ޖަރުމަންވިލާތުން ޗާޑަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ނުކިއްސަރު ސުލޫކާއި، ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކަށް އިހުތިރާމުނުކުރުމުގެ ސަބަބުން 48 ގަޑިއިރު ތެރޭގައި ޗާޑުން ބޭރުވުމަށް އެ ޤައުމުގެ ސަރުކާރުން ޖަރުމަނު ސަފީރަށް އަންގަވައިފިއެވެ.
ޗާޑު ސަރުކާރުގެ ތަރުޖަމާން ޢަޒީޒު މުޙައްމަދު ޞާލިޙު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖަރުމަން ސަފީރު ޖާން ކްރިސްޓިއަން ގޯޑަން ކްރިކެ ޗާޑުގެ ބިންތައް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޤައުމު ދޫކުރައްވައި ވަޑައިގަތުން އެދިވަޑައިގަންނަވާ ކަމަށެވެ.
މިކަމާ ގުޅިގެން ޖަރުމަންވިލާތުގެ ޚާރިޖީވުޒާރާގެ އޮފިޝަލެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޗާޑުގައި ހުންނަވާ އެ ޤައުމުގެ ސަފީރު ޗާޑު ދޫކޮށް ވަޑައިގަތުމަށް އެންގެވި ސަބަބުތައް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، އެ އެންގުމާ ގުޅިގެން ޗާޑު ސަރުކާރާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.
ޗާޑުގެ ސަރުކާރުގެ އޮފިޝަލެއް ނަން ހާމަނުކުރުން ޝަރުތުކޮށް ވިދާޅުވީ ޗާޑުގެ ސަރުކާރުން ޖަރުމަން ސަފީރަށް ފިޔަވަޅުއަޅަން ނިންމީ، އޭނާ އާދަޔާ ޚިލާފަށް ޗާޑުގެ ހިންގުމުގެ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާތީއާއި، ޗާޑު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭފަދަ ވާހަކަތައް ދައްކަވާތީ ކަމަށެވެ.
އިތުރަށް އެ އޮފިޝަލް ކަށަވަރުކުރެއްވި ގޮތުގައި ޗާޑުން ފާބާވަޑައިގަތުމަށް ކްރިކެއަށް އެންގެވީ އޭނާއަށް އެތައް ފަހަރެއްގެ މަތިން އިންޒާރުދިނުމުން ކަމަށެވެ.
ކްރިކެ ޗާޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ކުރިންވެސް އޭނާވަނީ އެކި ޤައުމުތަކުގައި ސަފީރެއްގެ ހައިސިއްޔަތުން ޖަރުމަންވިލާތް ތަމްސީލުކުރައްވާފައެވެ.