ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަމުން ގެންދެވި ބޮޑު ވައުދު ކަމުގައިވާ ކޯލިޝަން ހެދޭނޭކަމުގެ ވައުދުވީ ފްލޮޕް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
އިންތި ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ވައުދު ކަމުގައިވާ ކޯލިޝަން ހެދޭނޭކަމުގެ ވައުދުވީ ފްލޮޕް ކަމަށާއި، ދެން ރައީސް އިބްރާހިމް އަށް އޮތް ގޮތަކީ މުސާރަވެރިންކޮޅު ގެއްލިދިޔަ ނުދިނުމަށް އަނގައިން ހިފެހެއްޓުން ކަމަށެވެ.
އިންތި މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ވެރިން އެމަގާމުތަކުން ވަކި ކުރަމުންދާ މައްސަލަ އަށް އިޝާރާތް ކުރައްވައެވެ.
އޭގެ އިތުރުން ސިޔާސީ ކުންފުނި ތަކުގައި ތިއްބެވި އިސްބޭފުޅުންގެ ތެރެއިން އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންނަށް ސަރުކާރުން ވަޒީފާގެ ބިރުދައްކައި ރައީސް އިބްރާހިމްގެ ފަޅިޔަށް އެރުމަށް މަޖުބޫރު ކުރުމުންކަމަށް ވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކުރިން ރައީސް އިބްރާހިމް އާއެކު ކޯލިޝަން ހަދާނެ ކަމަށް ބެލެވުނު ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އިން ވެސް ވަނީ އެ ޕާޓީތަކުން ވަކިން އިންތިޚާބުގައި ވާދަކުރުމަށް ނިންމައިފައެވެ. މިހާތަނަށް ރައީސް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވަނީ ނިސްބަތުން އެންމެ މީހުން މަދު ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދާލަތާއި އެމްޑީއޭކަން ފާހަގަ ކޮށްލެވެއެވެ.