Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

ރޫޙާއި ހަށިގަނޑާއި އުންމަތުގެ ޙަޤީޤަތަށް ރަމަޟާނިއްޔަ އިންޤިލާބެއް

އަޅުގަނޑުމެން މިތިބީ ރަޙުމަތުގެ އެންމެ ތަނަވަސް ދޮރާށިތަކުގެ ތެރެއިން ދޮރާށްޓެއްގެ ތެރެއަށް ދެ ފިޔަވަޅު އަޅައިގެންނެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ދޮރާށްޓެވެ. ރަމަޟާނަކީ ހެވާއި ހިދާޔަތުން ފުރިގެންވާ ފުރިހަމަ މަދުރަސާއެކެވެ. މި މަދުރަސާއިން މުސްލިމުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އަގުހުރި އެއް ފިލާވަޅަކީ އިންޤިލާބާއި ބަދަލުގެ ފިލާވަޅެވެ.

ރަމަޟާން ބަދަލާއި އިންޤިލާބުގެ މައްސަރަކަށްވާ ސަބަބުތައް

ރަމަޟާން މަހާއެކު އަންނަ އިންޤިލާބާއި ބަދަލުގެ ސަބަބުތައް ބައިވަރެވެ. އެއީ އަޅުގަނޑުމެންގެ ނަފުސުތަކަށް ކުރިއެރުމާއި ތަރައްޤީ ގެނުވަނިވި މައްސަރެކެވެ. އެ ތަރައްޤީއާއި ކުރިއެރުމުގެ މޫތައް ގުޅިފައިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

މި މައްސަރުގެ މަޤާމު: ރަމަޟާން މަހަށް އޮންނަ ފަދަ މަތިވެރި މަޤާމެއް އަހަރުގެ އެހެން އެއްވެސް މަހަކަށް ދެއްވާފައި ނެތެވެ. އެއީ ޤުރުއާނުގައި އެ މައްސަރުގެ ނަންގަނެވި ޚާއްޞަކުރެވިގެންވާ މަތިވެރި މައްސަރެވެ.

ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވުނު ރަމަޟާން މަސް ކަމަށެވެ. ރަމަޟާން މަހުގައި އެމަހަށް ޚާއްޞަ އެތައް ހެޔޮކަމެއް މާތްﷲ ލެއްވިއެވެ. މާތް ޤުރުއާން ބާވައިލެއްވުމާއި، ރޯދައިން ﷲއަށް އަޅުކަންކުރުމާއި، އެނޫންވެސް ފަރުޟު އަދި ސުންނަތް އަޅުކަންތަކެވެ.

ޢަދުއްވުގެ ބަލިކަށިކަން: މުސްލިމުންގެ އެއް ނަންބަރު އަދުއްވުކަމަށްވާ ޝައިޠާނާ ކަސްތޮޅުއެޅުވި ބަލިކަށިވާ މަހަކީ ރަމަޟާނެވެ. ބުޚާރީއާއި މުސްލިމް އަބޫ ހުރައިރުތުގެފާނުގެ އަރިހުން ރިވާކުރެއްވި ހަދީސް ބަސްފުޅެއްގައި ކައުއިތުރު ރަސޫލާ ހަދީސްކުރެއްވިއެވެ. "ރަމަޟާން މަސް ފެށުމުން އުޑުތަކުގެ ދޮރޮކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، ޝައިޠާނުން ކަސްތޮޅުއެޅުވެއެވެ."

އިލްމުވެރިން މި ބަސްފުޅުގެ މާނާގައި ވިދާޅުވަނީ ރަމަޟާން މަހުގައި ބޮޑެތި ޝައިޠާނުން ކަސްތަޅުއެޅުވި، ވަސްވާސްލައި މަގުފުރެއްދުމުގެ ބާރު ކުޑަވެގެންދާ ކަމަށެވެ. އަދި ﷲއަށް ހެޔޮ ގޮތުގައި އަޅުވެރިވެ އަޅުކަންކުރާ މީހާ ޝައިޠާނުންގެ ނުބައިކަމުން މިންޖުކުރައްވާ ކަމަށެވެ.

ގިނަ އަޅުކަމުގެ ފުުރުސަތު ލެއްވުން: ރަމަޟާން މަހަކީ އެހެން މައްސަރުތަކަށްވުރެ ގިނަ އަޅުކަމުގެ ފުރުސަތުތައް އެ މަހެއްގައި މާތްﷲ ލެއްވެވި މައްސަރެކެވެ. އެހެން މަސްތަކާ އެއްގޮތަށް ނަމާދާއި ޛިކުރާއި ދުއާ އެ މައްސަރުގައި ލެއްވިއެވެ. އޭގެ އިތުރަށް ފަރުޟު ރޯދައާއި ފިޠުރު ޒަކާތާއި، ތަރާވީޙު ނަމާދާއި ތަހައްޖުދުގެ އަޅުކަމާއި، ލައިލަތުލް ޤަދުރި ލައްވިއެވެ.

