ޓުވިޓާގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ފޭކު އެކައުންޓުތަކެއް ނުހިންގާކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
މިއަދު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓުވިޓާގައި ބޭރު މީހުންގެ ފޮޓޯ ޖަހައިގެން، އެމްއެންޕީއަށް ތާއީދުކުރާކަމަށް ޖަހައިގެން ފޭކު އެކައުންޓުތައް ހިންގާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރީ "ދިޔަރެސް"އިންނެވެ. އެފަދައިން ފޭކު އެކައުންޓުތައް ބޭނުންކުރަނީ ޕާޓީގެ ސޯޝަލް މީޑިއާ މަސައްކަތްކުރާނެ ދިވެހިން ނުލިބިގެންތޯ "ދިޔަރެސް"އިން ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީގެ ދަފުތަރުގައި 20،000 އެއްހައި މެންބަރުން މިހާރު އެބަތިބި ކަމަށެވެ. އެހެންކަމުން އެ ޕާޓީން ބިދޭސީއެއްގެ ފޮޓޯ ޖަހައިގެން ޓުވިޓާ އެކައުންޓެއް ހިންގަންޖެހޭ ސަބަބެއް ނެތްކަމަށެވެ. ޕާޓީން ވެރިފައިކޮށްގެން ހިންގާ ހުރިހާ މީސްމީޑިއާ އެކައުންޓުތައް ހިންގާނީ ޕާޓީގެ މެންބަރުންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ފޭސްބުކް އަދި އިންސްޓަގްރާމް ހުރިހާ އެއްޗެއްގައިވެސް ވެރިފައިކޮށްގެން ހިންގާ އެއްޗެހި ކުރާނީ މި ޕާޓީގެ މީހުން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ މި ޒަމާނަކީ ވަރަށް ފޭކު ކަންތައްތައް ހިނގާ ޒަމާނެއްގައި ހަމަ ބޮޑު ގޮތަކަށް ހަދައިގެން ބަޔަކު ކޮށްފާނެ.،" ނާޒިމް ވިދާޅުވިއެވެ.
ބަޔަކު އެފަދައިން ފޭކު އެކައުންޓުތަކެއް ހިނގައިގެން ކަންކަންކުރުމަކީ އެ ޕާޓީއާ ގުޅުމެއް އޮތް އަދި އެޕާޓީން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބަޔަކު އެފަދައިން ކުރާ ޕާޓީއާ ގުޅުމެއް ނެތްކަމެއް ނުހުއްޓުވޭނެކަމަށް ނާޒިމު ވިދާޅުވިއެވެ.
އެމްއެންޕީއަށް ތާއީދުކުރާކަމަށް ބުނެ ބޭރު މީހުންގެ ފޮޓޯ ޖަހައިގެން ހިންގާ ޓުވިޓާ އެކައުންޓުތައް ފާހަގަވެފައިވެއެވެ. ބައެއް މީހުންވަނީ އެފަދަ އެކައުންޓުތަކުގައި ބޭނުންކުރާ ފޮޓޯތައް ނިސްބަތްވާ އަސްލު މީހުން ހޯދައި އެ ފޮޓޯއާއެކު އެމްއެންޕީއަށް ތާއީދުކުރާ އެކައުންޓުތަކަކީ އަސްލު އެކައުންޓުތަކެއް ނޫންކަން ހާމަކޮށްފައެވެ.
އެމްއެންޕީގެ ދަފުތަރުގައި 20،000 އެއްހައި މެންބަރުން ތިބިކަމަށް ނާޒިމު ވިދާޅުވިއިރު އެ ޕާޓީއަށް މީހުންނަށް ނޭނގި ފޭކު ފޯމު ހުށަހަޅައިގެން ވައްދަމުންދާ މައްސަލަތަކެއް އަބަދުވެސް އަންނަނީ ފެންމަތިވަމުންނެވެ.