ހިންދޫ ދީނުގެ އީދެއްކަމަށްވާ ރާމް ނަވާމީއާ ގުޅިގެން ކުރިއަށްގެންދާ 9 އިހުތިފާލުތަކުގެ ތެރެއިން ހިންދޫން މުސްލިމުންނަށް ހަމަލާދީ ހިންގަމުންދާ އަނިޔާވެރި އަމަލުތައް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އާއައިސީ)އިން ކުށްވެރިކޮށްފިއެވެ.
މި އަމަލުތަކަކީ "އިންޑިއާގައި އާލާވަމުންދާ އިސްލާމޮފޯބިއާއާއި މުސްލިމް މުޖުތަމައު އަނިޔާގެ ޝިކާރައަކަށް ވެފައިއޮތްވަރުގެ ސާފު މިސާލެއް"ކަމަށް އޯއައިސީން ސިފަކުރިއެވެ. އޯއައިސީން އެކަންކަން ކުށްވެރިކުރުމަކީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް ފެތުރުމަށް ކުރާ މަސައްކަތްތަކެއްކަމަށް ބުނެ އިންޑިއާއިންވަނީ އޯއައިސީ ކުށްވެރިކޮށްފައެވެ.
އޯއައިސީއިން މިފަދައިން ހިންދޫންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރުނީ، ރާމް ނަވާމީ މުނާސަބަތުގެ އިހުތިފާލުތަކުގެ ތެރެއިން ހިންދޫން މުސްލިމުން އުޅޭ ސަރަހައްދުތަކަށް ނަފުރަތާއި ރުޅިވެރިކަން ހިމެނޭ ލިޔުންތަކާއި ބޮޑެތި ކަނޑިއާއި ހަތިޔާރު ހިފައިގެން ހަމަނުޖެހުން ހިންގާ، ބައެއް ގެތަކާއި ފިހާރަތަކުގައި ހުޅު ޖެހުމުންނެވެ. ބިހާރުގައި ހިންގި ހަމަނުޖެހުމުގައި މަދުވެގެން 2 މީހުން މަރުވިއިރު، އެ މާރަމާރީ މާގޯސްވުމުގެ ކުރިން އެ ސަރަހައްދަށް ސަތޭކައެއްހާ ފުލުހުން ފޮނުވިއެވެ.
ހަމައެއާއިއެކު، އޯއައިސީއިން ފާހަގަކުރި ގޮތުގައި، އެ މުނާސަބަތުގެ ކުޅިވަރުތަކުގެ ތެރެއިން ބިހާރު ޝަރިފް ޓައުންގައި "ހައްދުންނެއްޓި ހިންދޫ ބައިގަނޑެއް މަދަރުސާއެއްގައި ހުޅުޖަހައި ރޯކޮށްލި" ކަމަށެވެ. އުއްތަރު ޕުރަދޭޝްއާއި، ހުޅަނގު ބެންގާލްއާއި، ގުޖަރާތުގައިވެސް ފުޅާކޮށް ހަމަނުޖެހުން ހިންގުމުގެ ސަބަބުން 100 އަށްވުރެން ގިނަ މީހުން ހައްޔަރުކުރިއެވެ.
އިންޑިއާގެ އެންމެ ބޮޑު މައިނޯރިޓީކަމަށްވާ މުސްލިމް އާބާދީގެ ރައްކާތެރިކަމާއި، މިނިވަންކަމާއި، އަދި ހައްގުތައް ނިގުޅައިގަތުމުގެ މަސައްކަތް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް، އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓްއިން އިންޑިއާގެ ކަމާބެހޭފަރާތްތަކަށް ގޮވާލިއެވެ.