ރޭ ޕެނަމާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 0-2 އިންނެވެ. ރޭގެ މެޗަކީ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗެވެ. އެހެންވެ މެޗު ބެލުމަށް އެތައް ހާސް ބަޔަކު ވަނީ ދަނޑަށް ވަދެފަ އެވެ.
އާޖެންޓީނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ތިއާގޯ އަލްމަޑާ އެވެ. މެސީ އެޓީމަށް ލީޑު ފުޅާކޮށްދިނީ 89 ވަނަ މިނެޓުގައި ވައްދާލި ހިލޭ ޖެހުމަކުންނެވެ.
އުމުރުން 35 އަހަރުގެ ފޯވާޑް 800 ގޯލު ހަމަކުރިއިރު ކުރިން މި ރެކޯޑް ހަދާފާއިވާ ހަމައެކަނި ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެސީ އެންމެ ގިނަ ގޯލު ޖެހީ ބާސެލޯނާގައި ހޭދަކުރި 17 ސީޒަނުގަ އެވެ. އެ މުއްދަތުގައި 672 ގޯލު ޖެހިއިރު ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު 29 ގޯލު ވަނީ ޖަހައިފަ އެވެ. މެސީ ވަނީ ގައުމީ ޓީމަށް 99 ގޯލު ޖަހައިދީފަ އެވެ.
ގައުމީ ޓީމާ އެކު މެސީ އަންގާރަ ދުވަހު ނުކުންނާނީ ކުރަކާއޯއާ ދެކޮޅަށެވެ. އެ މެޗުގައި ލަނޑު ޖަހައިފި ނަމަ ގައުމީ ޓީމަށް މެސީ ޖަހައިދިން ގޯލުގެ އަދަދު 100 އަށް އަރާނެ އެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ 118 ގޯލު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. މި ލިސްޓުގެ ދެވަނައިގައި އޮތީ 1993 އިން 2006 އަށް އީރާން ޓީމަށް ކުޅުނު ފޯވާޑް އަލީ ދާއީ އަތުގަ އެވެ. މެސީ މިވަގުތު އޮތީ އެ ލިސްޓުގެ ތިންވަނައިގަ އެވެ.