ފާއިތުވި މާޗު މަސް ތެރޭ ސަރުކާރުން މަރުކަޒީ ބޭންކު މެދުވެރިކޮށް 4.3 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފިއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މާޗު މަހުގެ ނިޔަލަށް އެމްއެމްއޭއިން ވަނީ ސަރުކާރުގެ ޓްރެޝަރީ ބޮންޑުތަކަށް 12.6 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައެވެ. އޭގެ ކުރިން ފެބްރުއަރީ މަހުގެ ނިޔަލަށް އިންވެސްޓުކޮށްފައި ހުރީ 8.3 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން އެންމެ މަހެއް ތެރޭގައި އެމްއެމްްއޭ މިވަނީ ސަރުކާރުގެ ޓްރެޝަރީ ބޮންޑުތަކަށް 4.3 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައެވެ.
އެމްއެމްއޭއަށް ޓްރެޝަރީ ބޮންޑު ވިއްކުމަކީ ސަރުކާރަށް ލިބޭ އާމްދަނީއާއި ނުބައްދަލު ހަރަދުކުރުމަށް ފައިސާ ހޯދާ އެއްގޮތެވެ. މީގެ އިތުރުން ސީދާ އެމްއެމްއޭއިން ފައިސާ ޗާޕުކޮށްގެންވެސް ސަރުކާރުން ބޭނުންކުރެއެވެ. މިގޮތަށް ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު މިހާރު ވަނީ ރެކޯޑު މިންވަރަކަށް ވެއްޓިފައެވެ. ސަރުކާރުން ވަނީ 2020 ވަނަ އަހަރުތެރޭ ހަރަދަށް ޒިންމާވާންޖެހޭ ޤާނޫނު ސަސްޕެންޑުކޮށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ ޗާޕުކުރެވޭ ގޮތް ހަދާފައެވެ.
ޗާޕުކުރާ ފައިސާ އަދި ސަރުކާރުގެ ބޮންޑުތަކަށް އެމްއެމްއޭއިން ކުރާ އިންވެސްޓްމެންޓުތައް 2021 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ އެމްއެމްއޭގެ މާލީ އެސެޓުތަކުގެ 47 އިންސައްތައަށް އަރާފައިކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ދާދިފަހުން ފާހަގަކޮށްފައެވެ.
ދައުލަތުގެ މާލީ ހާލަތު ގޯސްވެ ހަރަދު ކުޑަކުރަން އަހަރު ފެށުނުތަނާހެން ސަރުކާރުން ސާކިއުލާއެއް ނެރުނު ނަމަވެސް، ސަރުކާރުގެ ވެރިން ބޭރު ޤައުމުތަކަށް ދަތުރުކުރުމާއި ސިޔާސީ ބޭނުންތަކަށް ވަޒީފާތައް އުފެއްދުން އަދިވެސް މެދުނުކެނޑެއެވެ.
މިހާރު ކުރިއަށްދާ ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނާއި ގުޅިގެންވެސް ސަރުކާރުން ދަނީ ބޮޑެތި ހަރަދުތައް ކުރަމުންނެވެ.