ޢައްބާސީ ޚިލާފަތުގެ ޚަލީފާގެ މަޤާމަށް ހާރޫނުއް ރަޝީދު އައްޔަންކުރެވުމާއެކު، އެންމެ ފުރަތަމަ އެމަނިކުފާނު ނިންމެވި އެއް ނިންމެވުމަކީ ޔަޙްޔާ ބިން ޚާލިދުލް ބުރުމުކީ ބޮޑުވަޒީރުކަމަށް އައްޔަންކުރެއްވުމެވެ. "އަހަރެންގެ ކޮނޑުން ރައްޔިތުންގެ ކަންކަން ނަގައި މަނިކުފާނާ ހަވާލުކޮށްފީމެވެ. ބޭނުންފުޅުވާ މީހަކާ ކަންކަން ހަވާލުކުރައްވައި ބޭނުންފުޅު މީހަކު ވަކިކުރައްވައި، ރައްޔިތުންގެ ކަންކަން ކުރައްވާށެވެ." ހާރޫނުއް ރަޝީދު ޔަޙުޔާއަށް ވިދާޅުވިއެވެ. އަދި ހާރޫނުގެ ބަދަލުގައި ކަންކަން ނިންމަވައި ފަތްކޮޅު ފޮނުއްވުމަށް ޚަލީފާގެ ތައްގަނޑުވެސް ޔަޙުޔާއާ ހަވާލުކުރެއްވިއެވެ.
ވެރިއެއްގެ ވަށައިގެން ތިބޭ މަދަދުގާރުންނަކީ ޚުޠޫރަތްތެރި ބައެކެވެ. އެމީހުން ހެޔޮ ރަނގަޅު ޞާލިޙު ބަޔަކަށް ވެއްޖެނަމަ، އެކަމުގައި ވެރިޔާއާއި ޤައުމާއި ދައުލަތަށް އޮތީ ހެޔޮކަމެވެ. އެ މީހުން ފާސިދު ނުބައި ބަޔަކަށްވެއްޖެނަމަ އެކަމުގައި އެކުލެވެނީ އެ ވެރިޔަކާއި، ޤައުމަކާއި ރައްޔިތެއްގެ ހަލާކެވެ. މި ޙަޤީޤަތަށް ދަލީލުކުރާ އިސްލާމީ ތާރީޚުގެ ޞަފުޙާތަކުން ފެންނަ އެއް ވާހަކައަކީ ބަރާމިކާއިންގެ ވާހަކައެވެ.
ބަރާމިކާއިންނަކީ ފާރިސް ކަރައަށް ނިސްބަތްވާ އާއިލާއެކެވެ. އެމީހުންނަކީ ފާރިސީން އަލިފާނަށް އަޅުކަންކުރި ޒަމާނުގައި ފައްޅީގެ ވެރިންގެ ތެރެއިން ބައެކެވެ. ފާރިސްކަރަ ފަތަޙަކުރެވި އިސްލާމްދީން ފެތުރެން ފެށުމުން އެމީހުން އިސްލާމްވިއެވެ. ޚާލިދު އަލްބުރުމަކީއަކީ ފާރިސްކަރާގައި ޢައްބާސީ ޚިލާފަތަށް ގޮވާލައްވައި، އެ ޚިލާފަތު ޤާއިމުކުރުމަށް ތާއީދުކުރެއްވި، ޢައްބާސީންގެ މަދަދުވެރި ނަސްރުވެރިއެކެވެ. ޢައްބާސީ ޚިލާފަތް ޤާއިމުވެ، އެ ޚިލާފަތުގެ ފުރަތަމަ ޚަލީފާއާއި ދެވަނަ ޚަލީފާގެ އަރިހުގައި ޚާލިދު އަލްބުރުމަކީ މަތީ މަޤާމުތައް އަދާކުރެއްވިއެވެ.
ނަމަވެސް ޢައްބާސީ ޚިލާފަތުގައި ބަރާމިކާއިންގެ ނަން ވިދައިލީ ޚާލިދުގެ ދަރިކަލުން ޔަޙުޔާ ބިން އަލްޚާލިދުގެ ސަބަބުންނެވެ. އޭނާގެ އިދާރީ ޤާބިލުކަމާއި ކަންކަން ތަންފީޒުކުރުމުގެ ކުޅަދާނަކަމާއެކު ޢައްބާސީ ޚިލާފަތުގެ ދެވަނަ ޚަލީފާގެ ދަރުބާރުގައި ބާރާއި ނުފޫޒުގަދަ މަސްއޫލިއްޔަތުތައް ގިނަ، ވަރުގަދަ ވަޒީރަކަށް ވެވަޑައިގަތެވެ. އޭނާގެ ބާރާއި ނުފޫޒު އޭގެ ކުންނަށް ވާސިލުވީ ތިންވަނަ ޢައްބާސީ ޚަލީފާ އަލްމަހުދީގެ ވެރިކަމުގައެވެ. އަލްމަހުދީގެ ދަރިކަލުން އަދި ވަލީޢަހުދު ޚަލީފާ ހާރޫނުއްރަޝީދުގެ ތަރުބިއްޔަތުގެ ކަންކަން އޭނާއާ މަތިކުރެވުނެވެ.
