ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕެއިނުގައި ޒުވާނުންގެ ވޯޓު ހޯދުމަށް ޒުވާނުންނަށް ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި ޒުވާނުންނަށް ދެމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައިށް އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެތި ދާއިރާގެ މަޖިލިސް މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެ ޕާޓީން ވާދަކުރާ ކެނޑިޑޭޓުގެ ކެމްޕެއިން ދާއިރާގެ 3 ރަށުގައިވެސް ވަރަށް ފޯރީގައި ކުރިއަށް އެބަދާ ކަމަށެވެ. ނަމަވެސް މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އިންތިޚާބު އިންސާފުވެރިވާނެކަމާމެދު ސުވާލު އުފެދޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ސަބަބުތައް ތަފުސީލުކޮށްދެއްވައި ނާޒިމު ވިދާޅުވީ އިންތިޚާބާ ދިމާކޮށް ސަރުކާރުން އަންނަނީ ސަރުކާރުގެ ހުރިހާ ވުޒާރާއެއް ބޭނުންކުރަމުން ކަމަށެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭކަމަށް ނާޒިމް ވިދާޅުވިއެވެ.
"ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފާތަން ފެނޭ. މިސާލަކަށް ސްޓެލްކޯގެ ލޯންޗުފަހަރާއި ސްޓެލްކޯގެ މުވައްޒަފުންނާއި ސަރުކާރާ ގުޅުންހުރި ހުރިހާ ކުންފުނިތަކުގެ ބޭނުން ސަރުކާރުން ކުރާތަން އެބަ ފެނޭ،" ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ފާހަގަކުރެއްވީ އިންތިޚާބާ ދިމާކޮށް ގުޅީގައި ބިންހިއްކަން އިއުލާނުކުރީވެސް ނުފޫޒު ފޯރުވުމަށްކަމަށާއި، މާފުށީގައި ހިއްކި ބިން ބަހަން ނިންމި ނިންމުމަކީވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލު މެދުވެރިކޮށް ހިންގި އަމަލެއް ކަމަށެވެ.
ގުރައިދޫ އިންތިޚާބާއި ކުރިން ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ތަޖުރިބާއަށް ބަލާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ މިނިވަން އިންތިޚާބަކަށްވާނެ ކަމަށް ނުބެލެވޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެ ދާއިރާގެ ބައެއް ޒުވާނުންގެ މައްޗަށް ބާރުފޯރުވުމަށް ޤާނޫނާއި ޤަވާޢިދު ޚިލާފު ތަކެތި ބަހަމުންދާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެފަދައިން ޒުވާނުން ހަލާކުކޮށްގެން ވޯޓެއް ހޯދުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް ބަހަނީ ކޯއްޗެއްކަން ނާޒިމު ތަފުސީލުކޮށް ބަޔާންނުކުރައްވައެވެ.
އޭގެ އިތުރަށްވެސް ނާޒިމްވަނީ ސަރުކާރަށް ފާޑުވިދާޅުވެ ސަރުކާރުގެ ކިބައިން ފެންނަނީ ރަނގަޅު ވެރިކަމެއްގެ ސިފަތައް ނޫން ކަމަށާއި، ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްވުރެ ސިޔާސީ ލީޑަރުން ރުއްސުމުގެ ވިސްނުމެއްކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.