މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑޯމަންޓް އެކައުންޓްތައް ބަންދުކުރާނެކަމުގެ އިންޒާރު އެ ބޭންކުން ދީފިއެވެ.
އެމްއައިބީން ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިދިވިދިގެން ފަސް އަހަރު ދުވަސްވަންދެން އެކައުންޓެއްގެ ވެރިފަރާތުން އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ އެ އެކައުންޓަކީ ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅާކަމަށެވެ.
އެމްއައިބީން ބުނީ ގާނޫނުގައިވާގޮތުގެ މަތިން އެފަދައިން ކަސްޓަމަރުންނަށް އެންގުމަށްފަހު އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ އެ ފަރާތްތަކުގެ ނަންތައް ދުވަހު ނޫހުގައި ޝާއިއު ކުރުމަށް ފަހު ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް އާއްމުކުރާނެކަމަށެވެ. އެމްއައިބީން ކުރި އިއުލާނާއެކު އެފަދަ އެކައުންޓްތަކުގެ މައުލޫމާތުތައް ވަނީ އާއްމުކޮށްފައެވެ.
އެ ބޭންކުން ބުނީ އެފަދައިން އިއުލާނު ކުރާތާ 60 ދުވަސް ހަމަވުމުން އެ ފަރާތްތަކުގެ އެކައުންޓުތަކުގައިވާ ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށްފަހު އެކައުންޓްތައް ބަންދުކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.