ސްޓޭޓް ބޭންކު އޮފް އިންޑިއާގައި ދިވެހިރާއްޖޭގެ ޤާނޫނުގައި ޑޯމަންޓް އެކައުންޓުކަމަށް ބަލާ ޝަރުތު ފުރިހަމަވާ 570 އަށްވުރެ ގިނަ އެކައުންޓު އެބަހުރިކަމަށާއި، އެ އެކައުންޓުތަކުގެ ވެރިން މޭ މަސް ނިމުމުގެ ކުރިން އެ ބޭންކާ މުވާސަލާތުކުރުމަށް އެސްބީއައިއިން އެދިއްޖެއެވެ.
އެ ބޭންކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޭންކިން ޤާނޫނުގައިވާ ގޮތުގެ މަތިން، އެއްވެސް މުއާމަލާތެއް ނުކުރާތާ ނުވަތަ ލިޔުމަކުން އެއްވެސް އެއްޗެއް އަންގާފައިނުވާތާ 5 އަހަރުވީ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެ.
އަދި އެ އިއުލާނާއެކު އެސްބީއައިގެ ރިކޯޑުތަކުން ޑޯމަންޓު އެކައުންޓުތައްކަމަށް ދައްކާ އެކައުންޓުތަކުގެ ލިސްޓެއް އާންމުކޮށްފައިވެއެވެ. އެ ލިސްޓުގައި ޖުމްލަ 576 އެކައުންޓެއް ހިމެނެއެވެ.
އެ ބޭންކުން އެދިފައިވަނީ އެ ބޭންކުގައި ޑޯމަންޓް އެކައުންޓެއް އޮތްނަމަ ނުވަތަ އޮތްކަމަށް ޤަބޫލުކުރެވޭނަމަ އެ ފަރާތްތަކުން ބޭންކަށް އަންގައިދިނުމެވެ.
އަދި އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ޑޯމަންޓް އެކައުންޓުގެ ތަފުސީލު އެ އެކައުންޓުގެ ވެރި ކަސްޓަމަރަކު އެންމެ ފަހުން ބެންކާ ހިއްސާކުރި އެޑުރެހަށް ފޮނުވާފައިވާނެކަމަށާއި ނުވަތަ ފޮނުވަން މަސައްކަތްކޮށްފަިއވާނެކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ޑޯމަންޓް އެކައުންޓުތަކުގެ ވެރިން ބޭންކާ މުވާސަލާތުކުރުމަށް އޮތް ފަހުގެ ތާރީޚަކީ 31 މޭ 2023 ވަނަ ދުވަސްކަމަށާއި، އެ ދުވަހާ ހަމައަށް މުވާސަލާތުނުކުރިނަމަ އެ އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާ ހަވާލުކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.