މާލެ ސަރަހައްދުގައި ކުނި ބިލުގެ ގޮތުގައި ވެމްކޯ އިން ނަގާ ފީ ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމަށް ގޭބީސީތަކުގެ ކަރަންޓް މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދިނުމަށް ވެމްކޯއިން އެދިއްޖެއެވެ.
ކުނި ނެގުމުގެ ޚިދުމަތަށް ވެމްކީއިން ނަގާ ފީ މިމަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަން ވެމްކޯއިން ނިންމާފައިވާއިރު އެ ނިންމުން ނިންމީ ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.
މީޓަރުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެމްކޯއިން އެންމެ ފުރަތަމަ އެދުނީ މިމަހުގެ ހަވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެ ކުންފުނިން މިހާރު ވަނީ ނިންމާފައެވެ.
އެ ކުންފުނިން ވަނީ އާންމު ގޭބީސީތަކުގެ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ގޭބީސީގައި ނުހިމެނޭ ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްވާނަމަ އެފަރާތްތަކުން "ޔުޓިލިޓީ މީޓަރު އެކްސްކްލޫޝަން ފޯމް" ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އަންގާފައެވެ.
އަދި ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ނުވަތަ ފްލެޓްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓާރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް ފުރިހަމަކޮށް ހުށަހެޅުމަށްވެސް އެ ކުންފުނިން އަންގާފައިވެއެވެ.