އުމުރުން މިހާރު 41 އަހަރުގެ އިބްރަހިމޮވިޗް ރޭ ދެވަނަ ހާފުގައި ކުޅެން އެރީ ބެންޗުންނެވެ. އޭނާ ކުޅެން އެރުމުން ސްވިޑެންގެ ސަޕޯޓަރުން ވަނީ އިބްރަހިމޮވިޗަށް ސްޓޭންޑިން އޮވޭޝަން އަރުވައިފަ އެވެ. ރޭގެ މެޗަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްތެރޭ އިބްރަހިމޮވިޗް ސްވިޑެން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
41 އަހަރާއި 21 ވަނަ ދުވަހުގައި އިބްރަހިމޮވިޗް ކުޅެން އެރުމާއެކު އޭނާ ވެގެންދިޔައީ ޔޫރޯ ކޮލިފައިންގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އެކަމަކު އެ ރެކޯޑް އޮތީ ހިނދުކޮޅަކަށެވެ. ރޭ ގްރީސް އަތުން ޖިބްރާލްޓާ ބަލިވި މެޗުގައި އެގައުމުގެ ބަދަލު ގޯލްކީޕަރު ލޭ ކަސިއާރޯ ކުޅެން އެރުމާ އެކު ޔޫރޯ ކޮލިފައިންގައި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ވަނީ ކަސިއާރޯ އަށް ލިބިފަ އެވެ. އިބްރަހިމޮވިޗަށް ވުރެ ކަސިއާރޯ އުމުރުން ދޮށީ ހަތަރު ދުވަހެވެ.
އިބްރަހިމޮވިޗާއި ކަސިއާރޯ އަށް ވުރެ ކުރިން މި ރެކޯޑް ހެދީ 1983 ވަނަ އަހަރު އިޓަލީގެ ގޯލްކީޕަރު ޑީނޯ ޒޯފް އެވެ.
ރޭގެ މެޗުގެ ރެކޯޑް ގެއްލުނަސް އިބްރަހިމޮވިޗް ވަނީ މިދިޔަ ހަފްތާ ބަންދުގައި އިޓާލިއަން ލީގުގައި ގޯލު ޖަހައި، އެ ލީގުގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އިޓާލިއަން ލީގުގައި އިބްރަހިމޮވިޗް ރެކޯޑް ހެދީ އުދިނޭޒީ ކޮޅަށް ޖެހި ޕެނަލްޓީ އަކުންނެވެ.
ރޭގެ މެޗުގައި ލުކާކޫ ހެޓްރިކް ހެދީ 35، 49 އަދި 82 ވަނަ މިނެޓުގަ އެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ލުކާކޫ އަށް ގައުމީ ޓީމަށް ގޯލެއް ނުޖެހެ އެވެ.
ބެލްޖިއަމް ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު ކޯޗު ރޮބާޓޯ މާޓިނޭޒް މަގާމުން ވަކިކޮށް ޑޮމެނިކޯ ޓެޑެސްކޯ ވަނީ ކޯޗުކަމަށް ހަމަޖައްސައިފަ އެވެ. ރޭގެ މެޗަކީ ޓެޑެސްކޯގެ ކޯޗުކަމުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗެވެ.