އެއް ޖިންސުން ކައިވެނިކުރުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ލިޔުއްވާފައިވާ ވާހަކަތަކަކާ ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރެއްވި ޑރ.ޢާއިޝަތު އަލީ ތައުލީމާ ބެހޭ ސިޔާސަތުތަކުގެ ނަޒަރިއްޔާއާއި ތަންފީޒުކުރުމާ ގުޅޭ ގޮތުން ލިޔުއްވި ދިރާސާއެއްގައި ބަވަނަވުމުގެ ސަބަބުން ތައުލީމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ކަރުދާހެއްގައި ކައިވެންޏާ އާއިލާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ވާހަކަތައް އާންމުންނާ ހަމައަށް ފެންމަތިވެފައިވެއެވެ.
އެ ލިޔުމުގައި އޭނާ ލިޔުއްވާފައިވަނީ ކައިވެންޏާމެދު މީހުން ދެކޭ ގޮތް ބަދަލުވަމުންދާކަމަށާއި، ކައިވެނިކުރާ އަދަދު މަދުވެ ވަރީގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި އެވެރެޖުގޮތެއްގައި މީހުން ކައިވެނިކުރާ އުމުރު މަތިވެފައިވާ ކަމަށެވެ. އަދި ބައެއް މީހުން ކައިވެނިކުރަން ބޭނުންނުވާކަމަށްވެސް ލިޔުއްވާފައިވެއެވެ.
އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު ނުކުތާއަކީ ބައެއް ޤައުމުތަކުގައި އެއް ޖިންސުގެ ކައިވެނިވެސްވަނީ ހުއްދަކޮށްފައި ކަމަށާއި، އާއިލާގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވެ، މަދުރަސާތަކުގައި އެމީހުން އިދާރީކަންކަމުގައާއި ކިލާސްރޫމުގައި އެކަންކަމަށް ރިއާޔަތްކުރަންޖެހޭކަމަށް ލިޔުއްވާފައިވުމުންނެވެ.
އެފަދައިން ރިއާޔަތްކުރަންޖެހެނީ "ތަފާތު ވައްތަރުގެ އާއިލާތަކުން" އަންނަ ކުދިން އެކަހެރިނުކޮށް ހުރިހާ "ވައްތަރެއްގެ" އާއިލާތަކަށް އިހުތިރާމުކުރުމަށް ކަމުގައިވެސް ޑރ.ޢާއިޝަތު ޢަލީ ލިޔުއްވާފައިވެއެވެ.
މިލިޔުމާ ގުޅިގެން ފާޑުކިޔާފައިވާ ބައެއް މީހުން ބުނީ ބައެއް ހުޅަނގުގެ ޤައުމުތަކުގެ ސުކޫލުތަކުގައި މިހާރު ދެ ޖިންސަށްވުރެ ގިނަ ޖިންސު އޮންނަކަމަށް ކިޔަވައިދޭތީ އެކަންވެސް އެއީ ރަނގަޅު ރިއާޔަތްކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާތޯއެވެ. އަދި ޖިންސު ބަދަލުކޮށް އަންހެނުން ފިރިހެނުންނަށް އަދި ފިރިހެނުން އަންހެނުންނަށްވާތީ އެގޮތަށް ކުދިންނަށް ޖިންސަކީ ބޭނުންވުމުން ބަދަލުކުރަންޖެހޭ އެއްޗެއްކަމަށް ކިޔައިދޭންވީތޯ ސުވާލުކުރިއެވެ.
އިތުރު ބައެއް މީހުން ބުނެފައިވަނީ ހުޅަނގުގައި އެނބުރޭ ކޮންމެ ވިސްނުމަކީ ބަލައިގަންނަންޖެހޭ ވިސްނުމެއްކަމުގައި ޤަބޫލުކުރައްވާ ބޭފުޅަކު އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނަވައިގެން ދިވެހި ދަރިވަރުންނަށް ރަނގަޅު އިސްލާމީ ތައުލީމަކާއި ތަރުބިއްޔަތެއް ފޯރުކޮށްދެވޭނެކަމާމެދު ޝައްކުވާކަމަށެވެ.
އިތުރު މީހަކު ފާހަގަކުރި ގޮތުގައި ޑރ.ޢާއިޝަތު އަލީގެ ވާހަކަތަކުން އޭނާއަކީ އިސްލާމްދީނުގެ ސާބިތު ބަދަލުނުވާ އަޚުލާޤީ އަގުކުރުންތައް ޤަބޫލުކުރައްވާ ބޭފުޅެއްކަމާމެދު ޝައްކުވާކަމަށާއި، އެމީހަކާމެދު އެވަރުގެ ޝައްކެއްވާ މީހަކު ތައުލީމާ ބެހޭ ވުޒާރާގައި ބެހެއްޓުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.
މި ލިޔުން ފެންމަތިވެ ފެތުރެން ފެށި ނަމަވެސް ޤައުމުގައި ހިނގާ ހުރިހާ ކަމަކާމެދު އަބަދުވެސް ބަސްފުޅު ވިދާޅުވާ އަދާލަތު ޕާޓީގެ އެއްވެސް އިލްމުވެރިޔަކު މިކަމާމެދު ބަސްފުޅެއް ވިދާޅުނުވެއެވެ.