އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ޑޮނާލްޑު ޓުރަމްޕުގެ ރިޔާސީ ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުން ޓެކްސާސްގެ ވާކޯގައި ބާއްވައިފިއެވެ.
"ޖަސްޓިސް ފޯ އޯލް" ލަވައާއި ޖަނވަރީ 6 2021 ވަނަ ދުވަހުގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާ ގެކަމަށްވާ ކެޕިޓަލްއަށް ވަދެގަތް މީހުންގެ އަޑާއި މަންޒަރުތައް ދެއްކުމަށްފަހު ބޭއްވި އެއްވުމުގައި ޓުރަމްޕުވަނީ އޭނާއާ ދެކޮޅަށްކުރާ ތުހުމަތުތަކަށް ރައްދުދެއްވައި، އޭނާގެ މައްސަލަތައް ތަހުގީގުކުރާ ޕްރޮސެކިއުޓަރުންނަށް ފާޑުވިދާޅުވެފައެވެ.
6 ޖަނަވަރީ 2021 ވަނަ ދުވަހުގައި ކެޕިޓަލްއަށް ވަން މީހުން ދިފާއުކުރައްވައި ޓްރަމްޕު ވިދާޅުވީ އެމީހުންނަށް އިންސާފު ލިބޭނެ ކަމަށެވެ. އަދި އޭނާއާ ގުޅުވައިގެން ހިންގާ ތަހުގީގުތަކަކީ ސްޓާލިންގެ ރަޝިޔާގެ ބިރުވެރިކަމުގެ ތެރެއިން ކަމެއް ފަދަ ކަންތައްތަކެއްކަމަށް ޓުރަމްޕު ސިފަކުރެއްވިއެވެ.
ޓުރަމްޕު ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން އޭނާއާ ކުރިމަތިވެވަޑައިގަންނަވަނީ އަސްލެއް ނެތް ތުހުމަތުތަކާއި ހަގީގަތެއް ނެތި ހިންގާ ތަހުގީގުތަކާއެވެ.
ޓުރަމްޕާ ދެކޮޅަށް މިހާރު ހިންގާ ތަހުގީގަކީ 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބަރަހަނާ ފިލްމުކުޅޭ އަންހެނަކަށް ފައިސާ ދެއްވިކަމުގެ ތުހުމަތުގައި ހިންގާ ތަހުގީގެކެވެ. އަދި ސިއްރު ލިޔެކިޔުންތަކެއް އަމިއްލަ އަތްޕުޅުގައި ބެހެއްޓެވިކަމުގެ ތުހުމަތާއި، 2020 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރައްވަން އުޅުއްވިކަމުގެ ތުހުމަތުގައިވެސް ޓްރަމްޕާ ދެކޮޅަށް ތަހުގީގުތަކެއްވަނީ ފަށާފައެވެ
ޓުރަމްޕު ހޮނިހިރުދުވަހުގައި ވިދާޅުވީ އޭނާއާއި އޭނާއަށް ތާއީދުކުރާ މީހުން ހުއްޓުވުމަށް "އަދުއްވުން" ތިބީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. "އަހަރުމެންގެ ވާދަވެރިން އަހަރުމެންގެ ރޫހާއި އަހަރުމެންގެ ހިއްވަރު ފުނޑައިލަން ކުރެވެންހުރި ހުރިހާ ކަމެއް ކޮށްފި،" ޓުރަމްޕު ވިދާޅުވިއެވެ.
އެހެންނަމަވެސް ވާދަވެރިންގެ އެ ރޭވުންތައް ނާކާމިޔާބުވެފައިވާކަމަށާއި، ކުރިމަތިވި ގޮންޖެހުންތަކުން އޭނާއާއި އޭނާގެ ބައިވެރިން އިތުރަށް ވަރުގަދަވިކަމަށްވެސް ޓުރަމްޕު ވިދާޅުވިއެވެ. "އަޅުގަނޑު ވައިޓްހައުސްއަށް ވައްދަވައިދެއްވާ. އެމީހުންގެ ވެރިކަން އެއިރުން ނިންމުމަކަށް ގެންނާނަން، އަދި އެމެރިކާއަކީ މިނިވަން ޤައުމަކަށް އަނެއްކާވެސް ވާނެ،" ޓުރަމްޕު ވިދާޅުވިއެވެ.