Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ދަރަނި

ފާއިތުވި އަހަރު ސަރުކާރުން ނެގި 8 ލޯނުން އެކަނި 6 ބިލިއަން ރުފިޔާގެ ދަރަނި

ފާއިތުވި އަހަރު ސަރުކާރުން ނަގާފައިވާ ޖުމްލަ 8 ލޯނަކުން ދައުލަތުގެ ދަރަންޏަށް 6 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލޯނުތަކާ ގުޅޭ ހިސާބުތަކުން ސާބިތުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 39 ލޯނު ބޭރު ފަރާތްތަކުން ސަރުކާރަށް ނަގާފައިވެއެވެ. އެ ލޯނުތަކުގެ ތެރެއިން 2022 ވަނަ އަހަރު ނަގާފައިވަނީ ޖުމްލަ 8 ލޯނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މާލޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމު ރަނގަޅުކުރުމަށް 18 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުން ނަގާފައިވެއެވެ.

އަދި ބަޖެޓު ސަޕޯޓު ލޯނެއްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ސީއެފްއެސްއައިޓީން ނަގާފައިވެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވުމަށް އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުން 8.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. އައިއެންޖީއާއި އޭބީއެން އެމްރޯއާއި އިތުރު ބޭންކަކުން ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު ހިންގުމަށް 101.7 މިލިއަން ޔޫރޯ ނުވަތަ 111 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

ކޮވިޑް-19 ހެލްތު ފެސިލިޓީގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން އިތުރު 18 މިލިއަން ޔޫރޯ ނުވަތަ 20.2 މިލިއަން ޑޮލަރު ނަގާފައިވެއެވެ. ފުލުހުސް ސްޓޭޝަންތަކެއް އެޅުމަށް 40 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން، ބޭނުންކުރާ ވަކި ކަމެއް ބަޔާންނުކޮށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އެގްޒިމް ބޭންކުން ނަގާފައިވެއެވެ.

އަދި އަތޮޅު ތެރޭގެ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢެއް ހިންގުމަށް ކަމުގައި ބުނެ، އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަނުން 4.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

ފާއިތުވި އަހަރު ނެގި މި 8 ލޯނުގެ ޖުމްލަ އަދަދަކީ 404.5 މިލިއަން އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ އެއީ 6.2 ބިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ދަރަނި އަހަރަކަށްވުރެ އަރަހަރެއް މައްޗަށް ދަމުންދާއިރު ދަރަނި ބޮޑުވެ، ޚަރަދުތައް އިންތިހާއަށް މަތިވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ހިރާސްތަކެއް ހުރިކަން ވޯލްޑް ބޭންކާއި އައިއެމްއެފްއިން އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ދަރަނި އަދާނުކުރެވުމުގެ އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފައިވަނީ ރައްޔިތުން ކައިރީ ނުއައްސަވައި ދަރަންޏަށް ފައިސާ ނުނަންގަވާނެ ކަމަށެވެ. ނަމަވެސް ފާއިތުވި 4 އަހަރު ރާއްޖޭގެ ދަރަންޏަށް 47.51 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަދި ކުރިން އެއްވެސް ރައީސެއްގެ ވެރިކަމުގައި ނަގާފައިނުވާ މިންވަރަށް މި ވެރިކަމުގައި ލޯނު ނަގާފައިވެއެވެ. ނެގި ލޯނުގެ ބޮޑު ބައަކީ އަވައްޓެރި އިންޑިއާއިން ނަގާފައިވާ ލޯނުތަކެވެ.

މި ލިއުމާއި ގުޅޭ