Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބިންހެލުމަށް ފަހު އަމިއްލަ ގައުމުގައި ކުޅުނު މެޗުން ތުރުކީ ބަލިވެއްޖެ

ގާތްގާތުގައި އައި ބާރުގަދަ ދެ ބިންހެލުމަށް ފަހު ތުރުކީ އިން އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗުން ރޭ 2-0 އިން ކްރޮއޭޝިއާ އަތުން ބަލިވެއްޖެ އެވެ.

ތުރުކީ އަށް އައި ބިންހެލުންތަކުގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން އެގައުމުން މަރުވި އެވެ. ބިންހެލުން އައުމާ އެކު ވަކި މުއްދަތަކަށް އެގައުމުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލި އެވެ. ރޭ އެޓީމުން އަމިއްލަ ސަޕޯޓަރުން ކުރިމަތީ ނުކުތީ ޔޫރޯ 2024 ކޮލިފައިންގައި ކްރޮއޭޝިއާއާ ދެކޮޅަށެވެ.

މެޗުގައި ކްރޮއޭޝިއާގެ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ މަޓެއޮ ކޮވަސިޗް އެވެ. ކޮވަސިޗް ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.

މެޗު ފެށުމުގެ ކުރިން ބިންހެލުމުގައި މަރުވި މީހުންގެ ހަނދާނުގައި ބެނާ އެއް ދައްކާލާފައިވެ އެވެ. ބާރުގަދަ ބިންހެލުމުގައި ފުޓްބޯޅައިގައި ޝާމިލްވާ ބައެއް މީހުން ވެސް މަރުވި އެވެ.

ތުރުކީ ހިމެނޭ ގްރޫޕުގެ އެއްވަނައިގައި އޮތް ވޭލްސް އާއި ދެވަނައިގައި އޮތް ކްރޮއޭޝިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެ މެޗުން ތުރުކީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ކޮލިފައިންގައި ރޭ އެންމެ ހައިރާން ކުރުވަނިވި ނަތީޖާ ނެރުނީ ސްކޮޓްލެންޑުންނެވެ. ސްކޮޓްލެންޑުން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ސްޕެއިން ބަލިކޮށްފަ އެވެ. މެޗުގައި ސްކޮޓްލެންޑުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މެކްޓޮމިނޭ ވަނީ ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ދެ ގޯލު ޖަހާފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްވިޒަލެންޑް ވަނީ އަމިއްލަ ދަނޑުގައި 0-3 އިން އިސްރާއީލް ބަލިކޮށްފަ އެވެ. ރޫމޭނިއާ އިން ބެލަރޫސް 1-2 އިން ބަލިކުރިއިރު ވޭލްސް އިން ވަނީ 0-1 އިން ލެޓްވިއާ ބަލިކޮށްފަ އެވެ.

މި ލިއުމާއި ގުޅޭ