Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ވަހީދު (އިބުރޭ)

މިނިސްޓަރު އިބުރޭގެ ކުށުގެ ރެކޯޑު: ދެ ފަހަރެއްގެ މަތިން ވައްކަންކޮށްގެން އަދަބު ލިބުނު!

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމަށް އިއްޔެ އައްޔަން ކުރެވުނު މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު (އިބުރޭ) އަކީ ދެ ފަހަރެއްގެ މަތިން ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވި އަދަބު ލިބިފައިވާ މީހެއްކަން ހާމަވެއްޖެއެވެ.

"ދިޔަރެސް" އަށް ލިބިފައިވާ އިބުރޭގެ ކުށުގެ ރެކޯޑުތަކުން ދައްކާގޮތުން މިނިސްޓަރު އިބުރޭ ވަނީ 1998 ވަނަ އަހަރު މ.ނީލޯފަރުގޭ އިސްމާއިލް ހަލީމްގެ ކޮމްޕިއުޓަރެއް ވަގަށް ނަގާފައެވެ. އެ ކޮމްޕިއުޓަރު ފެނިފައިވަނީ އިބުރޭގެ ކޮޓަރިތެރެއިންނެވެ. އެ މައްސަލާގައި އޭނާ 1 އަހަރު ދުވަހަށް އަރުވާލަން ހުކުމް ކުރެވުނެވެ. އެހެން ނަމަވެސް 5 މަސް ދުވަހަށް ފަހު މާފު ލިބި އެ ހުކުމް މިނިވަންވިއެވެ.

އިބުރޭ މިނިވަންވީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. އޭގެ އަހަރަކާއި ދުވަސްކޮޅެއް ފަހުން އިބުރޭ އަނެއްކާވެސް ވައްކަންކުރިއެވެ. މިގޮތުން ޖަރުމަނުގެ ރައްޔިތެއްކަމަށްވާ ސޯފީ މުލެންސްގެ ލެޕްޓޮޕް ވަަގަށް ނެގި މައްސަލަ ޝަރީއަތަށް ސާބިތުވިއެވެ. އެ މައްސަލާގައި 27 ސެޕްޓެމްބަރު 2001 ގައި އޭނާ 4 އަހަރާއި 2 މަސް ދުވަހަށް އަރުވާލަން ހުކުމް ކުރެވުނެވެ.

ވައްކަމުގެ ކުށް ސާބިތުވެ ދެފަހަރެއްގެ މަތިން ޝަރީއަތުން އަދަބު ލިބިފައިވާ ފަރާތަކަށް ރައީސް އިބްރާހީމް މިނިސްޓަރުކަން ދެއްވި އިރު، މި ސަރުކާރުގެ މަތީ މަޤާމުތަކުގައި ޖިނާއީ އެކިއެކި ކުށްތައް ސާބިތުވެ ޝަރީއަތުން އަދަބު ލިބިފައިވާ ފަރާތްތައް ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ. ހުދު ރައީސް އިބްރާހީމަކީވެސް ބަނގުރާ ވިއްކި މައްސަލައެއްގައި އަދަބު ލިބިފައިވާ ފަރާތެކެވެ.

މިނިސްޓަރު ކަމަށް އިބުރޭ އައްޔަން ކުރެވުނީ ކުރިން އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ޝިފާޒު ވަކިކުރެއްވުމަށްފަހުގައެވެ. އިބުރޭ އަކީ ޖެނުއަރީ މަސްތެރޭ ބޭއްވުނު އެމްޑީޕީގެ ޕްރައިމެރީ އިންތިހާބު ބޭއްވުމަށް ނެގުނު ކޮމިޓީގެ އެންމެ އިސް ފަރާތެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރައްވާ ގޮތުގައި އެ އިންތިހާބު "ވަގަށް" ނެގުމުގައި އިބުރޭގެ ދައުރު ބޮޑެވެ.

މި ލިއުމާއި ގުޅޭ