ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި އިކިނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ކޯލިޝަނުގެ މެމްބަރެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިއަދު އިއުލާން ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ ހަނގުރާމައިގެ މައިދާން މިއޮތީ ތައްޔާރުވެފައި ކަމަށެވެ. އަދި ކުރިންވެސް އެނގިތިބި ކަންކަން އިތުރަށް ސާފުވެއްޖެ ކަމަށާއި ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށެވެ. އަދި މި "ދަތުރު" އެކުގައި ކުރިއަށް ނުގެންދެވުމަކީ ހިތާމައެއް ކަމަށް ވިދާޅުވިއެވެ.
"އިންޝާ ﷲ ކާމިޔާބު އޮތީ އަހަރުމެންނަށް" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމްއަށް މިވަގުތު ސިޔާސީ އެއްވެސް ބޮޑު ޕާޓީއަކުން ތާއީދު ނުކުރެއެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންވެސް ވަނީ ރައީސް އިބްރާހީމަށް ތާއީދު ނުކުރަން ނިންމާފައެވެ.
ރައީސް އިބްރާހީމަށް މިވަގުތު ތާއީދު ކުރަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ. މި ދެޕާޓީއަކީވެސް ވަރަށް މެމްބަރުން މަދު ދެ ޕާޓީއެވެ.