Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

ޕާކިސްތާނުގައި ކާ އެއްޗެހި ބަހާ ސެންޓަރެއްގައި ފިތިބާރުވެގެން 11 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ދެކުނު ކަރާޗީގައި ހުރި ރަމަޟާން މަހުގައި ކާ އެއްޗެހި ބަހާ ސެންޓަރަކަށް އެއްވެ ތިބި މީހުން އަވަސްވެގަނެ، އެންމެން އެއްކޮށް އެކަކުއަނެކަކު ކޮށްޕަން ފެށުމުން އެކިއެކި އަނިޔާލިބިގެން މަދުވެގެން 11 މީހުން މަރުވެއްޖެއެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނާގޮތުގައި މަރުވީ 8 އަންހެން މީހުންނާއި 3 ކުޑަކުދިންނެވެ. އެއިގެ ތެރެއިން ބައެއް މީހުން މަރުވީ، އަވަސްއަރުވާލައިގެން އެންމެން ކޮށްޕަން ފެށި ވަގުތުގައި އެތާނގައި ހުޅުވިފައިހުރި ނަރުދަމާ ތަނަކަށް ވެށްޓިގެންކަމަށާއި، އަދި އެ ނަރުދަމާ ކައިރީގައި ހުރި ފާރެއް ވެށްޓިގެން، އެއިގެ ދަށުވެގެންވެސް މީހުން މަރުވެ، ބައެއް މީހުންނަށް ޒަހަމްލިބުނުކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.

ކަންތައް އެހާ ގޯސްކޮށް ދިމާވުމުގެ ސަބަބުކަމަށް އެ ސަރަހައްދުގެ ފުލުހުންގެ އޮފިޝަލެއް ބުނީ، ކާ އެއްޗެހި ބަހާ ސެންޓަރުން އެ ތަކެތި ބަހަން ހަމަޖެހިފައިވާކަން ފުލުހުންނަކަށް ނުއަންގާކަމަށާއި، އެންގިނަމަ އެތަނުގައި ހަރަކާތްތެރިވުމަށް ފުލުހުން ފޮނުވީސްކަމަށެވެ. މި ހާލަތް ދިމާވާން ހިނގި މައިގަނޑު ސަބަބު ތަހުގީގުކުރުމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޯ ޒަރްދާރީ އަމުރުކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިމިވަނީ، އެފަދަ ކާ އެއްޗެހި ބަހާ ސެންޓަރުތަކުގައި ނުރައްކާތެރިވާވަރަށް ފިތިބާރުވެ ނުދިނުމަށް އިތުރު ފުލުހުން އެތާންގައި ހަރަކާތްތެރިވާން ކަމާބެހޭފަރާތްތަކުން އަމުރުކުރިތާ އެއް ދުވަސްވެސް ފާއިތުނުވަނީހެވެ.

ޕާކިސްތާނުގެ އިގްތިސާދު ހީނަރުވެގެން، ފުން އަޑިގަނޑެއްގެ ތެރޭގައި ގައުމުގެ ރައްޔިތުންނާއި ސަރުކާރު އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދައުލަތުގެ ފައިސާ ހުސްވާންކައިރިވެފައިވާއިރު، މާލީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން އެހީ ހޯދުމުގެ މަސައްކަތް އެގައުމުން އަންނަނީ ކުރަމުންނެވެ. އެގޮތުން، އިންޓަނޭޝަނަލް މަނެޓަރީ ފަންޑް (އައިއެމްއެފް) ގެ ފަރާތުން ލިބެން އޮތް 6.5 ބިލިއަން ޑޮލަރުގެ ލޯން ޕްރޮގްރާމްވެސް އޮތީ މަޑުޖެހިފައެވެ. އެއީ އެ މުއައްސަސާއިން ކަނޑައަޅާފައިވާ ޝަރުތުތައް ޕާކިސްތާނުން ނުފުއްދާތީއެވެ.
ގައުމުގެ ފަގީރު އާބާދީއަށް ރަމަޟާން މަހުގައި ކައިބޮއެ އުޅެވޭނެވަރަށް މަގުފަހިކުރުމަށް، ސަރުކާރުން ހިލޭ ކާ އެއްޗެހި ބެހުމުގެ މަޝްރޫއުއެއް ފަށާ، އެކި ސަރަހައްދުގައި ކާ އެއްޗެހި ބެހުމުގެ ސެންޓަރު ހުޅުވާ، އެ މަސައްކަތް ފަށާފައިވެއެވެ.
ނަމަވެސް، އެފަދަ ތަންތަނުގައި ރައްޔިތުން ކާ އެއްޗެހިއަށް ބޭނުންޖެހިފައި އޮތްވަރު ބޮޑުކަމުން، ބައެއް މީހުން އަވަސްއަރުވާލާ ވަގުތު އުފެދޭ ހާސްކަމުގެ ސަބަބުން ފިތިބާރުވެގެން މީހުން މަރުވި އަދަދު މިދިޔަ ހަފްތާއިން ފެށިގެން މަދުވެގެން 21 އަށް އަރައިފިއެވެ. ހުކުރު ދުވަހު ކަރާޗީގައި ހިނގާދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދަކީ މިހާތަނަށް އެފަދަ ހާލަތެއްގައި މަރުވި އެންމެ ގިނަ އަދަދެވެ.
މި ލިއުމާއި ގުޅޭ