Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ ރާއްޖެ ގުޅުން

އިންތިޚާބު ކުޑަތަންވިއިރު ނުނިންމައި ހުރި މަޝްރޫޢުތައް ޗައިނާ ކުންފުނިތަކާ ހަވާލުކުރަން ފެށީ ކީއްވެ؟

އިންޑިއާ ކުންފުނިތަކާ ހަވާލުކޮށްފައިހުރި މަޝްރޫޢުތަކާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތައް ޗައިނާ ކުންފުނިތަކާ ހަވާލުކުރަން ސަރުކާރުން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ރިޔާސީ ދައުރު ނިމެން ހަމަ ހިނދުކޮޅަކަށްވުމުންނެވެ.

މިހާތަނަށް އެފަދަ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ތެރޭގައި ހަންކެޑަ ތަރައްޤީކުރަން 2.2 ބިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫޢާއި، އަތޮޅު ތެރޭގައި ހޮސްޕިޓާތަކެއް ތަރައްޤީކުރަން ހަވާލުކުރި ބޮޑު މަޝްރޫޢެވެ. މި ދެ ބޮޑު މަޝްރޫޢަކީ ސަރުކާރުން ހިންގަން އިއުލާނުކޮށްގެން އުޅޭތާ އަހަރުތަކެއްވީ ދެ މަޝްރޫޢެވެ.

އެއިން ހޮސްޕިޓާތަކުގެ މަޝްރޫޢަކީ ކުރިން އިންޑިއާ ކުންފުންޏަކާ މަސައްކަތް ހަވާލުކުރި މަޝްރޫޢެކެވެ. އިންޑިއާ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު މަޝްރޫޢުގެ ކޮޅެއް މެދެއް ނުފެނި، މަޝްރޫޢު ހިނގައިނުގަނެ މަޑުޖެހިފައި އޮތީއެވެ.

މި މަޝްރޫޢުތަކުގެ އިތުރަށް އާރުޑީސީން ހިންގާ ގދ.ތިނަދޫ މަގުހެދުމުގެ މަޝްރޫޢުވެސް ސަބް-ކޮންޓްރެކްޓަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށް، ޗައިނާ ކުންފުނިން އެ ރަށަށް މޯބަލައިޒްކޮށް މަސައްކަތް ހަލުއިކަމާއެކު މިހާރު އަންނަނީ ކުރަމުންނެވެ.

ފަސް އަހަރުގެ ބޮޑު ބައެއް ފާއިތުވެގެން ދިޔައީ ޗައިނާ އެއްވެސް ކުންފުންޏަކާ ގިނަ މަސައްކަތްތަކެއް ހަވާލުނުކޮށެވެ. ޗައިނާއިން ފައިސާގެ ބޮޑު އެހީތެރިކަމެއްވެސް ނުހޯދައެވެ. "އިންޑިއާ ފަސްޓް" ސިޔާސަތުގެ ދަށުން ހުރިހާ މަސައްކަތެއް ކުރަން ފައިސާ ހޯދީވެސް އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. ދަރަނި ގިނަވި ނަމަވެސް ފެށި މަސައްކަތެއް ނިމުމާ ގާތަށްވެސް ގެންދެވިފައި ނެތެވެ.

މި ވެރިކަމުގައި މުއްދަތަށް ނިންމައިލެވުނު މަދު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި އެޅި އުމަރު ޒާހިރު އޮފީސް އިމާރާތް އެޅީ ޗައިނާ ކުންފުންޏަކުންނެވެ. އަދި ފޮރިން މިނިސްޓްރީ އާބާތުރަފިލުވައި މަރާމާތުކުރުމުގެ މަސައްކަތްވެސް ކަނޑައެޅި މުއްދަތަށް ނިންމައިލީ ޗައިނާ ކުންފުންޏަކުންނެވެ. މަސައްކަތް ވަގުތަށް ނިންމުމުގެ ރެކޯޑެއް ޗައިނާ ކުންފުނިތަކުގެ އޮތް ނަމަވެސް ސަރުކާރުން ބޮޑެތި މަޝްރޫޢުތައް އެ ކުންފުނިތަކާ ހަވާލުނުކުރެއެވެ. މަސައްކަތެއް ލިބޭތޯ އެ ކުންފުނިތަކުން ލައްކަ މަސައްކަތްވެސް ކުރިއެވެ.

