އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައިވެރިން އެމްޑީޕީން ބޭރުކުރުމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދު (އިއްސެ) ގޮވާލައްވައިފިއެވެ.
އިއްސެ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ވަކި ފަރުދެއްގެ މަސްލަހަތު އިސްކޮށް މެމްބަރުން އިންތިޚާބުކުރި ކިތައްމެ މަޤާމެއްގައިތިބި ކިތައްމެ ބޭފުޅަކު މީގެ ކުރިން އެމްޑީޕީއިން ބޭރުކުރި ކަމަށެވެ.
އެގޮތުން އިއްސެ ވަނީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް އާއި މޫސާ މަނިކް(ރީކޯ)، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.އިބްރާހިމް ދީދީ (ޑީޑީ) އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ފަދަ ބޭފުޅުންގެ ނަން ފާހަގަ ކުރައްވައިފައެވެ.
އިއްސެ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާމުގެ ބައިވެރިން "މިއަދު އެގޮންޖަހަނީ މި ޕާޓީގެ އަގުލަބިއްޔަތު މެމްބަރުން ނިންމި ނިންމުމަށް. ފިޔަވަޅުއަޅައި ބޭރުކުރަން ގޮވާލަން" ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ އެތެރޭގެ ހަމަނުޖެހުމް ބޮޑުވެފައިވާއިރު، އެއިންތިޚާބު ދިޔަ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަކި ފެކްޝަނެއް އުފައްދައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާކަން ހާމަކޮށްފައެވެ.
އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފައެވެ. އެމަޝްވަރާތައް ކުރިއަށްގެންދަން ފެށުމުން ޖުމްހޫރީޕާޓީގެ ސްލޮޓުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ އެޕާޓީން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމްއާއެކު ތިއްބެވިކަން ހާމަކުރަމުންނެވެ.
އޭގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަހްމަދު މައުސޫމް އާއި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމާއި ފެން ކުންދުނީގެ އެމްޑީ ހަސަން ޝާހް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ އިބްރާހިމް މުހައްމަދު ސޯލިހްއާ ގުޅިވަޑައިގެންފައެވެ.