މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށްފައި އިޓަލީއަށް ދަތުރުކުރި 2 ބޯޓެއް ތޫނިސް ކައިރިން އަޑިއަށް ގޮސް 23 އެފުރިކާ މުހާޖިރުން ގެއްލި ހަތަރު މީހުން މަރުވެއްޖެއެވެ.
ޓުނީޝިއާގެ ދެނުކުގައި އޮންނަ ސްފަކްސް ސިޓީގެ ކޯޓު ގާޟީއެއްކަމަށްވާ ފައުޒީ މަސްމޫދީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި، އެސީޓީގެ ބޭރު ކަނޑުން ކޯސްޓުގާޑުން އިތުރު 53 މީހުން ސަލާމަތްކުރިކަމަށާއި އަދި އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސްއެވެ.
އުތުރު އެފްރިކާގައި އޮންނަ ޓުނީޝިއާއިން ފުރައިގެން ޔޫރަޕަށް ދާ މީހުންގެ އަދަދު ކަންބޮޑުވާވަރަށް ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަފްތާތަކުގެ ތެރޭގައި ޓުނީޝިއާ ބޭރުން އޮންނަ ކަނޑުގައި ބޯޓު އަޑިއަށް ގޮސްގެން މީހުން ގެއްލި، މަރުވުމުގެ ހާދިސާތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
މިފަދަ ހާދިސާތައް އިތުރުވީ އެފުރިކާއާއި މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާއި އެ ސަރަހައްދުގައި އާންމުވެފައިވާ ފަޤީރުކަމުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ ބަޔަކު ކަނޑު ހުރަސްކޮށް ޔޫރަޕަށް ދަތުރުކުރާ ގިނަ ބަޔަކު ލީބިޔާގެ ބަދަލުގައި ތޫނިސްއިން ދަތުރުކުރަން ފެށުމެވެ.
މިގޮތުން، މިއަހަރުގެ 3 މަސް ތެރޭގައި 14،000 މީހުން ޔޫރަޕަށް ދިއުމުގެ ރާސްތާގައި ކަނޑުމަތިން އަތުލައިގަނެވި އަދި ސަލާމަތްކުރެވިފައިވާކަމަށް އެ ޤައުމުގެ ނޭޝަނަލް ގާޑުން މައުލޫމާތުދެއެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި ބަލާއިރު 5 ގުނަ އިތުރު އަދަދެކެވެ.
ތޫނިސްގެ މާލީ ހަމަޖެހުން ޔަގީންނުކުރެވިއްޖެނަމަ އުތުރު އެފުރިކާއިން ވިލާތުގެ އައްސޭރިއަށް ގިނަ އަދަދެއްގެ މުހާޖިރުން އަންނަން ފަށާނެކަމަށް އިޓަލީގެ ބޮޑުވަޒީރު ޖިއޯޖީނާ މެލޯނީ ހުކުރުދުވަހު ވިދާޅުވިއެވެ. މެލޯނީ ވަނީ އައިއެމްއެފްއާއި އެހެން ޤައުމުތަކުން ތޫނިސްގެ އިޤުތިޞާދު އެކި އިންދިރާސްވުމުން ސަލާމަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ޓުނީޝިއާގެ ހާރިޖީ ވަޒީރު ނާބިލް އަމްމާރު މިދިޔަ ހަފްތާގައި، ތޫނިސްގެ ބޯޑާރުތައް ހިމާޔަތްކުރުމަށް ބޭނުންވާ ސާމާނު ހޯދަން މާލީ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ. މިދިޔަ އަހަރު ތެރޭގައި އިޓަލީއިން ލިބުނު ސާމާނު ނުފުދޭކަމަށާއި އަދި އެ ތަކެއްޗަކީ ޒަމާނާ އެކަށީގެންވާ ތަކެތި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