މިއަހަރުގެ ފުރަތަމަ 3 މަހު ދިވެހި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއަށް ވުރެ އެ މުއްދަތުގައި ޖޫރިމަނާކޮށްގެން ދައުލަތަށް ހޯދި އާމްދަނީ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީން 30 މާޗުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 16.5 މިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ޖޫރިމަނާތަކުން 32.1 މިލިއަން ރުފިޔާ ލިބުނެވެ.
ހިލޭ އެހީގެ ގޮތުގައި 16 މިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރު ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ. އެކަމަކު އަދި ލިބިފައިވަނީ އޭގެ 0.67 އިންސައްތައެވެ. އެހެން ކަމުން މި އަހަރު ނިމޭއިރުވެސް ހިލޭ އެހީގެ ގޮތުގައި އަންދާޒާކުރި އަދަދަށް ފައިސާ ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
މިދިޔަ އަހަރުވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދާއި ގާތަށްވެސް ހިލޭ އެހީ ނުލިބެއެވެ.
ޖޫރިމަނާގެ ގޮތުގައި މިއަހަރު 3 މަސް ތެރޭގައި 32 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ނިމޭއިރު 82 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ޖޫރިމަނާ އާމްދަނީ ލިބޭނެކަމަށް ބެލެވެއެވެ.