Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ފައްޔާޒް

އަންހެނަކަށް ސިޔާސީ މުވައްޒަފެއް ފުރައްސާރަކުރާކަމުގެ ޝަކުވާކުރުމުން ފައްޔާޒު: "އަޅުގަނޑަށް ހެރޭސްނުކުރޭ!"

ރާއްޖެއިން ބޭރުގައި ކިޔަވަން ހުންނަ އަންހެނަކަށް ފިނޭންސް މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުރި މީހަކު ފުރައްސާރަކުރާތީ އެކަމުގެ ޝަކުވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ އަރިހުގައި ދަންނަވައިގެން ފިޔަވަޅުނާޅުއްވާތީ އެކަން ޓުވިޓާގައި ފާހަގަކުރުމުން، ފައްޔާޒަށް ހެރޭސްނުކުރުމަށް އޭނާ އިލްތިމާސްކުރައްވާފައިވެއެވެ.

އެ އަންހެންކުއްޖާވަނީ އޭނާއަށް ފިނޭންސް މިނިސްޓްރީގެ ސިޔާސީ މުވައްޒަފެއްގެ ފަރާތުން ކުރިމަތިވާ ފުރައްސާރައިގެ ޝަކުވާ މިނިސްޓަރު ފައްޔާޒާ ހިއްސާކުރައްވާފައެވެ. އެ ޝަކުވާ ބެއްލެވުމަށްފަހު ފައްޔާޒު ވިދާޅުވީ މިފަދަ ކަންކަމުގައި ފިޔަވަޅުއެޅުއްވުމުގައި އޭނާއަށް އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

އަދި ތުހަމަތުވާ ސިޔާސީ މުވައްޒަފަކީ އޭނާގެ ކެމްޕެއިނުގައި އުޅުނު މީހަކަސް ޤާނޫނުގެ މަތީގައި ނުހުންނާނެ ކަމަށާއި، އެފަދަ ކަންކަމަކީ ތަހައްމަލުކުރައްވާނެ ކަންކަން ނޫން ކަމަށެވެ.

އެހެންނަމަވެސް އެ މުވައްޒަފަކީ ފައްޔާޒުގެ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފަކަށްނުވާތީ ސީދާ އޭނާއަށް ކުރެއްވޭނެކަމެއް ނެތް ނަމަވެސް އެކަން ފިނޭންސް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އެފަދައިން ޔަގީންކަން ދެއްވުމުން އެ އަންހެންކުއްޖާވަނީ ތުހުމަތުކުރާ ސިޔާސީ މުވައްޒަފަކު ކަންކަން ކުރާ ގޮތުން އޭނާއަށް ބޭރު ޤައުމެއްގައި އެކަނި ހުރެ ކިޔަވާ މީހެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ދަތިވާ ކަމަށް ބުނެފައެވެ.

އެފަދައިން ވިދާޅުވުމަށްފަހު މިނިސްޓަރުގެ ޚަބަރެއްނުވާތީ އެ އަންހެންކުއްޖާވަނީ އެކަން ފާހަގަކޮށް އެ ކުއްޖާ ޓެގުކޮށް ޓުވީޓުކޮށްފައެވެ. އޭގެ އިތުރަށް އެ ސިޔާސީ މުވައްޒަފުގެ ކިބައިން މިނިސްޓަރަށް އަދި ސަރުކާރަށް ފައިދާވާތީ އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އޭނާގެ ކިބައިން ފުރައްސާރައާއި ދުއްތުރާ މިހާރުވެސް ކުރިމަތިވާކަން ފާހަގަކޮށް މިނިސްޓަރާ ދެއްކި ވާހަކައިގެ ސްކްރީން ޝޮޓުތައް ޝާއިއުކުރާނެކަމަށް އެ އަންހެންކުއްޖާ ބުނެފައިވެއެވެ.

ޖަވާބުގައި ފައްޔާޒުވަނީ އެ ސްކްރީން ޝޮޓުތައް އާންމުކުރިޔަސް މައްސަލައެއްނެތް ކަމަށާއި އެކަމުގައި ކޮށްދެއްވޭނެ އިތުރު ކަމެއް ނެތްކަމަށާއި ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅަން ލަފާދެއްވާފައެވެ.

އިތުރަށް ފައްޔާޒު ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތެރެއަށް އިތުރަށް އޭނާ ނުވައްދައި ޓުވިޓާގައި އޭނާއަށް ހެރޭސްކުރުން ނުވަތަ ދުއްތުރާކޮށް ފުރައްސާރަކުރުން ހުއްޓައިލުމަކީ ވަރަށް ބޮޑަށް ޝުކުރުވެރިވާނެކަމެއްކަމަށެވެ.

މީގެ ކުރިންވެސް ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބި މީހުން އަންހެނުންނަށް ފުރައްސާރަކުރާ މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. އެ މައްސަލަތަކުގައި ވަކިކުރާ ބައެއް މީހުން އަނބުރާ އެހެން މަޤާމުތަކަށް އައްޔަންކޮށްފައިވެސް އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