ހާރޫނު ޔަޙުޔާއާ މުޚާޠަބުކުރައްވަނީ "އަޅުގަނޑުގެ ބައްޕާއޭ" ވިދާޅުވެއެވެ. އެމަނިކުފާނު ތުއްޕުޅުއިރު ޔަޙުޔާގެ ދަރިކަލުން ފަޟްލު ބިން ޔަޙުޔަލް ބަރުމަކީއާއެކު، ޔަޙުޔާގެ އަނބިކަނބަލުން ހާރޫނަށް ކިރުފޮދު އެެރުވުމުން އެއްކިރުވުމުގެ ގޮތުން ޔަޙުޔާގެ ބޭފުޅުންނާއި ހާރޫނަކީ އަޚުންނެވެ. އަދި ޔަޙުޔާއާއި ޔަޙުޔާގެ އަނބިކަނބަލުންނަކީ ހާރޫނުގެ މައިންބަފައިންގެ މަޤާމު ދެވިފައިވާ ބޭފުޅުންނެވެެ.
ޔަޙުޔާގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް ދޫކޮށްލެއްވުމާއެކު އޭނާގެ ހަތަރު ބޭފުޅުންނަށް ދައުލަތުގެ ގިނަ ކަންކަން ހަވާލުކުރެއްވިއެވެ. ހާރޫނުއް ރަޝީދުގެ ވެރިކަން މާތްﷲގެ ރަޙުމަތްފުޅުން ތަނަވަހެވެ. އުޑުން ވިލާގަނޑެއް ދަތުރުކުރާ މަންޒަރު ފެނިވަޑައިގަތުމުން އެ ވިލާގަނޑާ މުޚާތަބުކުރައްވައި، "ތިބާ އެދޭ ބިމަކަށް ގޮސް ވާރޭ އޮއްސައިލާށޭ، އެ ވާރޭގެ ރިޒްޤު މުސްލިމުންގެ ބައިތުލްމާލަށް ޖަމާވާނޭ،" ހާރޫނު ވިދާޅުވާކަމަށް މުއައްރިޚުން ލިޔުއްވާފައިވާވުމުން ޢައްބާސީ ދައުލަތް އެއިރު ފެތުރިފައި އޮތް މިންވަރު ތަސައްވުރުވެއެވެ.
ޚަލީފާ ހާރޫން ދައުލަތުގެ ބާރުތައް ބަރާމިކާއިންގެ އަތްޕުޅު މައްޗަށް ދޫކޮށްލެއްވީ އެކަންޏެއް ނޫނެވެ. ހާރޫނުގެ ދެ ބޭފުޅުންކަމަށްވާ އަލްއަމީން އަދި އަލްމައުމޫނުގެ ތަރުބަވީ ޒިންމާތައްވެސް ބަރާމިކާއިންނާ ހަވާލުކުރެއްވީއެވެ.
ބަރާމިކާއިންނަށް ޚަލީފާ ހާރޫން ދެއްވި ބާރުތަކަށް އެބޭފުޅުން އަމާނާތްތެރިވެވަޑައިނުގަތެވެ. ދައުލަތުގެ ފައިސާއަކީ އަމިއްލަ ފައިސާއަށް ހައްދަވައި ޚަރަދުކުރައްވަން ފެއްޓެވީ ބޭނުންފުޅުވާ ގޮތަކަށެވެ. އެ ބޭފުޅުންގެ ތަނަވަސްކަން ބޮޑުވެ ދައުލަތުގެ ބިންތަކުގެ ބޮޑު ބައެއް އަމިއްލަ ކުރައްވައިފިއެވެ. ޓެކުހުގެ ގޮތުގައި އެއްކުރާ ފައިސާއިން ބޭނުންފުޅު ގޮތަކަށް ޚަރަދުކުރައްވަން ފެއްޓެވިއެވެ.
