މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވުމަށްފަހު ވަޒީރު ހާޒިރުވެވަޑައިގެން ސުވާލަށް ޖަވާބުދެއްވަން ތާވަލުކުރެވިފައިވަނިކޮށް މެންބަރުން ސުވާލު އަނބުރާ ގެންދަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ތާވަލުގައި އޮތީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހޯމް އެފެއާޒް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް ތާވަލުކޮށްފައެވެ. ޔޯގާ މައްސަލައާ ގުޅިގެން ކުރެއްވުމަށް މޮސްޓާ ހުށަހެޅުއްވި ސުވާލު ރޭގެ ވަގުތެއްގައި އޭނާ އަނބުރާ ގެންދަވާފައިވާކަމަށް މިއަދު އެޖެންޑާ އިއުލާނުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ވަޒީރުންނާ ސުވާލުކުރެއްވުމަށް ގިނަ އަދަދެއްގެ މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ވަޒީރުންނާ ސުވާލުކުރެއްވުމަށް މިހާރުވެސް 20 ސުވާލެއް ކިއުގައި އެބައޮތް ކަމަށެވެ.
އެއާއެކު ރައީސް ނަޝީދު ވިދާޅުވީ ވަޒީރަކާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވައި ސުވާލުކުރައްވަންވީ ވަގުތު ކައިރިވުމުން ސުވާލު އަނބުރާ ގެންދެވުމަކީ މީގެ ކުރިން މޮސްޓާ އަމަލުކުރައްވާފައިވާ ގޮތެއް ކަމަށެވެ. އަދި އެފަދައިން މެންބަރުން ކަންކުރެއްވުމުން އެހެން މެންބަރުން ކުރައްވަން އެދިވަޑައިގަންނަވާ ސުވާލުތައް ކިއުގައި އޮވެމެ ފުރުސަތު ގެއްލިގެންދާ ކަމަށެވެ.
އެއާއެކު ރައީސް ނަޝީދުވަނީ އެފަދަ ހާލަތުގައި މަޖިލީހުގައި އަމަލުކުރާނެ އުސޫލަކާމެދު މެންބަރުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަނެފައެވެ.