Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރެއާލް އަތުން ވީ ބަލި ހަޖަމްކުރަން އުނދަގޫ: ޒަވީ

ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގްގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 4-0 އިން ބަލިވުން ހަޖަމްކުރަން އުނދަގޫކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ލަދުވެތި ގޮތަކަށް އަމިއްލަ ދަނޑުގައި ބަލިވެ އެގްރިގޭޓް ނަތީޖާއިން ބާސެލޯނާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ބާސެލޯނާ ކާމިޔާބުކުރީ 1-0 އިންނެވެ. ރޭ ރެއާލް ހޯދި ބޮޑު މޮޅާ އެކު އެޓީމަށް ފައިނަލުގެ ޖާގަ ލިބުނީ 1-4 ގެ އެގްރިގޭޓުންނެވެ.

ރޭގެ މެޗުގެ ނަތީޖާއަކީ 60 އަހަރުތެރޭ ރެއާލް މެޑްރިޑާ ވާދަކޮށް އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ނެރުނު އެންމެ ދަށް ނަތީޖާ އެވެ. މެޗަށް ފަހު ވާހަކަދައްކަމުން ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ފެންނަން އޮތް ނަތީޖާއަށް ވުރެ ރަނގަޅަށް އެޓީމުން މެޗުގައި ވާދަކުރި ކަމަށެވެ.

"މިކަހަލަ އުނދަގޫ ވަގުތެއްގަ މުހިއްމީ ޓީމުން ރިއެކްޓް ކުރާ ގޮތް ބެލުން. މިއީ ހަޖަމްކުރަން އުނދަގޫ ނަތީޖާއެއް. ވަރަށް ބޮޑު ބައްޔެއް. އެކަމަކު އެ ނަތީޖާ އެހެން ފެނުނަސް އަހަރެމެން އެއަށްވުރެ ރަނގަޅަށް ކުޅުނިން" މެޗަށް ފަހު ޒަވީ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާގެ އެހީގައި ވިނީޝަސް ޖޫނިއާ އެވެ. ފުރަތަމަ ހާފުގައި ލީޑު ނެގުމަށް ފަހު ދެވަނަ ހާފުގައި ރެއާލުން ތިން ގޯލު ޖެހި އެވެ. މި ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. ބެންޒެމާ ވަނީ ލީގުގައި އެންމެ ފަހުން ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހެޓްރިކް ހަދާފަ އެވެ. މެޗުގައި ބެންޒެމާ ގޯލު ޖެހީ 50، 58 އަދި 80 ވަނަ މިނެޓުގަ އެވެ. ދެވަނަ ގޯލު ބެންޒެމާ ޖެހީ ޕެނަލްޓީއަކުންނެވެ.

ސްޕެނިޝް ކަޕްގެ ފައިނަލުގައި ރެއާލް މެޑްރިޑް ނުކުންނާނީ ފުރަތަމަ ސެމީގައި އެތުލެޓިކް ބިލްބާއޯ ބަލިކުރި އޮސަސޫނާއާ ދެކޮޅަށެވެ.

ސްޕެނިޝް ކަޕުން ކެޓިއިރު ބާސެލޯނާ މިވަގުތު އޮތީ ލީގުގެ އެއްވަނައިގަ އެވެ. އަދި ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން އެޓީމުން މި ސީޒަނުގައި ހޯދި އެވެ. ސީޒަނުގައި ބާސެލޯނާ ދެން ސަމާލުކަން ދޭނީ ލީގު ޗެމްޕިއަންކަން ހޯދުމަށެވެ.

މި ލިއުމާއި ގުޅޭ