Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސައިލަން ހައިކޯޓުން އަމުރުކޮށްފި

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ވ.ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅުވައިގެން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކުގެ ޝަރީޢަތް މަޑުޖެއްސުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފިއެވެ.

މި އަމުރަކީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމާމެދު ކުރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމު ނިންމެވި ނިންމެވުމާ ގުޅިގެން ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރައްވާ މައްސަލައިގެ ތެރެއިން އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެން ނެރުއްވި އަމުރެކެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައިވަނިކޮށް، އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން ކުރިމިނަލް ކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލާ ޚިލާފަށް އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.

މިއަދު ހައިކޯޓުގައި މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޙަސަން ޝަފީޢުއާއި ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ފަނޑިޔާރު މުޙައްމަދު ފައިސަލްގެ އިއްތިފާގުން އެ އަމުރު ނެރުއްވިއިރު މިއަދުވެސް އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށްގެންދިޔައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފީ މައްސަލާގައި ފާހަގަކުރައްވާފައިވަނީ ފުއްގިރި މައްސަލައާ ގުޅުންހުރި މުހިއްމު ގިނަ ލިޔެކިޔުންތަކެއް ދައުލަތުން ހާމަކުރަން ދެކޮޅުހަދާފައިވާ ކަމަށާއި، އެ ހެކިތައް ހާމަކުރަން އެދުމުން އެ ހެކިތައް ހާމަކުރަންނުޖެހޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

ހައިކޯޓުގެ އަޑުއެހުމުގައި ވަކީލުން ފާހަގަކުރައްވާފައިވަނީ މުޅި އެމްއެމްޕީއާރުސީ ސުކީމު ހިނގި ގޮތް ސާބިތުކުރުމަށް މުހިއްމު އެތައް ހެއްކެއް ހާމަކުރަން ރައީސް ޔާމީނުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ހުށަހެޅި ކަމަށެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު ޢަބްދުﷲ ޝިޔާޒު ވިދާޅުވީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުލަތް މާނަކުރަނީ ކޯޓަށް ޕީޖީ އޮފީހުން ވަޑައިގަންނަވާ ވަކީލުން އެކަނި ކަމަށް ކަމުގައެވެ. އަދި ދައުލަތުގެ މާނައިގެ ތެރޭގައި މައްސަލަ ތަހުގީގުކުރި އިދާރާތައް ޕީޖީ ނުހިމަނުއްވާ ކަމަށާއި، އެއީ ދައުލަތުގެ ފުރިހަމަ މާނަކުރުމެއް ނޫންކަމަށްވެސް ޝިޔާޒު ވިދާޅުވިއެވެ. ފުއްގިރި މައްސަލައަކީ އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަކަށްވާއިރު އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުން އެ އިދާރާތަކުގައި ހުރެ ހާމަނުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ މުއާމަލާތާ ގުޅިގެން ހިންގި އެހެން ޝަރީޢަތްތަކަށް ހުށަހަޅާފައިވާ ބައެއް ލިޔެކިޔުން މި މައްސަލާގައި ހާމަނުކުރާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރައްތައް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ކުރީގެ ނައިބުރައީސް އަދި އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަޙްމަދު އަދީބު އެމްއެމްޕީއާރުސީއަށް ފޮނުއްވި ސިޓީއެއް އެހެން މައްސަލަތަކުގައި ކޯޓަށް ހުށަހެޅި ނަމަވެސް އެ ލިޔުން މި މައްސަލާގައި ފޮރުވާފައިވާ ކަމަށް ޝިޔާޒު ތުހުމަތުކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި ވާޓިކަލް ޓުއަރިޒަމް ތަރައްޤީކުރަން ނިންމެވިކަން ރައީސް އޮފީހުން އެންގި ލިޔުމެއް ހުށަހަޅާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދީބުގެ ލިޔުމަކީ ރައީސް އޮފީހުން ޓުއަރިޒަމް މިނިސްޓްރީއަށް ފޮނުވި ލިޔުމުގެ ފަހުން 2014 ވަނަ އަހަރުގެ ޖުލައި މަހުގައި ފޮނުވި ލިޔުމެއްކަން ފާހަގަކުރައްވައި ޝިޔާޒު ވިދާޅުވީ ދައުލަތުން މައްސަލައާ ގުޅިގެން ލިޔެކިޔުން ހުށަހަޅަނީ ޕިކް އެންޑް ޗޫސް އުސޫލުން ދައުލަތުން ބޭނުންވާ ލިޔުންތަކެއް ކަމަށެވެ.

ދައުލަތުން ހާމަކުރަންޖެހޭ މައުލޫމާތަކީ ދައުލަތަށް އެކަށީގެންވާ ގޮތެއްގައި އެނގޭ ނުވަތަ އެނގެންޖެހޭ މައުލޫމާތަށްވުމާއެކު، އަދި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހޯދަން އެދުނު މައުލޫމާތާއި ލިޔެކިޔުންތައް އެހެން މައްސަލަތަކުގައި ބޭނުންކޮށްފައިހުރުމުން އެ ލިޔުންތަކަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މައުލޫމާތުކަން އެނގޭކަމަށާއި، އެހެންކަމުން އެއީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ހާމަކުރުން ލާޒިމުވާ ލިޔެކިޔުމުގެ ޝަރުތު ފުރިހަމަވާ މައުލޫމާތުކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