މީގެ 8 އަހަރުކުރިން ޔަމަނުގައި ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސައުދީ އަރަބިއްޔާ އަދި އޮމާނުގެ މަންދޫބުން ހިމެނޭ ވަފުދެއް އަންނަ ހަފްތާގައި ޔަމަނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފިއެވެ.
ޔަމަނުގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ އިރާނުގެ މަދަދުވެރިކަމާއި އެކު ހޫތީ ހަނގުރާމަވެރިންނެވެ. މިހާތަނަށް ސައުދީން އައީ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. އެހެން ނަމަވެސް ދާދިފަހުން ޗައިނާ އިސްވެ އޮވެ އިރާނާއި ސައުދީ އާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުން އެ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް ހައްލުވެފައެވެ.
ޔަމަނުގައި ހަނގުރާމަ ނިމިއްޖެނަމަ މެދުއިރުމައްޗަށް ހަމަޖެހުން އަންނާނެއެވެ. މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި ސުލްހަ ޤާއިމް ކުރުމާއި މެދު ގޮތެއް ނިންމިއްޖެނަމަ މި ޖެހޭ ފިތުރު އީދުގެ ކުރިން އެކަން އިއުލާން ކުރާނެއެވެ.
ޔަމަނުގައި ހަނގުރާމަ ފެށުނީ ހޫތީން ޔަމަނުގެ ސަރުކާރާއި ދެކޮޅަށް ތެދުވެ ސަރުކާރު ވައްޓާލައި ޔަމަނުގެ ބާރުވެރިކަން ނެގި ހިސާބުންނެވެ. އެއާއި އެކު ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަލްފުގެ އެހެން ބައެއް ޤައުމުތަށް ހިމެނޭހެން އަސްކަރީ އިއްތިހާދެއް އުފައްދައި ހޫތީންނާއި ހަނގުރާމަކުރަން ފެށިއެވެ. މި ހަނގުރާމާގައި އެތައް ހާސް ބަޔަކު މިހާތަނަށް މަރުވެފައިވާއިރު ޔަމަނުގެ އާބާދީގެ 80 އިންސައްތަ އުޅެން ޖެހިފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާާތްތަކުގެ އެހީތެރިކަމާއި އެކުގައެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ޔަމަނުގެ ވައިގެ އަދި ކަނޑުގެ ބަނދަރުތައް ހުޅުވުމަށާއި ޤައުމު އާރާސްތު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.