ދުނިޔޭގެ ކިކްބޮކްސިން ޗެމްޕިއަންކަން ހޯދާފައިވާ، އަދި މަޝްހޫރު ގިނަ ޔޫއެފްސީ ޗެމްޕިއަނުންގެ ކޯޗު ހެވިއަރ މެންޑޭޒްއާއި އިންޓަވިއު ކުރުމުގެ ފުރުސަތު ދާދިފަހުން "ދިޔަރެސް" އަށް ވަނީ ލިބިފައެވެ. "ދިޔަރެސް" އަށް ދެއްވި އިންޓަވިއުގައި ހެވިއަރ ވަނީ އޭނާގެ ކާމިޔާބީގެ ދަތުރުގެ ބައެއް ވާހަކަތަކާއި އޭނާގެ ކޯޗުކަމުގެ ދަށުން ކުރިއަރާފައިވާ ބައެއް ފަރާތްތަކުގެ ވާހަކަތައް ހިއްސާކުރައްވާަފައެވެ. ތިރީގައި މި ގެނެސްދެނީ އެ އިންޓަވިއުއެވެ.
ކިކްބޮކްސިން މިއީ ކިހިނެއް ފެށުނު ކަމެއް؟
އަޅުގަނޑު މާޝަލް އާޓްސް ފެށީ އުމުރުން 18 އަހަރުގައި. އެފަހުން 25 އަހަރުގައި ކިކްބޮކްސިން ފެށީ. އަދި 1992 ވަނަ އަހަރު ދުނިޔޭގެ ލައިޓްވެއިޓް ޗެމްޕިއަންކަން ލިބުނު. އަދި 1995 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޯޓްސް ކިކްބޮކްސިން އެސޯސިއޭޝަންގެ ކްރޫޒަރވެއިޓް ވޯލްޑް ޗެމްޕިއަންކަން ލިބުނު.
މި ދާއިރާގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
އެންމެ ކުރީކޮޅުގައި ދިމާވި މައްސަލައަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން. އެކަމަކު ފަހުން ކަމެއް ކުރަން އުޅުމުގައި އެއްވެސް ކަމެއް ހުރަހަކަށް ވިޔަ ނުދެން. ވަކި ނަސްލެއްގެ މީހަކަށް ވީތީ ކުރަން އުޅުނު ކަމެއް ނުވެފައި ނެތް. އެކަމަކު މިބުނިގޮތަށް އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކުރަން ޖެހުނު.
އަހަރެން ތެޅުންތެރިން ތަމްރީނު ކުރަމުން މިގެންދަނީ 1995 ވަނަ އަހަރުން ފެށިގެން. މިގޮތުން އެންމެ ފުރަތަމަ ޕޯލް ވެރެލެންސް، އަދި އެފަހުން 1996 ގައި ބްރިއަން ޖޯންސަން ތަމްރީނުކުރިން. އަދި އެފަހުން ފްރޭންކް ޝެމްރޮކް. އޭނައަކީ އަހަރެންގެ ފުރަތަމަ ޗެމްޕިއަން. އެއީ ފުރަތަމަ މިޑިލްވެއިޓް ޔޫއެފްސީ ޗެމްޕިއަން. އެއީ 1997 ނޫނީ 1998 ވަނަ އަހަރު. އަދި އެފަހުން ކެން ބީޖޭ ޕެން، ކެއިން ވެލާސްކުއޭޒް، އަދި ޖޯޝް ކޮޗެކް ތަމްރީނުކުރިން. އެ އެންމެންވެސް ދާދި އެއްގޮތް.
