ރަޝިޔާގެއިން ގޮދަން ބޭރުކުރުމަށް ހުޅަނގުން އަޅާފައިވާ ހުރަސްތައް ނައްތާނުލައިފިނަމަ، ޔުކްރެއިންއިން ގޮދަން ބޭރުކުރުމަށް ހުއްދަ ދީފައިވާ އެއްބަސްވުން އުވާލަން ޖެހިދާނެކަމަށް، ރަޝިޔާގެ ހާރިޖީ ވަޒީރު ސޭރްގޭ ލާވްރޯވް ވިދާޅުވެއްޖެއެވެ.
ރަޝީޔާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔުކްރެއިންއިން ގޮދަން ބޭރުކުރުން ހުއްޓުމާއެކު، އދއާއި ތުރުކީ މެދުވެރިވެގެން އެކުލަވައިލި އެއްބަސްވުމުގެ ތެރެއިން ޔުކްރެއިންގެ ގޮދަން އެކްސްޕޯޓްކޮށް ބޭރުކުރުމަށް ހުއްދަ ލިބުނެެވެ. ނަމަވެސް، ރަޝިޔާގެ ގޮދަން ފަސޭހައިން، ހުރަސްތަކާއި ނުލާ ބޭރުކުރުމަށް ވަކި ހާއްސަ އެއްބަސްވުމެއް ހަދާފައިވިޔަސް، އަދިވެސް ހުޅަނގުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ބޭރުގެ މާކެޓުތަކަށް ރަޝިޔާގެ ގޮދަން ބޭރުކުރުން ދަތިކަމަށް، ލާވްރޯވް ވިދާޅުވިއެވެ.
އެ އެއްބަސްވުމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ލާވްރޯވް ވިދާޅުވިގޮތުގައި، ޔުކްރެއިންއާއި އެކުގައި އެއްބަސްވި ގޮދަން ބޭރުކުރުމުގެ އެއްބަސްވުމުގެ މުހުލަތުކަމަށް ފުރަތަމަ ކަނޑައަޅާފައި އޮތް 120 ދުވަހުގެ މުއްދަތު 60 ދުވަހަށް މިިދިޔަ މަހު މަދުކުރިކަމަށެވެ. އެކަން ކުރީ ހުޅަނގުން ތަންފީޒްކޮށްފައިވާ ހުރަސްތައް ނައްތާލާނެކަމުގެ ވިސްނުމުގައި، އިންޒާރެއްގެގޮތުގައިކަމަށް ލާވްރޯވް ވިދާޅުވިއެވެ.
ރަޝިޔާގެ ގޮަދަން ބޭރުކުރުމަށް އެއްވެސް ކަހަލަ ހުރަހެއް އަޅާފައިނުވާނެކަމަށް ހުޅަނގުން ބުނާބުނުން ރަޝިޔާއިން ދޮގުކޮށް، އަދިވެސް "އެކްސްޕޯޓްކުރުމުގައި މާލީގޮތުންނާއި، ލޮޖިސްޓިކްސްގެގޮތުންނާއި، ދަތުރުފަތުރުގެގޮތުންނާއި، އަދި އިންޝުރެންސް ކަންކަމުގައި ރަޝިޔާ ކުރިމަތިލާ ހުރަސްތައް އަދިވެސް ނައްތާނުލާ، އެކަންކަން ދަނީ އުދަނގޫވަމުން" ކަމަށް ލާވްރޯވް ވިދާޅުވިއެވެ.
އެ ހުރަސްތައް ހުޅަނގުން ނައްތާނުލައިފިނަމަ، އދ އަދި ޔުކްރެއިންއާއި އެކީގައި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، ސީދާ ގަތަރާއި ތުރުކީއާއި އެކީގައި މަސައްކަތްކޮށް، ރަޝިޔާގެ ގޮދަން ބޭނުންވާ ގައުމުތަކަށް ފޮނުވުމުގެ މަަސައްކަތްކުރަން ނިންމާނެކަމަށް، ބޭރުގެ މީޑިއާތަކުން ބުނެއެވެ.
ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޫވެސް އެދިވަޑައިގަތީ ޔުކްރެއިންގެ ގޮދަން ބޭރުކުރުމަށް ހުއްދަ ދީފައިވާ އެއްބަސްވުމަށް 120 ދުވަހުގެ މުއްދަތެއް އިތުުރުކުރުމަށެވެ. އަދި، ރަޝިޔާގެ މައްޗަށް ތަންފީޒުކޮށްފައިވާ ހުރަސްތައް ހުޅަނގުން ނައްތާލުމަށެވެ.
"މި އެއްބަސްވުން ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމުކަމެއް. އެއީ، އެކަމަކީ ހަމައެކަނި ރަޝިޔާ އަދި ޔުކްރެއިންގެ ގޮދަން އެކްސްޕޯޓަށް މުހިއްމުކަމެއް ނޫން، ނަމަވެސް މިކަން އިތުރަށް މުހިއްމުވަނީ ދުނިޔެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ލުއިކުރުމަށް ކުރާކަމަަކަށް ވުމުން"، ޗާވުޝޯލޫ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ގޮދަން ބޭރުކުރުމަށް ހުއްދަދިނުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގައި، ރަޝިޔާގެ ގޮދަން ބޭރުކުރުމުގައި އެއްވެސް ކަހަލަ ހުރަހެއް ނޭޅުން ރަޝިޔާއިން ޝަރުތުކޮށްފައިވެއެވެ. އެ ޝަރުތު ތަންފީޒުނުވާނަމަ، އެއްބަސްވުން އުވާލާނެކަމަށް، ރަޝިޔާގެ ރައީސް ވުލަޑްމިރް ޕޫޓިން މިދިޔަ މަހުގައި އިންޒާރުކުރެއްވިއެވެ.