އިމާމް އަޙްމަދު އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާކުރެއްވި ޙަދީސްބަސްފުޅެއްގައި ކައުއިތުރު ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެކަލޭގެފާނުގެ ޞަޙާބީންނަށް އުފައުވެރިކަމުގެ ޚަބަރުދެއްވައި ޙަދީސްކުރެއްވިއެވެ. "ތިޔަބައިމީހުން ގާތަށް ބަރަކާތްތެރި މައްސަރެއްކަމަށްވާ ރަމަޟާން އަތުވެއްޖެއެވެ. އެ މައްސަރުގެ ރޯދަ ތިޔަބައިމީހުންގެ މައްޗަށް މާތްﷲ ފަރުޟުކުރެއްވިއެވެ. އެއްހާސް އަހަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެ މައްސަރުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެ މީހާ [އެހެން ހެޔޮކަންކަމުންވެސް] މަހުރޫމުވެއްޖެއެވެ."

ބަދަލާއި އިންޤިލާބަށް ބާރުއަޅައި އެހީވާ ކަންކަން

ރަމަޟާން މަހުގައި މުސްލިމުންނަށް ހެޔޮ ކަންކަން ކުރުމާއެކު، ހެޔޮ މަގަށް ރުޖޫއަވެ ބަދަލު ގެނައުމަށް ބާރުއަޅާ އެތައް ކަމެއް އެކުލެވެއެވެ.

ރަމަޟާން މަސް އައުމުގެ ނިއުމަތް އިހުސާސްވުން: ރަމަޟާން މަސް ބައްދަލުކުރުމުގެ ނިއުމަތް އިހުސާސުވުމަކީ މުސްލިމާ އޭނާގެ ކިނބައިގައި އަށަގަނެފައިވާ މުޑުދާރު ނުރަނގަޅު އާދަތަކާ ދުރަށް ދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.

އިމާމް އަޙްމަދު އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާކުރެއްވި އަންނަނިވި ވާހަކައާމެދު ވިސްނައިލަމާ ބަހީއެވެ. އެއީ އެކުއެކީ އިސްލާމްވި ދެމީހެއްގެ ވާހަކައެވެ. އެއިން އެކަކު މާތްﷲގެ މަގުގައި ޖިހާދުކުރައްވައި ޝަހީދުވީއެވެ. އަނެކަކު ޝަހީދުވީ އަހަރެއް ފަހުންނެވެ. ޠަލްޙަތު ބިން ޢުބައިދުﷲއަށް ހުވަފެންފުޅެއްގައި ފެނިވަޑައިގަތީ ފަހުން ޝަހީދުވި މީހާ ކުރިން ޝަހީދުވި މީހާގެ ކުރިން ސުވަރުގެއަށް ވައްދަވަނިކޮށެވެ. އެކަމާ އަޖައިބުވެވަޑައިގެން އެ ހުވަފެންފުޅުގެ ވާހަކަފުޅު ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާއާ ހިއްސާކުރެއްވިއެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިއެވެ. "ފުރަތަމަ ޝަހީދުވި މީހާއަށް ފަހުން ދެވަނަ މީހާ ރަމަޟާން މަހުގެ ރޯދަ ހިފައި، ހަހާސް ރަކުއަތުގެ ސުންނަތް ނަމާދުކުރި ނޫންހެއްޔެވެ؟"

ހެޔޮ ދަރުމަ ލިބުމުގެ އުންމީދު: މުސްލިމާ އަބަދުވެސް މާތްﷲއާމެދު ހެޔޮކޮށް ވިސްނުން ލާޒިމުއެވެ. ﷲ އަޅާއަށް ދެއްވަނީ އެއަޅާ އުންމީދުކުރާ ގޮތަކަށެވެ. އަދިކިއެއްތަ، އެކަލާނގެ ފަޟްލުވަންތަވެރިކަމުން އިތުރު ދަރުމައާއި ސަވާބު މިންވަރުކުރައްވައެވެ. ޤުދުސިއްޔަ ޙަދީސްބަސްފުޅެއްގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިމަން ރަސްކަލާނގެ ވޮޑިގެންވަނީ ތިމަންރަސްކަލާނގެ އަޅާއާމެދު ހީކުރާ ގޮތުގެ މަތީގައެވެ."

