮތުން ދިން މަރުގެ އިންޒާރުގެ ބަސްތަކުގެ ތެރޭގައި މަގުމަތިން ދިމާކޮށްލާނެކަމަށާއި ފުރާނަ ދުއްވައިލަން ފަސް ނުޖެހޭނެކަމަށް ބުނެ އިންޒާރު ދީފައިވާކަން އާޒިމް ފާހަގަކުރައްވާފައިވެއެވެ.
އާޒިމް ވިދާޅުވީ އެގޮތުން ދިން އިންޒާރުތަކުގެ ޓެކްސްޓް މެސެޖުތައް އެ ނޫސްވެރިން ހާމަކޮށްފައިވާކަމަށާއި އަދި އެ ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްއަކީ މިހާރުވެސް ސަރުކާރާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ނިންމާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްއާ ގުޅުން އޮތް މައްސަލައެއްކަމަށެވެ.
އަދި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފައިވާއިރު މީގެ ކުރިންވެސް ނޫސްވެރިންނަށް ދީފައިވާ މަރުގެ އިންޒާރުތަކާއި ނޫސްވެރިން ވަގަށް ނެގުމާއި އަދި ހަމަލާތަކުގެ މައްސަލަތަކުގެ ފުރިހަމަ ތަހްގީގެއް ހިންގި އިންސާފު ގާއިމުކޮށްދެވިފާ ނުވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ނޫސްވެރިންނަށް ރައްކާތެރިކަން އޮތް މާހައުލެއް މި ސަރުކާރަށް ބިނާކޮށްދެވިފާނުވާކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ މުއްދަތުގެ ތެރޭގައި އަހަރަކަށްވުރެ އަހަރެއް ނޫސްވެރިންގެ މިނިވަންކަން އެތައް ގުނައެއް ފަހަތަށް ގޮސްފައިވާކަމަށާއި ނޫސްވެރިންނަށް އަލުން އެފަދައިން މަރުގެ އިންޒާރު ދިނުމަށްފަހު ފިޔަވަޅު ނޭޅޭނަމަ އެކަމަކީ ނޫސްވެރިންނަށް ރައްކާތެރިކަން އަދި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާނެކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ.

އެހެންކަމުން ނޫސްވެރިންނަށް ދޭ އެފަދަ މަރުގެ އިންޒާރުތަކުގެ މައްސަލަތަކާމެދު ސަރުކާރުގެ ތަހްގީގީ އިދާރާތަކުން ފުރިހަމައަށް ސަމާލުކަންދީ އަވަސް ފިޔަވަޅު އެޅުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

މި ލިއުމާއި ގުޅޭ