Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުލުހުން އަނިޔާކުރުން

މުޒާހަރާ ކަވަރުކުރަން އުޅުނު އަންހެން ނޫސްވެރިއެއްގެ އުރަމަތީގައި ފުލުހެއް ހިފި މައްސަލައެއް

އިދިކޮޅު ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ އިހުތިޖާޖުތައް ކަވަރުކުރަން މަސައްކަތްކުރި އަންހެން ނޫސްވެރިއެއްގެ އުރަމަތީގައި ފުލުހަކު ހިފިކަމަށް ތުހުމަތުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވައިލާ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރާކަން އަންނަނީ ފާހަގަވަމުންނެވެ.

އަދި މުޒާހަރާތައް ކަވަރުކުރުމުގެ މަސައްކަތްކުރާ ނޫސްވެރިންނާއި ނޫސްތަކުގެ ކެމެރާމަނުންނާއި ފޮޓޯގުރާފަރުންނަށް ފުލުހުން އެކިއެކި ޖެއްސުންކުރާ މައްސަލަ ފެންމަތިވެފައިވެއެވެ. އަދި އެ މައްސަލަ ނޫސްވެރިން ތަމްސީލުކުރާ ރާއްޖޭގެ އަދި ބައިނަލްއަޤުވާމީ ޖަމްއިއްޔާތަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު އަންހެން ނޫސްވެރިއެއްގެ ގައަށް އަތްލިކަމަށް ތުހުމަތުވަނީ ފިރިހެން ފުލުހެކެވެ. ފުލުހަކު އަތްލީ "ހުވަދޫ" އޮންލައިންގެ ނޫސްވެރިޔާ ފާތިމަތު ތައުފީގު (ކުޑީ)ގެ ގައަށެވެ.

ރޭގެ މުޒާހަރާ ތެރެއިން މީހަކު ހައްޔަރުކުރި މަންޒަރު ރެކޯޑުކުރަން މަސައްކަތްކުރަނިކޮށް ކުޑީގެ އުރަމަތީގައި ހިފައި އޭނާ އެތަނުން ދުރުކުރުމަށް ފިރިހެން ފުލުހަކު މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

ކުޑީ މަސައްކަތްކުރާ ނޫސް "ހުވަދޫ" ނޫހުން ބުނެފައިވަނީ އޭނާއަށް ޖިންސީ ގޯނާކުރި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

މުޒާހަރާތައް ކަވަރުކުރަން މަސައްކަތްކުރާ ނޫސްވެރިންނަށް ހުރަސައެޅުމާއި ނޫސްވެރިން ހައްޔަރުކުރުމާއި ނޫސްވެރިންނަށް ޖިސްމާނީ ގޮތުން އަނިޔާވާ ފަދަ އަމަލުތައް ފުލުހުން ހިންގާކަން ފާހަގަކުރެވެއެވެ. އަދި އެފަދަ ކަންކަމުގައި ޝާމިލުވާ ފުލުހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅެއެވެ.

މި ލިއުމާއި ގުޅޭ