ހެޔޮ އެކުވެރިން: އާއެކެވެ. ބަދަލާއި އިންޤިލާބަށް އެންމެ ބޮޑަށް ބާރުއަޅާނީ ރަނގަޅު އެކުވެރިންނެވެ. ނުބައި ކަންކަން ދޫކޮށްލައި ހެޔޮ ކަންކަމަށް ރައްކާތެރިވުމަށް ބާރުއަޅާ ޞާލިޙު ވެއްޓަކާނުލައި ބަދަލެއް ނުގެނެވޭނެއެވެ. އިސްލާހެއް ނުވެވޭނެއެވެ.

މި ސަބަބަކަށްޓަކައި ކަހުފު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްﷲވަނީ ހެނދުނާއި ހަވީރު މާތްﷲއަށް ދުޢާކޮށް އެކަލާނގެ ވަޖުހުފުޅު އަދައިގެން އުޅޭ މީހުންނާއެކު ކެތްކުރެއްވުމަށް އެކަލާނގެ ނަބިއްޔާއަށް އެންގެވިއެވެ.

ދުޢާ: ދުޢާއަކީ އެންމެ ބާރުގަދަ އަދި އެންމެ ފައިދާ ބޮޑު ހަތިޔާރެވެ. ރަމަޟާނަކީ ދުއާގެ މައްސަރެވެ. ރަމަޟާން މިންވަރުކުރައްވާތޯ ދެންނެވުމުން ފެށިގެން ރަމަޟާން މަހުގެ ދަރުމައާއި ފުއްސެވުމާއި ދިންނެވުން މިންވަރުކުރެއްވުން އެދިކުރާ ދުއާއެވެ. މުޅި ދުވަހުގެ ދުޢާއެވެ.

އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމް އަޙްމަދު ރިވާކުރެއްވި ނަބަވީ ބަޝާރަތެއްގައިވެއެވެ. "ތިން މީހެއްގެ ދުޢާ މާތްﷲ ރައްދުނުކުރައްވައެވެ. ޢަދުލުވެރި އިމާމާއާއި ރޯދަ ވީއްލުމާ ހަމައަށް ރޯދަވެރިޔާއާއި އަނިޔާ ލިބިފައިވާ މީހާގެ ދުއާއެވެ." ރަމަޟާން މަހުގެ ދުއާގެ ތެރޭގައި ރޯދަ ވީއްލާއިރު ކިޔާ ދުއާއާއި ހާރުކެއުމުގެ ކުރިންނާއި ފަހުންކުރާ ދުއާއެވެ.

ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި މާތްﷲ އެކަލާނގެ ޒާތުފުޅު ސިފަކުރައްވާފައިވަނީ ދުއާކުރާ މީހާ އެކަލާނގެއަށް ދުއާކުރާ ހިނދު އެމީހާކަ ކުއްތަންވެވޮޑިގެންވާ ކަމަށެވެ.

ރަމަޟާނިއްޔަ އިންޤިލާބުގެ ދާއިރާތައް

ރަމަޟާން މަހާއެކު ގެނުވާ ބަދަލާއި އިންޤިލާބަކީ ވަކި ދާއިރާއެއްގައި ބަދެވި ހަނި މަގެއްގައި ތާށިވެފައިވާ އިންޤިލާބެއް އަދި ބަދަލެއް ނޫނެވެ. ނަމަވެސް އެ ބަދަލަކީ ތަފާތު ދާއިރާތަކުން ތަފާތު މަގުތަކުން ގެނުވާ ބަދަލެއް އަދި އިންޤިލާބެކެވެ. ރަމަޟާނަކީ ހަށިގަނޑާއި ރޫޙާއި ބުއްދިއާ މުޚާޠަބުކުރާ މައްސަރެކެވެ.

ފިކުރާއި ވިސްނުމުގެ އިންޤިލާބެއް: އިސްލާމީ އުންމަތް މިހާރު އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ވިސްނުމާއި ފިކުރުގެ ބަދަލަކަށެވެ. ގޯސް އާދަތަކާއި ރަނގަޅު ނޫން މައުލޫމާތުތަކުން ތަޣައްޔަރުވެ ކިލަނބުވެފައިވާ އުންމަތުގެ ޟަމީރު ސާފުކޮށް ޞައްޙަ، ސާފު ފިކުރުތަކާއި އާދަތަކަށް އަނބުރައިލަން ރަމަޟާނަކީ ރަނުގެ ފުރުސަތެކެވެ.

ސާފު ފިތުރަތާ ފުށުއަރާ ފިކުރުތަކާއި، ހަމަބުއްދީގެ އަސާސްތަކުން އެއްކިބާވެފައިވާ ވިސްނުންތަކުން މިންޖުކޮށްދީ ކީރިތި ޤުރުއާނުގައި އެކުލަވާ ފިކުރުތަކާއި އަގުހުރި މަފުހޫމުތަކަށް އިސްލާމީ އުންމަތުގެ ވިސްނުން އަނބުރައިލަދެނީ ރަމަޟާނެވެ.