އެ ބޭފުޅުންނަކީ ދީލަތި ބައެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ. ކަންކަމުގައި ބޭނުންޖެހިފައި ތިބޭ މީހުން އެ ބޭފުޅުންގެ ގެކޮޅުތައް ކައިރީ ސަފު ހަދައިގެން ތިބެން ފެށިއެވެ. ޅެންވެރިން އެ ބޭފުޅުންނަށް މަދަހައާއި ސަނާ ކިޔައި ޅެންތައް ލިޔެ ކިޔަން ފެށިއެވެ. ދައުލަތުގެ ފައިސާއަކީ އަމިއްލަ ފައިސާކަމަށް ބައްލަވައިގެން ބައްސަވަމުން ގެންދެވީ ބެއްލެވުމެއް ނެތިއެވެ.
މާލީ ފަސާދައިގެ އިތުރަށް ސިޔާސީ ފަސާދަވެސް އާންމުވިއެވެ. ޚާއްޞަކޮށް ޢައްބާސީ ވެރިކަމަށް ހިރާސެއްކަމަށް ބެލެވޭ ކޮންމެ މީހެއްގެ ލޭ ބަރާމިކާއިން ހުއްދަކުރިއެވެ. އެގޮތުން މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ ނަސަބުފުޅަށް ނިސްބަތްވާ ބޭފުޅުން ބަންދުކޮށް ޤަތުލުރިއެވެ. ޙުސައިންގެފާނުގެ މުނިކާފަދަރިކަލުން މޫސަލް ކާޡިމް އަވަހާރަކޮށްލުމަށް ރޭވިއެވެ. މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ޚަލީފާ ހާރޫނު ހުންނެވީ އެ ބޭފުޅުންނަށް އިތުބާރުކުރައްވައިގެންނެވެ.
ހަމައެހެންމެ ޚަލީފާ ހާރޫނުގެ ދެބެއިފުޅުންކަމަށްވާ މައުމޫނާއި އަލްއަމީނުގެ މެދުގައި ވަލީ ޢަހުދުގެ މަޤާމާމެދު އުފެދުނު ދެބަސްވުމުގައިވެސް ބަރާމިކާއިންގެ ދައުރު ބޮޑެވެ. ފާރިސީ އަންހެން ބޭފުޅެއްގެ ދަރިކަލެއްކަމަށްވާ މައުމޫނަކީ، ޢަރަބި މަންމާފުޅެއްގެ ބަނޑުން އުފަންވެވަޑައިގެންނެވި ހާރޫނުގެ ދޮށީ ދަރިކަލުން އަލްއަމީނަށްވުރެ ވެރިކަން ހައްގު ބޭފުޅެއްކަމަށް ޚަލީފާއަށް ވިސްނައިދެއްވަން ބަރާމިކާއިން މަސައްކަތްކުރިއެވެ.
މިކަންކަން ފެނިވަޑައިގެން އިލްމުވެރިން ޚަލީފާއަށް ނަސޭހަތްތެރިވެވަޑައިގަންނަވަން ފެއްޓެވިއެވެ. އަލްއިމާމް މުޙައްމަދު ބިން ލައިޘް ޚަލީފާއަށް ފޮނުއްވި ސިޓީއެއްގެ ވާހަކަ މުއައްރިޚުން ބަޔާންކުރައްވައެވެ. މާތްﷲގެ ޙަޟްރަތުގައި ރައްޔިތުންނާމެދު ސުވާލުކުރެއްވޭނީ އަދި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ ޚަލީފާ ހާރޫންކަމަށާއި، އެ ދުވަހު ބަރާމިކާއިންނަށް މެދުވެރިންނަށް ނުވެވޭނެކަން ހަނދުމަފުޅުކޮށް އަރުވައި ފޮނުއްވި ސިޓީއެވެ.
މިސިޓީ ޔަޙްޔާއަށް ފެނިވަޑައިގަތުމާއެކު އިމާމް މުޙައްމަދު ބިން ލައިޘް ހައްޔަރުކުރައްވައި ހުރަގޭގައި ބަންދުކުރެއްވިއެވެ. ޚަލީފާއަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެހެން އިލްމުވެރިންނާމެދުވެސް ބަރާމިކާއިން ކަންކުރީ އަނިޔާވެރިކަމާއެކުކަން ތާރީޚުގެ ފަތްފުތްތަކުގައި ލިޔެވިފައިވެއެވެ.
މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި ބަރާމިކާއިންގެ ނިމުން އައީ ކުއްލި ގޮތަކަށެވެ. ޚަލީފާއާއެކު ބަރާމިކާއިން އެއް އަހަރު ޙައްޖަށް ނުކުމެވަޑައިގަތީއެވެ. އެ ޙައްޖަށް ވަޑައިގެން އެކީ ޙައްޖުވެވަޑައިގެން އަނބުރާ ވަޑައިގެންނެވުމާއެކު ޚަލީފާގެ ކުއްލި ޤަރާރެއް ނެރުއްވިއެވެ.
ބަރާމިކާއިން ތެރެއިން ޚަލީފާ އެންމެ އަރިސްކޮށް ގެންގުޅުއްވި ޖަޢުފަރު ބިން ޔަޙުޔަލް ބަރުމަކީ އޭނާގެ ގަނޑުވަރުން ނެރެ، ޚަލީފާގެ ގަނޑުވަރަށް ގެނެވުނެވެ. އަދި ޚަލީފާ އޭނާ މެރުމަށް އަމުރުކުރެއްވިއެވެ. މި ޖަޢުފަރަކީ ޚަލީފާ އަންގަވައިގެން ބަންދުކޮށްފައި ހުންނެވި ޢަލީގެފާނުގެ ޢާއިލާގެ ބޭފުޅަކަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވަނިކޮށް އޭނާ އަވަހާރަކޮށް ހަށިކޮޅާއި އިސްތަށިފުޅު ވަކިކޮށްލި މީހެކެވެ.
އިއްޔެ އަމިއްލަ ބައްޕާފުޅެއްގެ މަޤާމުގައި، އެ އިހުތިރާމާއި ޤަދަރު ދެއްވައިގެން ގެންގުޅުއްވި ޔަޙުޔާ ބިން ޚާލިދުލް ބަރުމަކީއަށް ގެއެއްގައި ބަންދުގައި ހުންނަވަން ނޫންނަމަ އޭނާގެ ބޭފުޅުންނާއެކު ޖަލުގައި ހުންނެވުމުގެ ޚިޔާރު ހާރޫން ހުށަހެޅުއްވުމުން ޔަޙުޔާ ނިންމެވީ ބޭފުޅުންނާއެކީ ޖަލުގައި ހުންނަވާށެވެ.
ޔަޙުޔާގެ 4 ބޭފުޅުންގެ ތެރެއިން މި އަދަބުން ސަލާމަތްވެވަޑައިގަތީ މުޙައްމަދު ބިން ޔަޙުޔަލް ބަރުމަކީއެވެ. މުއައްރިޚުން ލިޔުއްވާ ގޮތުގައި މުޙައްމަދަކީ އިންސާފުވެރި ބޭފުޅެކެވެ. އޭނާގެ ކިނބައިން މާލީ އަދި އިދާރީ ފަސާދައިގެ ކަމެއް ފެނިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޚަލީފާގެ ކޯފާއާއި އަދަބުން އޭނާ މިންޖުވެވަޑައިގަތެވެ.
ޔަޙުޔަލް ބަރުމަކީއާއި އޭނާގެ ބޭފުޅުންގެ ތެރެއިން ޖަލަށްލެވުނު ބޭފުޅުން ޖަލުގައި ނިމިދިޔައީ ޚަލީފާ ހާރޫނުގެ ވެރިކަމުގައެވެ. އެބޭފުޅުން ދައުލަތުން ނެންގެވި ފައިސާ އަނބުރާ ދައުލަތަށް ޚަލީފާ އިއާދަކުރެއްވިއެވެ. ބިންތަކާއި ފައިސާއާއި ގަނޑުވަރުތައް ނެންގެވިއެވެ.
އިސްލާމީ ފިކުރުގައި ރައްޔިތުންގެ ޒިންމާއަކީ ވެރިކަމާ ހަވާލުވާ މީހެއްގެ ޒިންމާއެކެވެ. ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ ޙަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިޔަ ބައިމީހުންކުރެ ކޮންމެ މީހަކީ އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދު ސުވާލުކުރެވޭނެ މީހެކެވެ. ވެރިމީހާގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންނާމެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ." ވެރިން ކަންކަން ތަންފީޒުކުރަން އިޚުތިޔާރުކުރާ މީހުން އެވެރިންގެ ދަށުގައިވާ އާންމުންގެ މުދަލަށް ޚިޔާނާތްތެރިވެ އަނިޔާވެރިވާނަމަ، އެކަމުގެ ޒިންމާ ﷲގެ ޙަޟްރަތުގައި އުފުލާންޖެހޭނީ ވެރިންނެވެ. އެކަމުގައި ސުވާލުކުރައްވާނީ އެ ވެރިންނާއެވެ.
އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީސެއްގައި މާތް ނަބިއްޔާ ޙަދީސްކުރައްވާފައިވެއެވެ. "މާތްﷲ ފޮނުއްވި ނަބީބޭކަލުންގެ ތެރެއިން އެ ބޭކަލަކަށްފަހު ޚަލީފާއަކާ ޚަލީފާކަން ހަވާލުކުރެއްވި އެއްވެސް ޚަލީފާއަކަށް ދެ ބާވަތެއްގެ މަދަދުގާރުން ނުލިބި ނުދެއެވެ. އެއް ބާވަތަކީ ނުބައި ކަންކަމަށް މަގު ދައްކައި ނުބައި ކަންކަމަށް އަމުރުކުރާ މަދަދުގާރުންނެވެ. ދެވަނަ ބާވަތަކީ ހެޔޮ ކަންކަމަށް އަމުރުކޮށް ހެޔޮ މަގަށް މަގުދައްކާ މަދަދުގާރުންނެވެ. މައުސޫމު މީހަކީ މާތްﷲ ރައްކާތެރިކޮށްދެެއްވި މީހާއެވެ."
މި ބަސްފުޅުންވެސް އެނގެނީ މަދަދުގާރުން އިޚުތިޔާރުކުރުމުގައި އެމީހުންނަކީ ހެޔޮ ރަނގަޅު ބައެއްކަން ކަށަވަރުކުރުމަކީ ވެރިންގެ ޒިންމާއެއް ކަމެވެ.
މަދަދުގާރުން އިޚުތިޔާރުކުރުމުގައި އަމަލުކުރާނެ ގޮތާއި ބަލަންވީ މިންގަނޑު ކީރިތި ޤުރުއާނުގައި މޫސާގެފާނު މަދުޔަނަށް ވަޑައިގެންނެވި ވާހަކައިގައި ބަޔާންވެފައިވެއެވެ. އަލްޤަޞަޞް ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ މާނައީ: ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ. މިއީ މޫސާގެފާނާމެދު ޝުޢައިބުގެފާނުގެ ދަރިކަނބަލުން އެކަމަނާގެ ބައްޕާފުޅަށް ދެންނެވި ބަސްފުޅެކެވެ.
މި ބަސްފުޅަށް އިޝާރާތްކުރައްވައި ޢިލްމުވެރިން ވިދާޅުވަނީ އިސްލާމީ ފިކުރުގައި މަދަދުގާރުންނަކީ ވަރަޢުވެރި ތަޤުވާވެރި ބަޔަކަށް ވުމުގެ އިތުރަށް އެމީހުންގެ ކިނބާގައި މި ދެ ސިފަ ފުރިހަމަވާންޖެހޭނެ ކަމަށެވެ. ގައިބާރަކީ ހަމައެކަނި ހަށިގަނޑުގެ ބާރެއް ނޫނެވެ. އެއީ ކަމަށް އެކަށީގެންވުމާއި ޤާބިލުކަމެވެ. ދެވަނައަށް އެމީހަކީ އަމާނާތްތެރިއަކަށް ވާންވާނެއެވެ. މިއިން ސިފައެއް މަދަދުގާރެއްގެ ކިނބައިން ގެއްލޭ ހިނދު އެމީހަކު ބާރާއި ނުފޫޒުން ދުރުކުރުމަކީ ވެރިމީހާއަށް އޮތް ވާޖިބެކެވެ.
މުއައްރިޚުން ލިޔުއްވާ ގޮތުގައި ޖަލުގައި ބަރާމިކާއިންގެ މެދުގައި ދެކެވުނު ވާހަކައެއްގައި ޔަޙުޔަލް ބަރުމަކީގެ ބޭފުޅެއް އާނާގެ ބައްޕާފުޅު އަރިހުގައި ދެންނެވިއެވެ. "އޭ ބައްޕާއެވެ. އަހަރުމެންނަށް އަމުރުކޮށް ނަހީކުރުމުގެ ބާރާއި، ފައިސާއާއި ތަނަވަސްކަން ލިބުމަށްފަހު މިއީ އަހަރުމެންނަށް މިއަދު އޮތް ހާލަތު ހެއްޔެވެ." ޖަވާބުގައި ޔަޙުޔާ ވިދާޅުވިއެވެ. "ދަރިފުޅާއެވެ. އަހަރުމެން އެއާމެދު ޣާފިލުވެފައިވަނިކޮށް އަނިޔާ ލިބުނު މީހެއްގެ ދުއާ، އެއާމެދު ޣާފިލުވެވޮޑިގެންނުވާ މާތްﷲގެ ޙަޟްރަތަށް އުފުއްލެވުނީއެވެ."