އިރާނާއި އަދި ސައުދީގައި ހުރި ދެގައުމުގެ އެމްބަސީތައް ހުޅުވުމަށް އަދި އިތުރު ރަށްތަކުގައި އައު އެމްބަސީތައް ގާއިމްކުރަން އެއްބަސްވެއްޖެކަމަށް އިރާނުގެ ނޫސް އިދާރާއަކުން ބުނެފިއެވެ. އަދި ދެގައުމު ތެރެއިން އެއްގައުމަކުންވެސް މިކަން ޔަގީންކޮށްދީފައިނުވާކަން ފާހަގަކުރެވެއެވެ.
އިރާނުގެ އައިއެސްއެންއޭ ނިއުސްއިން ނެރުނު ރިޕޯޓުގައިވާގޮތުން، އިރާނާއި ސައުދީގައި ހުރި، އެދެގައުމުގެ އެމްބަސީތައް އަލުން ހުޅުވާ، އިތުރު އެމްބަސީ ގާއިމްކުރުމުގެ އިތުރުން، ދެގައުމު ދެމެދުގައި ސީދާ ދަތުރުފަތުރުކުރުން އަލުން ހުޅުވާލާ އަދި އެއްގައުމުން އަނެއް ގައުމުގެ ރައްޔިތުންނަށް ވިސާ ފޯރުކޮށްދިނުމުގެ މަސައްކަތް ފާށާނެކަމަށެވެ.
އިރާނާއި ސައުދީއަކީ 7 އަހަރުވަންދެން ތަޅާފޮޅުމެއް ތެރޭގައި އޮތް ދެގައުމެވެ. ނަމަވެސް، މިފަހުން ޗައިނާއިން އިސްނަގައިގެން ދެގައުމު ދެމެދުގައި ހީނަރުވެފައި އޮތް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައި، އެ އެއްބަސްވުމުގައި ދެގައުމުވެސް ސޮއިކޮށް، މިހާރު ދެގައުމުންވެސް އަންނަނީ އަމަލީކޮށް ސުލްހަމަސަލަސްކަން ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސައުދީގެ ސްޓޭޓް މީޑިއާ، އަލް-އެޙްބާރިޔާ ޓީވީއިން، ސައުދީގެ ޕުރިންސް ފައިސަލް ބިން ފަރުހާދު އަލް ސައުދުއާއި އިރާނުގެ ހޮސެއިން އަމީރުއަބްދޮއްލަހައިން، އެކުގައި ތިއްބަވައިގެން ތިބި މަންޒަރު ދެއްކިއެވެ. އެ ދެ ވަޒީރުން ތިއްބެވީ އެމްބަސީތައް އަލުން ހުޅުވުމުގެ މަޝްވަރާ ކުރައްވަން ކަމުގައިކަމަށް އިރާނުގެ ސްޓޭޓް މީޑީއާއިން ބުންޏެވެ.