ހިތާއި ރޫޙުގެ އިންޤިލާބެއް: އަރާމަށް އާދަވެ، ކަންނެތްކަމަށް އާދަވެ، އެނަފުސުގެ ބޭނުންތަކަށް ލެނބިފައިވާ ނަފްސު ކަންނެތްކަމާއި ހަށިގަނޑުގެ ބޭނުންތަކަށް ބުރަވެފައި އޮންނަ އޮތުމުން ބޭރުކޮށްދޭނެ ތަމްރީނަކަށް ބޭނުންޖެހިފައިވަނީ ވަރަށް ބޮޑަށެވެ.

ރޯދައާއި ރޭ އަޅުކަމާއި، ޛިކުރާއި ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުންފަދަ ހެޔޮކަންކަމުން ހާސިލުވަނީ އެކަމެވެ. މި މަޤުޞަދު ހާސިލުވަނީ މި އަމަލުތަކުގެ ތެރޭގައި ހިތް ރަނގަޅަށް ފުރިހަމައަށް ބައިވެރިކުރެވުމުންނެވެ. ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޙަދީސްކުރައްވާފައިވެއެވެ. "ހަށިގަނޑުގައި އެ ގުނަވަނެއް ރަނގަޅުވެއްޖެނަމަ މުޅި ހަށި އިސްލާހުވާ ގުނަވަނެއްވެއެވެ. އަދި އެ ގުނަވަން ފާސިދުވެ ނުބައިވެއްޖެނަމަ މުޅި ހަށިގަނޑުވެސް ފާސިދުވެއެވެ. އެގުނަވަނަކީ ހިތެވެ."

އަޚުލާޤީ އަދި ސުލޫކީ އިންޤިލާބެއް: އުންމަތަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އަނެއްކަމަކީ ބޮޑު ސުލޫކީ ބަދަލެކެވެ. ރަމަޟާން މަހަކީ ނުބައި އުޅުން އިސްލާހުކޮށް އެ އުޅުމުގެ މައްޗަށް އިންޤިލާބު ގެނައުމުގެ މަހެވެ. އަޚުލާޤުގެ ހަރުފަތްތަކުން މައްޗަށް ފިޔަވަޅުއަޅައި، އޭނާގެ އަޚުލާޤު ރަނގަޅުކުރުމަށް ރަމަޟާންމަހަކީ އަގުހުރި ފުރުސަތެކެވެ. އެއީ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ މަތިވެރި ބަސްފުޅުގައި ބަޔާންކުރައްވާފައިވާ "ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހުންނަކީ އެންމެ އަޚުލާޤު ރަނގަޅު މީހުން"ގެ ތެރޭގައި ހިމެނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މާއްދީ ޙަޔާތުގެ މައްޗަށް އިންޤިލާބެއް: މި ޒަމާނުގެ ދިރިއުޅުމަކީ ރޫޙާނިއްޔަތާ ދުރު މާދިއްޔަތަށް ޣަރަޤުވުމުގެ މައްސަރެކެވެ. ރަމަޟާން އަންނަނީ ރޫޙާނިއްޔަތުގެ ތެރެއަށް ވަނުމުގެ އަގުހުރި ފުރުސަތު ދެމުންނެވެ.

ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ ޙަދީސް ބަސްފުޅެއްގައި ވެއެވެ. "އީމާންތެރިކަމާއެކު ދަރުމަ އަދައިގެން ރަމަޟާން މަހު ރޯދަހިފައިފި މީހާއަށް އޭނާގެ ފާއިތުވި ފާފަތައް މާތްﷲ ފުއްސަވާނެއެވެ." އެއީ ރެއާއި ދުވާލުގެ އިންޤިލާބެކެވެ. އެ އިންޤިލާބުގެ ދުވާލުގެ އާލަތަކީ ރޯދައެވެ. ރޭގަނޑުގެ އާލަތަކީ ރޭއަޅުކަމެވެ.

މިހުރިހައި ކަމެއް ފުރިހަަމަވުމުން އުންމަތަށް ތާޒާކަން ގެނުވައެވެ. އެ އުންމަތުގެ ގަދަކަމާއި ބަލިކަށިކަމުގެ މަސްދަރުކަމަށްވާ ކީރިތި ޤުރުއާނާ އުންމަތް ގުޅުވައިލައެވެ. މި އުންމަތުގެ ހަގީގަތްކަމަށްވާ މާދިއްޔަތުގެ އިންތަކުން ނެއްޓިފައިވާ ރޫޙާނިއްޔަ އުންމަތެއްކަމުގެ އިހުސާސް އަލުން ދިރުވައިދެއެވެ.

މި ލިއުމާއި ގުޅޭ