އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތަފާތު ޓުވީޓެއް ކުރައްވައިފި އެވެ. އެ ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ "ސިންގާ" އަކީ އެއްގަމުގައި ކިތަންމެ ބާރުގަދަ ޖަނަވާރެއް ކަމަކު ފައިނުފޯރާ ފަށަށް މޫދަށްލާ އިރަށް، ކުޑަ ހިނދުކޮޅަކުން އާރެއް ބާރެއް ނެތި ބޮކި ޖަހާފަ އަޑިއަށް ގެނބިގެންދާނެ ކަމަށެވެ. މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތަށް ބަލައި، ބެލެވޭ ގޮތުގައި އޭނާ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ.
އެ ޓުވީޓަށް ރައްދު ދިން ގިނަ މީހުން ފާހަގަކުރި ގޮތުގައި ސިންގާ އަކީ މޮޅަށް ފަތާ ޖަނަވާރެކެވެ. އަދި "ސިންގާ" ގެނބުނަސް "ރާމާމަކުނަށް" ޖަންގަލީގެ ރަސްގެފާނަށް ނުވެވޭނެ ކަމަށް އިމްރާނަށް ނިސްބަތްކޮށް މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
ނިމިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އެރުވުމާއެކު އަދާލަތު ޕާޓީން ވަނީ އެމަނިކުފާނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް މަސައްކަތް ކުރުމަށް ކޯލިޝަން ހައްދަވާފަ އެވެ.
އެއާ ހިލާފަށް ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީގެ ތެރެއިން ވަކި ސިޔާސީ ހަރަކާތެއް ފެއްޓެވި އެވެ. އެކަމަކު އެމަނިކުފާނާ ނުލައިވެސް އިންތިހާބު ކާމިޔާބުވާނެ ކަމަށާއި އެހެންކަމުން "ބާކީވެވަޑައިނުގަތުމަށް" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މި ދަނޑިވަޅުގައި އިމްރާން އެގޮތަށް ޓުވީޓު ކުރެއްވުމުން ރައްދު ދިން އިތުރު މީހަކު ބުނި ގޮތުގައި އަދާލަތު ޕާޓީއަކީ ބޮޑެތި މަސްތަކުގައި ހިއްޕާލައިގެން އުޅޭ "އައްޓަމަސް" ފަދަ ބައެކެވެ. އެއީ އަދާލަތުން ރައީސް ސޯލިހުގެ ފަހަތުގައި "ހިއްޕާލައިގެން" އޮންނާތީ އެވެ.
"ސިންގާ ބާއްވަބަލަ. ބޮޑު މަސް ކައިރީ އުޅެއެންނު ތަތްކޮށްލައިގެން އުޅޭ މަސްތަކެއް، އެކަހަލަ ހާލެއްގައި އަދާލަތު ޕާޓީ ތިއޮތީ. އަދާލަތު ޕާޓީ އެބައެއްގެ ފަހަތަށް އަރައިފިއްޔާ ކީއްވެތަ ޗޮކުން ދަނީ. އެންޑީޕީވެސް ބައިވެއްޖެ، މީހުން ދުރަށް ދުވަނީ،" އެމީހާ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
އަދި އިމްރާން އަމިއްލައަށް ދުވަސްކޮޅަކުން "ސިންގާ" ހެދިގެން އުޅެން ފަށާފާނެ ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ.
އިމްރާންގެ އެ ތަފާތު ޓުވީޓާ ގުޅިގެން އެނާ އިތުރު އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. މީގެ ކުރިންވެސް އިމްރާން ކުރި މިފަދަ ޓުވީޓުތަކާ ގުޅިގެން އޭނާ ވަނީ "ހޫނުފެނަށް" ވެއްޓި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.