އަންނަ އަހަރުގައި ޔުނައިޓެޑް ސްޓޭޓްސް ސްޕޭސް އޭޖެންސީ (ނާސާ) އިން ކުރުމަށް ތައްޔާރުވަމުންއަންނަ ހަނދުގެ ވަށާ ދައުރުކޮށްފައި އަންނަ އާޓެމިސް 2 މޫން ވޮޔެޖްގައި ބައިވެރިވާނެ ކުރޫ މެމްބަރުން އާންމުކޮށްފިއެވެ.
މި ދަތުރަކީ ހަނދާއި ހަމައަށް ނާސާއިން ކުރާ ދަތުރުތަކުގެ ތެރެއިން ތާރީޙުގައިވެސް އެ މުއައްސަސާގެ ފަރާތުން އަންހެން މީހަކާއި، ކަޅު މީހަކާއި، އަދި ކެނެޑާގެ ރައްޔިތެއް ބައިވެރިވާނެ ފުރަތަމަ ފަހަރެވެ. 10 ދުވަސް ހޭދަވާނެ އެ ދަތުރަށް ނާސާއިން ކަނޑައަޅާފައިވާ ކުރޫ އަކީ، ރެއިޑް ވައިސްމޭން، ވިކްޓާ ގުލޯވާ، ކްރިސްޓީނާ ހެމަކް ކޮޗް، އަދި ޖެރެމީ ހޭންސެންއެވެ.
ނާސާއިން މީގެކުރިން ހަނދާއި ހިސާބަށް ދަތުރުކޮށްފައިވަނީ މީގެ ބައި ގަރުނުވަރު ކުރިން، 1972 ގައެވެ. ކުރިއަށް އޮތް 2024 ގައި ކުރަން ހަމަޖެހިފައިވާ ދަތުރަކީ "ދިގު މުއްދަތަކަށް އަހަރުމެންގެ ނިޝާނެއް ހަނދުގައި ގާއިމްކުރުމަށް" ކުރެވޭ ދަތުރެއްކަމަށް ނާސާއިން ބުނެއެވެ.
"މި މިޝަންގެ ސަބަބުން އިންސާނުންނަށް ފުން ޖައްވުގެ ތެރެއަށް ދިރާސާކުރަންށާއި، އައު ސައިންޓިފިކް ހޯދުންތައް ހޯދުމަށާއި އަދި ވިޔަފާރި، ސިނާއީ އަދި ތައުލީމީގޮތުން ޕާޓްނާޝިޕް އެފުދުމަށް މަގުފަހިވެގެންދާނެ"، ޖޯންސަން ސްޕޭސް ސެންޓަރުގެ ޑިރެކްޓާ، ވެނެސާ ވިޝް ވިދާޅުވިއެވެ.
އެ ދަތުރުގައި ބައިވެރިވާން ހޮވާފައިވާ ކުރޫއަކީ ޖައްވުގެ ތެރެއަށް ކުރާ ދަތުރުތަކަށް އައު ބައެއް ނޫނެވެ. އެމެރިކާއަށް ނިސްބަތްވާ ވައިސްމޭން، ގުލޯވާ، އަދި ކޮޗް އަކީ އާޓެމިސް ފުލައިޓުގައި ޖައްވަށް ކުރި ފުރަތަމަ ދަތުރުގެ ޓީމުގައި ހިމެނޭ ބައެކެވެ.
ކުރޫ މެމްބަރުންގެ ގާބިލިއްޔަތުކަމާއި އަދި ތަޖުރިބާއަށް ބަލާއިރު، ކޮޗްއަށް ސިންގަލް ސެޕޭސްފްލައިޓެއް އެންމެ ގިނަ އިރުވަންދެން ހިންގި އަންހެންމީހާގެ ލަގަބު ލިބިފައި ވުމުގެ އިތުރުން، ފުރަތަމަ ފަހަރަށް ހަމައެކަނީ އަންހެން މީހުން ބައިވެރިވި ސްޕޭސް ހިނގާލުމުގެ ބައިވެރިއެއްވެސްމެއެވެ.
