Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ބްރެޒިލްގެ ދަރިވަރަކު މުދައްރިސަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލައިފި

ބްރެޒިލްގެ ސާއޯ ޕައުލޯގެ މަދަރުސާއެއްގެ ދަރިވަރަކު، މުދައްރިސަކަށް ވަޅިއަކުން ހަމަލާދީ މަރާލައިފިއެވެ. މި ހަމަލާގައި އިތުރު 3 މުދައްރިސަކާއި 2 ދަރިވަރަކު ޒަހަމްވިއެވެ.

މި ހަމަލާގައި މަރުވީ ހަމަލާ ހިނގި ތޮމާޒިއޯ މޮންޓޮރޯ ޕަބްލިކް ސްކޫލުގައި ސައިންސް ކިޔަވާދެމުންއައި، 71 އަހަރުގެ އެލިސަބެޓޭ ޓެންރެއިރޯއެވެ. އޭނާ މަރުވެފައިވަނީ ވަޅިން ޒަހަމްލިބުމުގެ ފަހުން ކާޑިއެކް އަރެސްޓްގެ ސަބަބުންނެވެ. ހޯމަ ދުވަހުގެ ހެނދުނު ދިން ހަމަލާގައި 13 އަހަރުގެ ދަރިވަރަކު ފުލުހުން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލިނަމަވެސް، އޭނާގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ. އަދި މި ހަމަލާގައި ޒަހަމްލިބުނު އިތުރު މުދައްރިސުންނާއި ދަރިވަރުންނަށް ފަރުވާ ދެމުންދާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

މިހަމަލާގެ މަގްސަދު އަދި ކަނޑައަޅާފައިނުވާއިރު، އެސޯސިއޭޓެޑް ޕްރެސް އޭޖެންސީއަށް އިންޓަވިއުއެއް ދިން އެ މަދަރުސާގެ 13 އަހަރުގެ ދަރިވަރަކަށް ހަވާލާދީ އެ މީޑިއާއިން ބުނާގޮތުގައި، ހަމަލާދިން ދަރިވަރާއި އެހެން ކުއްޖެއްގެ މެދުގައި ޖެހުނު ހަހަމަނުޖެހުމެއްގެ މެދަށް މުދައްރިސު ޓެންރެއިރޯ ވަދެ އެކަން ހުއްޓުވުމާއި ގުޅިގެން ހަމަލާދިން ދަރިވަރު ހުރީ މުދައްރިސުގެ ދެކެ ރުޅިއައިސްފައެވެ. އަދި އެގަޑީގައި ހަމަލާދިން ކުއްޖާ، މުދައްރިސަށް އިންޒާރުދިނެވެ. އޭގެ ފަހުން ހޯމަ ދުވަހުގައި، ހަމަލާދިން ކުއްޖާ މަދަރުސާއަށް މޫނުނިވާކޮށްގެން އައިސް ފަހަތުން މުދައްރިސަށް ހަމަލާދިނީއެވެ.

މުދައްރިސު ޓެންރެއިރޯގެ މަރާއި ގުޅިގެން، އޭނާގެ ހަނދާނުގައި 3 ދުވަހުގެ ހިތާމަކުރުމުގެ މުއްދަތެއް ސްކޫލުން އިއުލާންކުރިއެވެ.

ބްރެޒިލްގެ މަދަރުސާއެއްގައި މިފަދަ ހަމަލާއެއް ހިނގުމަކީ އައު ކަމެއްނޫނެވެ. އެގޮތުން، ބްރެޒިލްގެ ފޮލްހާ ނޫސް މަޖައްލާއިން ބުނާގޮތުގައި، ހަމަލާދިން ކުއްޖާ މީގެ ކުރިން ޓުވިޓާގައި، 2019 ވަނަ އަހަރުގައި ބްރެޒިލްގެ ސުޒަނޯ ކިޔާ ތަނެއްގައި ހިނގި މަދަރުސާއަކަށް ދިން ހަމަލާއަކަށް ރިއާޔަތްކުރިއެވެ.

އެ ފަހަރު ދިން ހަމަލާގައި 5 ދަރިވަރުންނާއި، 2 މަދަރުސާގެ އޮފިޝަލުން މަރާލާފައިވަނީ ބަޑިޖަހައެވެ. އިތުރު 10 ދަރިވަރުން ޒަހަމްވި ހަމަލާ ދިނުމަށްފަހުގައި، ހަމަލާދިން ކުރީގެ އެ މަދަރުސާއިން ކިޔެވި 2 ދަރިވަރުން، 17 އަހަރުގެ ގިލްހެރމޭ ޓައުޗީ މޮންޓެއިރޯ އާއި 25 އަހަރުގެ ލުއީޒް އެންރީކޭ ޑި ކަސްޓުރޯ އަމިއްލައަށް މަރުވީއެވެ.

މި ފަހަރު ހަމަލާދިން 13 އަހަރުގެ ކުއްޖާ، ހަމަލާ ދިނުމުގެ ކުރިން ބަޑި ގަނެވޭނެ ގޮތް އިންޓަނެޓުން ދިރާސާކުރިކަމަށް، ބްރެޒިލްގެ ކަމާބެހޭފަރާތްތަކުން ބުނެއެވެ.
މި ލިއުމާއި ގުޅޭ