ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ ރެކޯޑް ހެދި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ޖަހައިފި އެވެ.
ޔޫއެފާ ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުގައި އަމިއްލަ ގައުމުގައި ޕޯޗުގަލުން ރޭ ވަނީ 0-4 އިން ލިއެޗްޓެންސްޓިން ބަލިކޮށްފަ އެވެ. ރޭގެ މެޗާ އެކު ރޮނާލްޑޯ ވެފައިވަނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ފިރިހެން ކުޅުންތެރިޔާ އަށެވެ.
ރޮނާލްޑޯ މި ރެކޯޑް ކުރިން ހިއްސާކުރީ 196 މެޗު ކުޅުނު ކުވޭތުގެ ފޯވާޑް ބެޑާ އަލް-މުތަވާއާ އެވެ. އެކަމަކު ރޭގެ މެޗާ އެކު ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު ވަނީ 197 އަށް އަރައިފަ އެވެ.
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ކެޓުމުން ގައުމީ ޓީމުން ރޮނާލްޑޯ ފެނިދާނެތޯ ސުވާލު އުފެދުނެވެ. އެކަމަކު ޕޯޗުގަލްގެ ކޯޗުކަމާ ރޮބާޓޯ މާޓިނޭޒް ހަވާލުވެ އިއުލާންކުރި ފުރަތަމަ ސްކޮޑުގައި ރޮނާލްޑޯ ހިމެނި އެވެ.
ރޭ ހޯދި ފަސޭހަ މޮޅުގައި ރޮނާލްޑޯގެ އިތުރުން ގޯލު ކާމިޔާބުކޮށްދިނީ ޔާއޯ ކަންސޭލޯ އާއި ބެނާޑޯ ސިލްވާ އެވެ. މެޗުގައި ރޮނާލްޑޯ ފުރަތަމަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން 51 ވަނަ މިނެޓުގަ އެވެ. އޭގެފަހުން ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ލީޑު ފުޅާކުރީ 63 ވަނަ މިނެޓުގަ އެވެ.
އެންމެ ގިނަ މެޗު ކުޅުމުގެ އިތުރުން ރޮނާލްޑޯ އަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ރޭގެ ދެ ގޯލާ އެކު ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 120 އަށް އަރައިފަ އެވެ. މި ލިސްޓުގެ ދެވަނައިގައި އޮތީ 109 ގޯލު ޖަހާފައިވާ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ އެވެ. ރޮނާލްޑޯއާ ވާދަވެރި ލިއޮނެލް މެސީ އޮތީ 99 ގޯލާ އެކު މި ލިސްޓުގެ ތިންވަނައިގަ އެވެ.