ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި އަހަރު ހިމެނޭހެން ފާއިތުވި ހަތަރު އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވެއެވެ. އެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ 10 ދުވަހުގައި 1،310،160 ރުފިޔާ ލިބުނެވެ.
މި ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނީ 1441 ހ. (2020.) ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި 1.5 މިލިއަން ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނެވެ.
1442ހ. (2021މ) ގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 977،301 ރުފިޔާއެވެ. އަދި ފާއިތުވި 1443ހ (2022މ) ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 1 މިލިއަން ރުފިޔާއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯގެ އަގަށްވާ ފައިސާއެވެ.
ފިޠުރު ޒަކާތް އޮންލައިންކޮށް ހަ މަންސައެއް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ހޯލުގައިވެސް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި އަތޮޅު ތެރޭގައި ރަށްރަށު ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ.
ރާއްޖޭގައި ފިޠުރު ޒަކާތް ޙައްޤުވާ ފަޤީރުންގެ ދަފުތަރުގައި 9،041 މީހުން ރަޖިސްޓަރީވެފައިވެއެވެ.