ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރެއްނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން(އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު އެމަގާމުން މިއަދު ވަކިކުރެއްވުމާއި ގުޅިގެން މިރޭ ކުރެއްވިޓްވީޓެއްގައި އުޝާމް ވިދާޅުވީ ގާނޫނުން އެބާރު ލިބިދީފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ކަމަށެވެ.
އެހެން ކަމުން އެސްއޯއީތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވަޓައިޒޭޝަން ގާނޫނާހިލާފަށް ސަރުކާރުން ކުރަމުންދާކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނު ގާނޫނުގައި ބުނާގޮތުން އެބޯޑުގެ ޒިންމާ ތަކުގެ ތެރޭގައި, ސަރުކާރު ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި, ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ ފަރާތްތައް އައްޔަން ކުރުމުގައި އަމަލުކުރަން ޖެެހޭ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ މީހުން އައްޔަނު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ޕްރައިވަޓައިޒޭޝަން ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މިގާނޫނުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރުމުގެ އިހްތިސާސެއް ލިބިގެންނެއް ނުވެއެވެ.
އަމްރު ވަކި ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަކަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.