މިއަދުގެ ފަތިސް ވަގުތު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މަސްޖިދުލް އަޤުޞާގެ މުޞައްލަލް ޤިބްލީއަށް ވަދެގަނެ، އެތަނުގައި އިއުތިކާފަށް ތިބި ފަލަސްޠީނު މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
އަލްޖަޒީރާގެ މުރާސިލާ ހަވާލާދީ އެ ނޫސް އެޖެންސީން ބުނެފައިވަނީ އިސްރާއީލުގެ ފުލުހުންގެ ގިނަ އަދަދެއްގެ ފުލުހުން މުޞައްލަލް ޤިބްލީއަށް ވަދެ، އެތަނުގައި އިއުތިކާފަށް ތިބި މީހުން މިސްކިތް ދޫކޮށްދާން މަޖުބޫރުކުރުވި ކަމަށެވެ.
އަދި މުޞައްލަލް ޤިބްލީ ނޫން މަސްޖިދުލް އަޤުޞާގެ އެހެން ސަރަހައްދުތަކަށްވެސް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަދެގަނެފައިވާ ކަމަށާއި، އެއިން ބައެއް ތަންތަނަށް ގަދަ އަޑުއިވޭ ޒާތުގެ ބޮންތައްވެސް އުކާފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
މިސްކިތުގައި އިއުތިކާފަށް ތިބި މީހުން ގަދަކުމުން އަޤުޞާގެ ހަރަމްފުޅުން ނެރެ، އެ ހަރަމްފުޅަށް ގަދަބަދަވިކަމުން އިސްރާއީލުގެ ސަލާމަތީ ބާރުތައް ވަނުމާދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން މިސްކިތުގައި ތިބި ފަލަސްޠީނު މީހުންވަނީ ތަކުބީރުގެ އަޑުއުފުލާފައެވެ.
އަދި އިސްރާއީލު ސިފައިން މިސްކިތަށް ވަން މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ފަލަސްޠީނުގެ އެކްޓިވިސްޓުން ބުނަނީ އިސްރާއީލު ފުލުހުން އަންހެނުންނާ ދެކޮޅަށްވެސް ބާރުގެ ބޭނުންކުރި ކަމަށެވެ.
މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދު މަސްޖިދުލް އަޤުޞާގައި ކުރުމަށް 100،000އާ ގާތްކުރާ ފަލަސްޠީނު މީހުން އެ މިސްކިތަށް އެއްވިއެވެ. އެއީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އިސްރާއީލުން އަޅާފައިވާ ހުރަސްތަކާއެކުވެސްމެއެވެ.
އިސްރާއީލުން އަޤުޞާ މިސްކިތަށް ގެއްލުންދޭތީއާއި، ދޭތެރެދޭތެރެއިން އިސްރާއީލުން އެ މިސްކިތަށް ވަންނާތީ، ފަލަސްޠީނުގެ ވީހާވެސް ގިނަ ބަޔަކު ދަތުރުހަދައި އަޤުޞާގެ ހަރަމްފުޅަށް ގޮސް އެތަނުގައި ޖަމާވެ ތިބުމަށް ޙަރަކަތުލް މުޤާވަމަލް އިސްލާމިއްޔާ (ޙަމާސް)އިންވަނީ ގޮވައިލާފައެވެ.
މަސްޖިދުލް އަޤުޞާއަކީ އިސްލާމްދީނުގެ ފުރަތަމަ ޤިބުލައެވެ. އަދި ތިންވަނަ ހަރަމްފުޅެވެ. މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީ ފިޔަވައި ދެން ހުރި އެންމެ މާތް މިސްކިތަކީ މަސްޖިދުލް އަޤުޞާއެވެ.