މިއަހަރުގެ މުބާރާތް އިންތިޒާމުކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މީގެ ކުރިން އެފްއޭއެމް އިންނާއި ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ވެސް މި މުބާރާތް އިންތިޒާމުކުރި އެވެ.
ވެޓެރަންސް މުބާރާތުގައި މިއަހަރު ވާދަކުރާ 11 ޓީމު ވަނީ ތިން ގްރޫޕަށް ބަހާލާފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ވެޓަރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ތިންވަނަ ގްރޫޕުގައި އޮތީ ސޮކަ މޭޓްސް އާއި ހުއްރިއްޔާ އަދި ކްލަބް ގްރީން ސްޓްރީޓްސް އާއި ޕޮލިސް ކްލަބެވެ.
މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ ހުޅުމާލެ ވެޓަރަންސް ކްލަބެވެ. މިއީ ބުރު ސްޕޯޓްސް ކްލަބް ވެޓަރަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި ކްލަބް ވެލެންސިއާ އާއި މާޒިޔާ ބައިވެރިއެއްނުވެ އެވެ.
ވެޓަރަންސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކްލަބް ވެލެންސިއާ އެވެ. އެޓީމުން ފަސް ފަހަރު މުބާރާތް ކާމިޔާބުކުރި އެވެ. ވެލެންސިއާގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ވެސް މި މުބާރާތް ވަނީ ކާމިޔާބުކޮށްފަ އެވެ.
މުބާރާތް ކުޅޭނީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ކުއާޓާ ފައިނަލް ކުޅޭ ގޮތަށެވެ. ގްރޫޕް އޭ އިން ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު އަނެއް ދެ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން ވެސް ތިން ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.
ފުޓްބޯޅައިގައި މީގެކުރިން މަޝްހޫރުކަން ހޯދާފައިވާ ގިނަ ކުޅުންތެރިންތަކެއް ކޮންމެ އަހަރަކު ވެސް ވެޓަރަންސް މުބާރާތުގައި ކުޅެ އެވެ.
ވެޓަރަންސް ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ގްރޫޕް އޭގައި ހިމެނޭ އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ މާފަންނު އެއްނަންބަރު ޓާފްގަ އެވެ.