ދެން އަހަންނާ ދިމާވީ 2012 ވަނަ އަހަރު ހަބީބްއާ. ހަބީބް އާ އެހެން މީހުންނާ އެންމެ ބޮޑު ތަފާތަކީ އޭނާ އެހެން މީހުންނަށް ކުރާ އިހުތިރާމު. ހަބީބް އަދި ދެން އުޅޭ ދަގިސްތާނު ތެޅުންތެރިންގެ ހިތްތިރި ކަމާ އެހެން މީހުންނަށް ކުރާ އިހުތިރާމަކީ އަހަރެންގެ ހަޔާތުގައިވެސް މީގެކުރިން ތަޖުރިބާ ނުކުރެވޭ ކަމެއް. އަދި ހާއްސަކޮށް ހަބީބް، އޭނާގެ ދީނަށް އޮންނަ އީމާންތެރިކަން ނުހަނު ބޮޑު. ޖުމްލަކޮށް ބުނާނަމަ އެމީހުން ބޮޑެތި މީހުންނަށް ކުރާ އިހުތިރާމާއި އިސްލާމްދީނަށް އޮންނަ އީމާންތެރިކަން ފާހަގަކުރެވޭ. އިސްލާމް މަކަޗެވް، ހަބީބް، އުސްމާން އަދި އުމަރު. މިހުރިހާ ދަގެސްތާނު ތެޅުންތެރިން އިސްލާމްދީނަށް އޮންނަ އީމާންތެރިކަމާ ބޮޑެތި މީހުންނަށް ކުރާ އިހުތިރާމު ވަރަށް ބޮޑު.
މިއީ އަދި ނިމުނީ އެއް ނޫން. ކުރިއަށް އޮތީ. ޚަބީބްގެ ދެބެއިންގެ ދެދަރި ކޮއްކޮ އުމަރަކީ އަހަރެންގެ ދެން ހުރި ޗެމްޕިއަނަށް ވެގެން ދާނެ. 2024 ވަނަ އަހަރު އޭނާ ބެންޓަމްވެއިޓް ޔޫއެފްސީ ޗެމްޕިއަނަށް ހަދަން އަހަރެން ބޭނުން. މާޒީގަ ހާސިލުވެފަ ހުރި ކާމިޔާބީތަކަށް އަހަރެން ނުބަލަން. މިބަލަނީ މިހާރު ކުރަން ހުރި ކަންކަމަށް. އުމަރަށްފަހު ދެން ކުވައިތުގެ މުހައްމަދު އަލަރެކް ވެސް ޗެމްޕިއަނަކަށް ހަދަން ބޭނުން.
އަހަރެންގެ މެސެޖަކީ ކުރަން ބޭނުންވާ ކަމެއް ނުކުރެވޭނެ ކަމަށް އެހެން މީހަކަށް ބުނެވުނަ ނުދޭށޭ. ކަމެއް ކުރުމުގެ ޝައުގާއި އަޒުމް ހުރެއްޖެނަމަ އެކަމަށް އެއްވެސް މީހަކަށް ހުރަސް އެޅިޔަ ނުދޭށޭ. އަދި މިވެނި ކަމެއް ނުކުރެވޭނެ އޭ އެހެން މީހަކަށް ބުނެވުނަ ނުދޭށޭ. މަނާ ކަމެއް ނޫންނަމަ އަދި އެހެން މީހަކަށް އަނިޔާ ނުވާނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެ. އަދި ކުރަން މަސައްކަތް ކުރަންވެސް ޖެހޭނެ. ނުކުރާނަމަ އެކަން ކުރެވޭނެ ކަމެއް ވެސް ނޭނގޭނެ.
މިއީ އަހަރެން ރާއްޖެއައި ފުރަތަމަ ފަހަރު. މިއީ ވަރަށް ރީތި ޤައުމެއް. އަދި ރަނގަޅު ތަޖުރިބާއެއް. މީހުން އެހާމެ ހިތްހެޔޮ. އަދި ރީތި މާހައުލެއް. ރަށްތަކަށް ޒިޔާރަތް ކުރުމުން، ރަށްތަކުގެ ރީތި މަންޒަރުތައް ފެނޭ. މޫދުގެ ފެންގަނޑު ހުންނަނީ ނޫކުލައިގަ. އަހަރެން ފީނަން ދިޔައިން. އަދި މަހަށްވެސް ދިޔައިން. އެއީވެސް ވަރަށް ހިތްގައިމު ކަމެއް.
ހުވަފެންތައް ހަގީގަތަށް ހެދުމުގައި އެކަކަށްވެސް ހުރަސް އެޅިޔަ ނުދޭށޭ. ހިތުގައި ކަމެއް ކުރަން އޮތިއްޔާ އެކަން ހާސިލު ކުރަން މަސައްކަތް ކުރޭ. ލަނޑުދަނޑިތައް ހާސިލުކުރަން ކުރަންޖެހުނު މަސައްކަތެއް ކުރަންވާނެ. އޭރުން ކާމިޔާބުވާނެ.