Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަމީނީމަގު

އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ބައިވަރު: މޭޔަރު

މާލޭގެ އެންމެ މުހިއްމު އެއް މަގުކަމަށްވާ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން ރައްޔިތުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރަމުން އަންނަކަމަށާއި، އެކަންކަމާމެދު ސަރުކާރާ ހިއްސާކުރާ ޝަކުވާތަކާއި ޚިޔާލުތަކަށް ސަރުކާރުން ރިއާޔަތްނުކުރާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މޭޔަރު ވިދާޅުވީ އަމީނީމަގުގެ މަސައްކަތްކުރާ ގޮތުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށެވެ. އެކަމުގެ ތަފުސީލު ދެއްވަމުން "ދިޔަރެސް"އާ ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އެ މަސައްކަތް ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ކައުންސިލާ ހަމައަށް އައިސްފައިވާ ކަމަށެވެ.

ޑރ.މުޢިއްޒު ފާހަގަކުރެއްވީ މަސައްކަތް ލަސްވެގެންދިއުމުގެ ސަބަބުން މިހާރު މަސައްކަތްކުރަމުން އަންނަ ސެގްމެންޓުގެ މަސައްކަތްވެސް ދެތިން މަހަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދިވެސް މަސައްކަތް ނުނިމޭކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މިހާރުވެސް ދަންވަރުވެސް މަސައްކަތްކުރާ ކަމަށެވެ.

"ދަންވަރު މިހާރުވެސް މަސައްކަތްކުރަނީ. މިއީ ރަމަޟާންމަސް އެކަމަށްވެސް ބަލައިނުލާ. މަސައްކަތްކުރާއިރު ނުލާހިކު އަޑުގަދަ. އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ރޭގަނޑު ވަރަށް އުދަގޫވާކަމުގެ ޝަކުވާ ލިބޭ،" މުޢިއްޒު ވިދާޅުވިއެވެ.

އަދި މަގުގެ ބޮޑު ބައެއް ދެތިން މަސްދުވަހަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގެދޮރުން ނިކުމެއުޅެން ދަތިވެ އެކަމުގެ ސަބަބުން ނަފުސާނީ އެތައް މައްސަލައެއްވެސް ކުރިމަތިވަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.

މިހާރު މަސައްކަތްކުރާ ސަރަހައްދުގެ މަސައްކަތް ނުނިމެނީސް އިތުރު ސެގްމެންޓެއް ބަންދުކުރަން ނިންމައި އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ އެއިރުން ވަރަށް ބޮޑު ސަރަހައްދެއް ބަންދުވެފައި އޮންނާނެ ކަމަށެވެ. "އަނެއްކާ އިތުރު ސްޓްރެޗެއް ބަންދުކުރަނީ. ނަތީޖާއަކަށްވާނީ އިތުރަށް ދަތިވުން. މި ސްޓްރެޗް ބަންދުކުރަނީ ކުރިން ބަންދުކުރި ސްޓްރެޗް ހުޅުވައިނުލާ،" މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ފާހަގަކުރެއްވި ޝަކުވާއަކީ އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމަށް ސުޕަވައިޒަރުން ނުތިބުމާއި، މަސައްކަތްކުރަން އުޅޭ ބިދޭސީން އެ ސަރަހައްދުގެ އާންމުންނާ ކުޑައިމީސްކޮށް ބޭއިހުތިރާމުކޮށް މުއާމަލާތްކުރުމެވެ.

މިފަދަ ގިނަ ޝަކުވާތަކެއް ކައުންސިލާ ހަމައަށް އައި ނަމަވެސް ކައުންސިލުން ސަރުކާރާ ހިއްސާކުރާ ޚިޔާލަކަށް ރިއާޔަތްނުކުރާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ދަންނަވާ އެއްޗެއް އާރުޑީސީން އަދި ޕްލޭނިން މިނިސްޓްރީންވެސް ބަލައިނުގަނޭ. އަޅުގަނޑުމެންނާ ސަރުކާރުން މަޝްވަރާނުކުރޭ. އަޅުގަނޑުމެންގެ ޚިޔާލަށް ރިއާޔަތްނުކުރޭ،" މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލަކީ ރައްޔިތުން ބޭނުންވާ ގޮތްތައް ސަރުކާރާ ހަމައަށް ގެންގޮސްދޭން ޤާނޫނުން އުފައްދާފައިވާ މުއައްސަސާކަން ފާހަގަކުރައްވައި، މޭޔަރު އެދިވަޑައިގަތީ ސަރުކާރުން ކައުންސިލުގެ އަޑުއެހުމަށެވެ. އަދި ކައުންސިލުގެ ޚިޔާލާއި ވިސްނުމަށް ރިއާޔަތްކުރުމަށެވެ.

މި ލިއުމާއި ގުޅޭ