ނަމަވެސް ހަންކެޑަ ތަރައްޤީކުރަން ބޭނުންވާ 142 މިލިއަން ޑޮލަރުގެ ލޯނުވެސް މިފަހަރު ނެގީ ޗައިނާގެ ބޭންކަކުންނެވެ. އިދިކޮޅުގައި މި ސަރުކާރުގެ ވެރިން ތިއްބެވިއިރު ދަރަނި ދަންތުރައެއްކަމަށް ސިފަކުރި ޗައިނާގެ ދަރަންޏަށް އިތުރު 2.2 ބިލިއަން ރުފިޔާ އިތުރުކޮށްލީ ވެރިކަމުގެ ފަހު ދުވަސްކޮޅުއެވެ.

ދައުރުގެ ފަހުކޮޅުގައި ޗައިނާ ކުންފުނިތަކާ މަސައްކަތް ހަވާލުކުރިއިރު ފާއިތުވި 4 އަހަރެއްހައި ދުވަހު ޗައިނާ ކުންފުނިތައް އާދޭސްކޮށްގެންވެސް އުޅުނީ ސަރުކާރު މަޝްރޫޢެއް އަތުނުޖެހިގެންނެވެ. ޗައިނާއިން އެކި މަޝްރޫޢުތަކަށް އެހީތެރިވާން ހުށަހެޅި ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބުނުދެއެވެ. މިއީ ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހުގެ ވެރިން އެތައް ފަހަރެއްގެ މަތިން މިނޫހަށް ކަށަވަރުކޮށްދީފައިވާ ކަމެކެވެ.

ދައުރު ނިމެން ކައިރިވުމުން އުނބަށްޖަހައި، ޗައިނާ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް، ޗައިނާ ބޭންކުތަކުން ލޯނުތައް ނަގަން ފެށީ ކިހިނެއްވީ ހެއްޔެވެ؟ އަވަސް ދުވެލީގައި ކަންކަން ނިންމައި އިންތިޚާބުގެ ކުރިން ކަމެއް ކުރަން ބޭނުންވީއެވެ. އެކަން ހާސިލުވާނެ ހަމައެކަނި މަގަކީ މިއީކަން ކުރިއްސުރެ އެނގި ތިބެ އަޅައިނުލި ނަމަވެސް މިިހާރު އިންތިޚާބު ކާމިޔާބުކުރަން މިނޫން މަގެއް ނެތިވީއެވެ.

އެހެންކަމުން އިންޑިއާއިން ދަރަންޏަށް ފައިސާ ނަގައިގެން އެ ޤައުމުގެ ކުންފުނިތަކާ މަސައްކަތްތައް ހަވާލުކޮށް، އެ މަސައްކަތްތައް ނުހިނގައި މަޑުޖެހި ފަސްޖެހެމުން ދިޔަ ދިއުމަށް އަޅައިނުލައި ތިބީ ނޭނގިގެންނެއް ނޫނެވެ. ވަރިހަމަކޮށްލީއެވެ. އަދި އެނޫން ގޮތެއް ނެތީވެސްމެއެވެ.

ހަމައެހެންމެ އިންތިޚާބު ކައިރިވާން ފެށުމުން އަނެއްކާވެސް ގޮތްހުސްވީއެވެ. ކުރިން ގެންގުޅުނު ސިޔާސަތު އެފުށް މިފުށަށް ޖަހައި ޗައިނާ ކުންފުނިތަކާ މަސައްކަތް ހަވާލުކުރަން ފެށީއެވެ. ނަމަވެސް މިކަމުން ގެއްލުވައިލި ވަގުތަކީ އިއާދަކުރެވޭނެ ކަމެއް ނޫނެވެ. ކުރިންވެސް މިގޮތް އޮތެވެ. މިހެން އަމަލުކުރިނަމަ ލައްކަ ގިނަ ކަންތައް ހުރީހީ ނިމިފައެވެ. ނުވަތަ ނިމުމަކާ ކައިރިއަށް ގެނެވިފައެވެ.

މި ލިއުމާއި ގުޅޭ