Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޭނުންކުރެވޭ ރިޒާވް

ރާއްޖޭގެ ރިޒާވްގެ ހާލަތާމެދު ވޯލްޑް ބޭންކުގެ ބޮޑެތި ކަންބޮޑުވުންތަކެއް

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތާމެދު ވޯލްޑް ބޭންކުން ބޮޑެތި ކަންބޮޑުުވުންތަކެއް ފާހަގަކޮށްފިއެވެ.

ވޯލްޑް ބޭންކުން ޝާއިއުކޮށްފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓްރޭޑް ޑެފިސިޓު އަންނަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ. ޓްރޭޑް ޑެފިސިޓަކީ ރާއްޖެއިން އިމްޕޯޓުކުރާ މުދަލުގެ އަގާއި އެކްސްޕޯޓުކުރާ މުދަލުގެ އަގުގެ ފަރަގެވެ.

އެގޮތުން ފާއިތުވި 2022 ވަނަ އަހަރު ރާއްޖޭގެ މުދަލުގެ ޓްރޭޑް ޑެފިސިޓުވަނީ 2.9 ބިލިއަން ޑޮލަރަށް އަރާފައެވެ. އެއީ 35 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. އެބޭންކުން ފާހަގަކުރި ގޮތުގައި ޓްރޭޑް ޑެފިސިޓު ބޮޑުވުމުގެ ސަބަބުން ރިޒާވްއަށް ފިއްތުން ބޮޑުވެއެވެ.

2022 ވަނަ އަހަރުގައި އިމްޕޯޓަށް ކުރި ޚަރަދު 3.5 ބިލިއަން ޑޮލަރަށް އެރިއިރު ރަސްމީ ރިޒާވް 2021 ވަނަ އަހަރުގައި ހުރި މިންވަރުން 2022 ގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 40 އިންސައްތަ ދަށްވެ 500 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓުނެވެ. އެއީ 1.8 މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެވެ.

އަދި 2022 ވަނަ އަހަރުގެ ފަހުކޮޅުގައި އިންޑިއާގެ މަރުކަޒީ ބޭންކާއެކު 200 މިިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްއެއް ހެދުމުން ރިޒާވްގެ ހާލަތު ކުޑަކޮށް ރަނގަޅުވެ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރިޒާވް 796 މިލިއަން ޑޮލަރަށް އިތުރުވިއެވެ.

އެ ދުވަސްވަރު ރާއްޖޭގެ މީޑިއާއިން ރެކޯޑު މިންވަރަކަށް ރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުވެފައިވާކަމަށް ރިޕޯޓުކުރިއެވެ. ނަމަވެސް ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި ރިޒާވްގެ ޖުމްލަ އަދަދު މަތިވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް އެ މުއްދަތުގައި ދިޔައީ ދަށަށެވެ.

ކުރު ރާސްތާގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް 393.2 މިލިއަން ޑޮލަރުން 560.4 މިލިއަން ޑޮލަރަށް އިތުރުވުމުގެ ސަބަބުން، ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭނެ ރިޒާވްވަނީ 412.6 މިލިއަން ޑޮލަރުން 235.5 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.

އެހެންކަމުން ވޯލްޑް ބޭންކުން ފާހަގަކުރީ ރާއްޖޭގެ ދަރަނި އުފުލިފައި ހުރި މިންވަރާއި އިމްޕޯޓަށް ކުރާ ޚަރަދު އިތުރުވެފައިވާ މިންވަރަށް ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ފައިސާ ހުރީ އެކަށީގެންވާ މިންވަރަށްވުރެ މަދުން ކަމަށެވެ.

ރިޒާވް ދަށްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލުކުރުމުން އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ ރިޒާވްގެ ހާލަތު ރަނގަޅުކަމަށާއި ކަންބޮޑުވާންޖެހޭނެ ކަމެއް ނެތް ކަމަށެވެ.

މި ލިއުމާއި ގުޅޭ