ޔޫއެސް ސެނެޓުގައި ކުރިން ލެޖިސްލޭޓަރެއްގެ ވަޒީފާ އަދާކުރެއްވި ގުލޯވާއަކީ ހަނދާއި ހަމައަށް ނާސާއިންދާ ދަތުރެއްގައި ބައިވެރިވާނެ ދޮން ނަސްލަށް ނިސްބަތްނުވާ ފުރަތަމަ މީހާއަށްވާނެއެވެ. ގުލޯވާއަކީވެސް ޖައްވުގެ ދަތުރުތަކަށް އައު މީހެއް ނޫނެވެ. އެއީ، 2021 ގައި ސްޕޭސް އެކްސްގެ ކުރޫ 1 މިޝަންގެ ފްލައިޓް ޕައިލެޓުކުރީ ގުލޯވާއެވެ. އެ ދަތުރުގައި އޭނާ ހުރީ މިޝަންގެ ސެކަންޑް އިން ކޮމާންޑްގެ މަގާމުގައެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ފްލައިޓް އިންޖިނިއަރެއްގެ މަގާމު އަދާކުރި ވައިސްމޭން، ޖައްވުގައި އިންނަ ސްޕޭސް ސްޓޭޝަނުގައި 165 ދުވަސް ހޭދަކުރިއެވެ. އަދި 13 ގަޑިއިރުވަންދެން ޖައްވުގައި ހިނގިވެސްމެއެވެ.
މި ދަތުރުގައި އެމެރިކާއިން ފިޔަވާ ދެން ބައިވެރިވާ ކެނެޑާއަށް ނިސްބަތްވާ ޖެރެމީ ހޭންސެންއަކީ ކުރިން ކެނޭޑިއަން އާމްޑް ފޯސަސްގައި ކަލަނަލްއަކަށް އުޅުއްވި، ކުރީގެ ފައިޓާ ޕައިލެޓެކެވެ. އެ ދަތުރަކީ ޖައްވުގެ ތެރެއަށް ހޭންސެން ކުރާނެ ފުރަތަމަ ދަތުރެވެ.
އެޕޯލޯ 17 މިޝަންއަށް ފަހުގައި ހަނދާއި އެންމެ ގާތުން ދަތުރުކުރާނެ އާޓެމިސް 2 މިޝަންގައި ހަނދުގެ ވަށާ ދަތުރުކުރުމަށް ކުރޫ މެމްބަރުން 2.2 މިލިއަން ކިލޯމީޓަރު (1.4 މޭލު) ހުރަސްކުރާނެއެވެ.
އެ ދަތުރުގައި ހަނދުގައި ހިނގުމުގެ އިންތިޒާމްކޮށްފައިނެތަސް، ދުނިޔޭގެ ބިމުން 370،000 ކިލޯމީޓަރު ދުރަށް ދާނެއެވެ. މިކަމަކީ ފަހުގެ ތާރީހަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދެންމެ ބުނެވުނު އިންޓަނޭޝަނަލް ސެޕޭސް ސެޓޭޝަނަކީވެސް ދުނިޔޭގެ ބިމާއި އެންމެ 420 ކިލޯމީޓަރު (260 މޭލު) ދުރުގައި ހުންނަ ތަނެކެވެ.
ޖައްވުގައި ދައުރުވަމުން ދާއިރު، އެމީހުން ދަތުރުކުރާނެ އޮރަޔަން ސްޕޭސްކުރާފްޓްގެ ލައިފް-ސަޕޯޓް ސިސްޓަމްތައް ރަނގަޅުތޯ ޓެސްޓުކޮށް، ޖައްވުގެ ތެރޭގައި އެކި ހަރަކާތްތައް 4 ކުރޫ މެމްބަރުން ޖައްސާނެއެވެ. އާޓެމިސް 2 މިޝަންގައި ހަނދުގެ ބިމުގައި ނުޖެއްސިޔަސް، އެ ދަތުރުގެ ކާމީޔާބީއަށް ބަލާފަ އާޓެމިސް 3 ވަނަ ދަތުރުގައި ހަނދުގައި ޖައްސާނެކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.
ނާސާއިން ހިންގާ އާޓެމިސް މިޝަންއަކީ އެމެރިކާ، ކެނެޑާ، ޖަޕާނު އަދި ޔޫރަޕުގެ އޭރޯސްޕޭސް އޭޖެންސީތަކުން ގުޅިގެން ހިންގާ މަޝްރޫއުއެކެވެ. 2022 ނޮވެމްބަރުގައި އެ މިޝަންގެ ކުރޫ މެމްބަރުން ނުހިމަނާ ތަމްރީން ހިންގާ، އެ ފުލައިޓުގެ ގާބިލްކަން އިމްތިހާންކުރިއެވެ. އަދި 2 ފަހަރު މަތިން ހަނދާއި ކައިރިން ކާމިޔާބު ދަތުރުކުރުމުގެ ސަބަބުން މިޝަން ކުރިއަށް ގެންދަން ނިންމިއެވެ.
މާސްއަށް ކުރަން ތައްޔާރުވަމުން އަންނަ ދަތުރާއި ބެހޭގޮތުން މުހިއްމު މައުލޫމާތު ހޯދޭނެ އާޓެމިސް 2 މިޝަންގެ ބައިވެރިން ޖައްވަށް ނަށްޓާލަން ހަމަޖެހިފައިވަނީ، ފުލޯރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.