ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 4 އަހަރު ތެރޭގައި ދައުލަތުގެ ދަރަންޏަށް 47.51 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ރައީސް އިބްރާހީމުގެ ވެރިކަމުގެ 4 ވަނަ އަހަރުކަމަށްވާ 2022 ވަނަ އަހަރުގެ ނިޔަލަށް، ދައުލަތުން ގަރަންޓީ ދީގެން ނަގާފައިވާ ދަރަނި ހިމެނޭހެން ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 107.77 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 އިންސައްތައެވެ.
ރައީސް އިބްރާހީމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަންޏަކީ 60.26 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ފާއިތުވި ހަތަރު އަހަރު ތެރޭގައި ދައުލަތުގެ ދަރަންޏަށް 47.51 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ދަރަންޏަށް އިތުރުވެފައިވަނީ 31 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގައި ދައުލަތުގެ ދަރަންޏަށް އިތުރުވި މިންވަރަށްވުރެ އިތުރަށް ރައީސް އިބްރާހީމުގެ ވެރިކަމުގެ 4 އަހަރުގައި 16 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
2018 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 74 އިންސައްތާގައިކަމަށްވީ ނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް އެ ނިސްބަތްވަނީ 113 އިންސައްތައަށް އިތުރުވެފައެވެ.
2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި ނުހިމަނައި ހަމައެކަނި ސަރުކާރުގެ ސީދާ ދަރަންޏަށް ބަލާނަމަ އެ އަދަދު އަރަނީ 48.21 ބިލިއަން ރުފިޔާއަށެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދުވަނީ 91.50 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެހެންކަމުން ހަމައެކަނި ދައުލަތުގެ ސީދާ ދަރަންޏަށް 43 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
ދައުލަތުން ގަރަންޓީ ދީގެން ނަގާފައިވާ ދަރަނި 2018 ވަނަ އަހަރު ހުރީ 12.05 ބިލިއަން ރުފިޔާގައެވެ. އެ އަދަދު 2022 ވަނަ އަހަރުގެ ނިޔަލަށް 16.27 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. އެހެންކަމުން ދައުލަތުގެ ގަރަންޓީ ދީގެން ނަގާފައިވާ ދަަރަންޏަށް 4 އަހަރު ތެރޭގައި 4.37 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް ކެމްޕެއިނުގައި ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ ރައްޔިތުން ކައިރީ ނާއްސަވައި ދަރަންޏަށް ފައިސާ ނުނެންގެވުމެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުންވަނީ ގިނަ އަދަދަކަށް ލޯނު ނަގާފައެވެ. ނަގާފައިވާ ލޯނުތަކުން ހިންގަން ފެށި އެއްވެސް ބޮޑު މަޝްރޫޢެއް މިހާތަނަށް ނިންމާލެވިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.