ރަޝިޔާއިން ފާއިތުވި އަހަރު ޔުކްރެއިން ހިސާރުކުރުމަށް ފެށި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ޔުކްރެއިންގެ 262 އެތުލީޓުން މަރުވެ، 363 ސްޕޯޓްސް ފެސިލިޓީ ސުންނާފަތިވެއްޖެކަމަށް، އެގައުމުގެ ކުޅިވަރު ވުޒާރާއިން ބުނެފިއެވެ.
ޔުކްރެއިންގެ ކުޅިވަރުގެ ވަޒީރު ވަދީމް ހުޓްސައިޓްއާއި އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖިމްނާސްޓިކްގެ ރައީސް މޮރިނާރޫ ވަޓަނަބީ ދެމެދު ބޭއްވި ބައްދަލުވުމެއްގައި، ރަޝިޔާގެ ކުޅުންތެރިންނަށް އޮލިމްޕިކްސްގައި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވިގެން ނުވާނެކަމަށް، ވަޒީރު ހުޓްސައިޓް ވިދާޅުވިއެވެ. ރަޝިޔާގެ ކުޅުންތެރިން ބައިވެރިވުން މަނާކުރަންވީ އެއް ސަބަބުކަމަށް އެ ބޭފުޅާ ވިދާޅުވީ، ޔުކްރެއިންގެ ރައީސް ވޮލޮޑްމިރް ޒެލެންސްކީގެ ވެބްސައިޓްގައި ޝައިއުކޮށްފައިވާ ލިޔުމެއްގައި ރަޝިޔާގެ ކުޅުންތެރިން ހަނގުރާމާގައި ރަޝިޔާއިން ތާއީދުކުރާ ކަމަށެވެ.
މިފަދައިން ޔޫކްރެއިންގެ ކުޅިވަރުގެ ވަޒީރު ވިދާޅުވެފައިމިވަނީ، މިފަހުން އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީއިން (އައިއޯސީ) ރަޝިޔާ އަދި ބެލަރޫސްގެ ކުޅުންތެރިންނަށް ނިއުޓްރަލްސްގެ ގޮތުގައި އަލުން ބައިނަލްއަގުވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޝްވަރާ ކުރިއަށް ދަނިކޮނެވެ. އެ ކުޅުންތެރިންނަށް ބައިވެރިވެވޭނެކަމަށް އަދި ނިންމާފައެއް ނުވެއެވެ. މި މަޝްވަރާގެ ރައްދުގައި، ރަޝިޔާގެ ކުޅުންތެރިންނާއި އެކުގައި ޔުކްރެއިންގެ ކުޅުންތެރިންނަށް، ކުރިއަށް އޮތް 2024 ވަނަ އޮލިމްޕިކްސްގައި ވާދަކުރަން ހުއްދައެއް ނުދޭނެކަމަށް، ޔުކްރެއިން ބުންޏެވެ. މި ނިންމުމަށް އައިއޯސީއިން ފާޑުކިޔުން އަމާޒުކުރިއެވެ.