މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރުން 29 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ހޯދައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 29.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި މަހުގެ 16 ގެ ނިޔަލަށް ޖޫރިމަނާކޮށްގެން ހޯދާފައިވަނީ 26.9 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން ހަފްތާއެއް ތެރޭ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާކޮށްގެން މިވަނީ ހޯދާފަ އެވެ.
އަހަރު ފެށިގެން ތިން މަހުގެ ތެރޭގައި ޖުރިމަނާ ކޮށްގެން 29 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން 62.4 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އަންދާޒާކުރި އިރު، އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދަ އެވެ.